މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތްކޮށް، އެ ފަރާތްތަކަށް ގަދަރުވެރި ދިރިއުޅުމެއް ކަށަވަރުކޮށްދިނުމަކީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އެންމެ އިސް އަމާޒު ކަމަށް ދިވެހިރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ ކޮންމެ އަހަރެއްގެ މެއި މަހުގެ ފުރަތަމަ ދުވަހު ފާހަގަކުރާ ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި މެސެޖެއްގަ އެވެ.

މި ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ސޯލިހު ވިދާޅުވީ، މަސައްކަތްތެރިންގެ ހައްގުގައި ކުރަންޖެހޭ ކޮންމެ މަސައްކަތެއްގައި އެމްޑީޕީ އިން އަބަދުވެސް ސާބިތުކަމާއެކު ދެމިއޮންނާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ. އަދި މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކުރުމަކީ އެ ޕާޓީން އަބަދުވެސް އެންމެ ބޮޑު އިސްކަމެއްދޭ އެއް ކަންތައް ކަމަށް އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.

އެމްޑީޕީގެ ސަރުކާރުގައި މަސައްކަތްތެރިންގެ ހައްގުގައި ކުރެވުނު މުހިންމު މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ސޯލިހު ވިދާޅުވީ، ރާއްޖޭގައި ފުރަތަމަ ފަހަރަށް އެންމެ ކުޑަ އުޖޫރަ ނުވަތަ މިނިމަމް ވޭޖް ކަނޑައެޅިގެންދިޔައީ އެމްޑީޕީގެ ސިޔާސަތުތަކުގެ ތެރެއިން ކަމަށެވެ. މީގެ އިތުރުން، ދަރިމައިވުމާ ގުޅިގެންދޭ ހަ މަސްދުވަހުގެ މެޓާނިޓީ ލީވް ތައާރަފުކުރުމާއި، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް ސާވިސް ޗާޖު ކަށަވަރުކޮށްދިނުމަކީ މަސައްކަތްތެރިންގެ ކުރިއެރުމަށް އެޅުނު މުހިންމު ފިޔަވަޅުތަކެއްގެ ގޮތުގައި އެ މަނިކުފާނު ސިފަކުރެއްވި އެވެ.

ރައީސް ސޯލިހު އިތުރަށް ވިދާޅުވީ، މަސައްކަތްކުރާ މާހައުލަކީ ނަފްސާނީ ގޮތުން ދުޅަހެޔޮ އަދި ރައްކާތެރި ތަނަކަށް ހެދުމަށް އެމްޑީޕީ އިން އަބަދުވެސް ވަކާލާތު ކުރާނެ ކަމަށެވެ. މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތްކުރުމަށް ކުރާ މަސައްކަތުގައި އެމްޑީޕީ އިން ދެމިތިބޭނެ ކަމުގެ ޔަގީންކަން އެ މަނިކުފާނު ވަނީ ތަކުރާރު ކުރައްވާފަ އެވެ.

ރައީސް ސޯލިހު މިފަދަ މެސެޖެއް ދެއްވާފައި މިވަނީ، މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް އިތުބާރު ގެއްލިފައިވާ ކަމަށް ބުނެ، ގައުމުގެ ސަލާމަތަށްޓަކައި 12 ކަމެއް އިސްލާހު ކުރުމަށް ގޮވާލައި އިދިކޮޅު އެމްޑީޕީން މާލޭގައި ސިލްސިލާ މުޒާހަރާތަކެއް ކުރިއަށްގެންދާ ދަނޑިވަޅެއްގަ އެވެ. އެމްޑީޕީން އަންނަނީ ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުކިޔައި، ރައްޔިތުންގެ ހައްގުތައް ކަށަވަރުކުރުމަށް ގޮވާލަމުންނެވެ.