މެއި 1 ގައި ފާހަގަ ކުރާ ބައިނަލްއަގްވާމީ މަސައްކަތްތެރިންގެ ދުވަހު، ޖިންސީ ކޮރަޕްޝަނާ ދެކޮޅަށް ތެދުވެ، އެކަމާ ދެކޮޅަށް އަޑު އުފުލުމަށް ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން ގޮވާލައިފި އެވެ. 

މެއި މަހު ގެ 1 ވަނަ ދުވަހު ފާހަގަ ކުރާ ބައިނަލްއަގްވާމީ މަސައްކަތްތެރިންގެ ދުވަހާ ގުޅިގެން ޓްރާންސްޕޭރަންސީ އިން ވަނީ ޖިންސީ ކޮރަޕްޝަނާ ދެކޮޅަށް އަޑު އުފުލުމަށް ގޮވާލާ ޕޯސްޓުތަކެއް ހިއްސާ ކޮށްފަ އެވެ. 

ޓްރާންސްޕޭރަންސީ އިން ބުނީ މިފަދަ ކޮރަޕްޝަންގެ އަމަލުތަކަކީ ފައިސާ އާއި މާލީ މަންފާގެ ބަދަލުގައި ޖިންސީ އަމަލު ހިމެނޭ ކޮރަޕްޝަންގެ އަމަލުތަކެއް ކަމަށެވެ. އަދި މިއީ ވެސް އާންމު ވަމުންދާ ކަމެއް ކަމަށާ ބާރުވެރި މަގާމެއްގައި ހުރި މީހަކު ޖިންސީ އަމަލެއް ހިންގަން ނުވަތަ އެފަދަ ކަމަކަށް އެދިގެން ކޮރަޕްޝަންގެ އަމަލުތައް ހިންގާ ކަމަށް ޓްރާންސްޕޭރަންސީ އިން ވަނީ ބުނެފަ އެވެ.

މިދަފަ ކޮރަޕްޝަންގެ އަމަލުތަކުގައި ފައިސާގެ ބަދަލުގައި ބަދަލު ކުރާ އެއްޗަކީ ޖިންސީ އަމަލު ކަން އެ އިދާރާ އިން ވަނީ ފާހަގަ ކޮށްފަ އެވެ. 

ނަޒާހާތްތެރި ނޫން މީހަކު ބާރުވެރި މަގާމެއްގައި ހުރެއްޖެ ނަމަ ކޮންމެ ފަދަ މާހައުލެއްގައި ވެސް ޖިންސީ ކޮރަޕްޝަންގެ އަމަލުތައް ހިނގާފާނެ ކަމަށާ އެއީ މަސައްކަތުގެ ވަކި ޚާއްސަ މާހައުލެއްގައި އެކަނި ހިނގާ ކަންކަން ނޫން ކަމަށް ޓްރާންސްޕޭރަންސީ އިން ވަނީ ބުނެފަ އެވެ. 

މިފަދަ ކަންކަން އާންމު ކޮށް ހިންގާ ފަރާތްތަށް ޖިންސީ ކޮރަޕްޝަން ހިންގުމަށް އެދޭނީ އޭނާ އަށް ބަރޯސާވާ ނުވަތަ ނާޒުކު ހާލަތްތަކުގައި ތިބޭ މުވައްޒަފުން ގެ ކައިރީގައި ކަމަށް ވެސް އެ އިދާރާ އިން ވަނީ ފާހަގަ ކޮށްފަ އެވެ. 

ބައިނަލްއަގްވާމީ މަސައްކަތްތެރިންގެ ދުވަހެއް ފަދަ ދުވަހެއް ފާހަގަ ކުރާއިރު މިފަދަ ކަންކަމާ ދެކޮޅަށް އަޑުއުފުލުމުގެ މުހިއްމުކަން ޓްރާންސްޕޭރަންސީ އިން ވަނީ ފާހަގަ ކޮށްފަ އެވެ. އަދި މަސައްކަތުގެ މާހައުލުގައި އެންމެންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ވެސް ޓްރާންސްޕޭރަންސީ އިން ވަނީ ގޮވާލާފަ އެވެ.