މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ކުރިއަށް އޮތް ޕާޓީ ގެ ޗެއާޕަރސަން ހޮވުމަށް ބާއްވާ އިންތިޚާބު، ރިޔާސީ ޕްރައިމަރީ އަށް ފަހު ބޭއްވުމަށް ހުށަހަޅައިފި އެވެ. 

އެމްޑީޕީ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގައި މި ހުށަހެޅުން ހުށަހެޅުއްވީ އެ ޕާޓީގެ ވަގުތީ ޗެއާޕަރސަން، ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ އެވެ.

ޣަފޫރު ވިދާޅުވީ ޗެއާޕަރސަން އިންތިޚާބާއި ދާއިރާގެ އިންތިޚާބު ރިޔާސީ ޕްރައިމަރީއަށް ފަހު ބޭއްވުމަށް ފެންނަ ކަމަށެވެ. ސަބަބަކީ މި ދެ އިންތިޚާބު މިވަގުތު ބާއްވައިފިނަމަ ޕާޓީގެ އެތެރޭގެ މަސްލަހަތު ގެއްލި، އޭގެ ސަބަބުން ސަރުކާރު ޖަވާބުދާރީ ކުރުމުގެ މަސައްކަތަށް ހުރަސްތަކެއް ކުރިމަތިވާނެތީ ކަމަށް ޣަފޫރު ވިދާޅުވި އެވެ.

އޭގެ އިތުރުން މިއަހަރު ސަރުކާރުން ލިބެންޖެހޭ އެއްވެސް ފައިސާއެއް ޕާޓީއަށް ލިބިފައި ނުވާ އިރު، ޕާޓީ ހިންގުމަށާއި އިންތިޚާބު ބާއްވާނެ އެއްވެސް ފައިސާއެއް ޕާޓީގައި ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

އެހެންކަމުން ޕާޓީ ހިންގުމަށްޓަކައި އޭނާ ނުހިމެނޭހެން އިސް ފަރާތްތައް މަޝްވަރާކުރުމަށްފަހު އެކަން ގައުމީ މަޖިލީހަށް ހުށަހަޅުމަށް ޣަފޫރު އެދިވަޑައިގެންފައިވެ އެވެ. 

ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް އެވެ. މީގެ ކުރިން އެ މަގާމަށް ވާދަކުރައްވާނެކަން ހާމަކުރެއްވި އަލްހާން ފަހުމީ މިހާރު ވަނީ ވާދަނުކުރައްވާނެކަން ހާމަކުރައްވައިފަ އެވެ.

މިހާރު ތާވަލުކުރެވިފައިވާ ގޮތުން މި އިންތިޚާބު އޮންނާނީ 12 ޖޫން 2026 ވާ ހުކުރުދުވަހުގެ މެންދުރު 2:30 ން ރޭގަނޑު 8:00 އަށެވެ.