ރ އަތޮޅު "އުފުލަންދޫ" ގައި ދަނޑު ބިންތަކުން ނަގާ ކުލި ކުޑަކޮށް، ދަނޑުވެރިންނަށް ފަސޭހައިން ދަނޑުތައް ހެއްދޭނެ މަގު ހޯދައިދޭނެ ކަމަށް ރ. މަޑުއްވަރީ ކައުންސިލްގެ އިންތިޚާބީ ރައީސް ހުސެއިން ޝިހާމް ވިދާޅުވެއްޖެ އެވެ.

ރ އަތޮޅު އުފުލަންދޫ އަކީ އެ އަތޮޅު މަޑުއްވަރީގެ ބައެއް ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ކަނޑައެޅުއްވީ 18 ފެބްރުއަރީ 2025 ގަ އެވެ. އެއާއެކު އެރަށުގެ ގިނަ ރައްޔިތުން ދަނީ އުފުލަންދޫގައި ދަނޑުވެރިކަން ކުރަމުންނެވެ. 

މި މަސައްކަތްތަކާ ގުޅޭގޮތުން ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޝިހާމް ވިދާޅުވީ، އުފުލަންދޫގައި މޫސުމީ ދަނޑުވެރިކަން ކުރާ ކަމަށާއި، ނަމަވެސް ގިނަ ގޮންޖެހުންތައް އެބަހުރި ކަމަށެވެ.

ޝިހާމް ވިދާޅުވީ އުފުލަންދޫއިން ފަސޭހައިން ލަފާފުރޭނެ ގޮތެއް ނެތް ކަމަށާއި، ދަނޑުވެރިން އެރަށަށް ގޮސް އައިސް އުޅެނީ ވަރަށް އުދަނގުލުން ކަމަށެވެ. އަދި ދަނޑުގައި ހައްދާ ބާވަތްތައް ރަށުން ބޭރު ކުރުމުގައި ވެސް ގޮންޖެހުންތަކެއް ހުރި ކަމަށް އޭނާ ވިދާޅުވި އެވެ. 

އެގޮތުން ކުރިއަށް އޮތްތަނުގައި ފަސޭހައިން ލަފާފުރޭނެ އިންތިޒާމް ހަމަޖައްސައި، އުފުލަންދޫއިން މޭވާ އާއި ތަރުކާރު ގަނެވޭނެ ގޮތް ހަދާނެ ކަމަށް ޝިހާމް ވިދާޅުވި އެވެ. އަދި ވިދާޅުވީ އެ އިންތިޒާމު ހަމަޖެހުމުން ކައިރި ރިސޯޓުތަކުން ވެސް އެރަށް ގޮސް ދަނޑުވެރިންގެ އަތުން އެކި ބާވަތްތައް ގަންނާނެ ކަމަށެވެ. 

މީގެ އިތުރުން ޝިހާމް ވިދާޅުވީ އުފުލަންދޫ އަކީ ވަރުވާ އުސޫލުން ދީފައިވާ ރަށެއް ނޫން ކަމަށާއި، ކުލި ދައްކަން ޖެހޭ ރަށެއް ނޫން ކަމަށެވެ. ނަމަވެސް ދަނޑުވެރިންގެ އަތުން ދަނޑު ބިމަށް ބޮޑު ކުއްޔެއް ނަގާ ކަމަށާއި، ކުރިއަށް އޮތްތަނުގައި ކުލި ކުޑަ ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ މިއީ ދަނޑުވެރިންގެ ވެސް ކަންބޮޑުވުމެއް ކަމަށެވެ. 

އެހެންނަމަވެސް ބޮޑު ކުއްޔެއް ނަގަނީ. ޕްރޮގްރާމް ފަށަމުން އާމިރު ފާހަގަކުރިހެން އަޅުގަނޑު 2010 ވަނަ އަހަރުން 2013 ވަނަ އަހަރަށް މަޑުއްވަރި ކައުންސިލަށް ހޮވުނު. އަޅުގަނޑު އޭރު ނައިބު ރައީސްއެއްގެ ހައިސިއްޔަތުން މަސައްކަތް ކުރިއިރުގައި މިތާ ކައިރި ޖެހިގެން މިއޮންނަ ފަސްމަންދޫ އަޅުގަނޑުމެންނަށް ބެލެހެއްޓުން ސަރުކާރުން ހަވާލުކުރި ރަށެއް. ދެން އެހެން ނަމަވެސް އޭރު ދަނޑުވެރިންނަށް ފުރުސަތު ދީގެން ކޮންމެ ދަނޑު ބިމެއްގެ އަކަފޫޓަކަށް ކޮންމެ ގެއަކަށް ދެނީ 5000 އަކަފޫޓުގެ ދަނޑުބިމެއް. އޭރުގައި 5000 އަކަފޫޓުގެ ދަނޑުބިމަކަށް އަޅުގަނޑުމެން ނެގި ކުއްޔަކީ 100ރުފިޔާ. މިހާރު އަޅުގަނޑުމެންނަށް އަޑު އިވެނީ 3500 ނޫނީ 4000 އަކަފޫޓުގެ ބިމަކަށް 400 ރުފިޔާ ނަގަން ޖެހުނީމަ އޭރުގެ އަގާއި މިހާރުގެ އަގާ އަޅާބަލާއިރު އޭރުގައި އަޅުގަނޑުމެންނަށް 100 ރުފިޔާ އަށް ދަނޑުބިމެއް ލިބިފައި އަޅުގަނޑުމެންނަށް ދަނޑުގޮވާން ކުރުމަށްޓަކައި ބޭނުންވާ ހުރިހާ ވަސީލަތެއް ސަރުކާރުން އަޅުގަނޑުމެންނަށް ހިލޭ ފޯރުކޮށްދިން.
ރ. މަޑުއްވަރީ ކައުންސިލްގެ އިންތިޚާބީ ރައީސް ހުސެއިން ޝިހާމް

ޝިހާމް ވިދާޅުވީ މީގެ ކުރިއާ ހިލާފަށް މިހާރު ދަނޑުވެރީންނަށް ސަބްސިޑީ ނުލިބޭ ކަމަށާއި، ދަނޑު ހެއްދުމަށް ވެސް ބޮޑު ހޭދައެއް ކުރަން ޖެހޭ ކަމަށެވެ. އަދި ހަރަދުތައް ބޮޑު ޒަމާނެއްގައި ދަނޑުވެރީން ކުރާ ބުރަ މަސައްކަތުގެ ނަފާ އެންމެ އެދެވޭ ގޮތުގައި ދަނޑުވެރިންނަށް ލިބޭ ގޮތަށް އިންތިޒާމްތައް ހަމަޖައްސައި މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.