ފޯކައިދޫ ފުލުސް އިންޗާޖުގެ ސައިކަލުގައި ރޯކޮށްލީ ގަސްތުގައި އޭނާއަށް އަމާޒުކޮށްގެން  ކަމަށް ފުލުހުން ބުނެފި އެވެ. 

ފުލުހުން ބުނީ 2026 އެޕްރީލް 27 ވަނަ ދުވަހުގެ ރޭ 10:30 އެހައިކަންހާއިރު ށ. ފޯކައިދޫގައި ފުލުހެއްގެ ސައިކަލުގައި ރޯކޮށްލާފައިވާ ކަމަށް ތުހުމުތުކުރެވޭ މައްސަލައިގައި، އެ ހާދިސާގެ ތަހުގީގުން މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، މިއީ ފުލުސް އޮފިސަރަށް އާމާޒުކޮށްގެން ގަސްތުގައި ހިންގާފައިވާ އަމަލެއް ކަމަށެވެ. އަދި މި ހާދިސާގައި ސައިކަލު ބޭނުން ނުކުރެވޭ ވަރަށް އަންދާލާފައިވާ އިރު، އެ ގޭގެ ގޭޓު ހިމެނޭހެން ގޭގެ ބައެއް ސަަރަހައްދުތަކަށް ގެއްލުން ވެފައިވެ އެވެ. 

ފުލުހުން ބުނީ މި މައްސަލަ ދިވެހި ފުލުހުންގެ ހިދުމަތުން ދަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންނެވެ. މި އަމަލު ހިންގި ފަރާތް ހޯދައި ގާނޫނީ ގޮތުން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. 

އަދި ގާނޫނު ތަންފީޒުކުރާ މުވައްޒަފުންނަށް އަމާޒުކޮށް ހިންގާ ބިދު ދެއްކުމުގެ މިފަދަ އަމަލުތައް ދިވެހި ފުލުހުންގެ ހިދުމަތުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ. އަދި މިއީ މުޅި މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ގޮންޖެހުމެއްގެ ގޮތުގައި ދެކޭ ކަމަށް ބުނެފައިވެ އެވެ. 

ފުލުހުން ބުނީ ކުށްކުރާ ފަރާތްތަކުން ފުލުހުންގެ ވާޖިބަށް ހުރަސްއަޅައި، ބިރު ދެއްކުމަށް ހިންގާ މިފަދަ ފިނޑި އަމަލުތަކުގެ ސަބަބުން، ގާނޫނު ތަންފީޒު ކުރުމުގައި ފުލުހުން ކުރަމުންދާ މަސައްކަތަށް އެއްވެސް މަޑުޖެހުމެއް ނާންނާނެ ކަމަށެވެ. އަދި ފުލުހުންނަށް އަނިިޔާކުރުމާއި ބަދަލު ހިފުމުގެ ރޫހުގައި ހިންގާ ކޮންމެ އަމަލަމާ މެދު، ފަސްޖެހުމެއް ނެތި ގާނޫނީ އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނެފައިވެ އެވެ. 

ފުލުހުން ބުނީ ގާނޫނު ނަގަހައްޓައި، ފުލުުންގެ ރައްކާތެރިކަން ކަށަވަރުކޮށް އަމާންކަން ގާއިމުކުރުމުގައި ދިވެހި ފުލުހުންގެ ހިދުމަތް ސާބިތުކަމާއެކު ދެމި އޮންނާނެ ކަމަށް ބުނެފައިވެ އެވެ. 

މި ސައިކަލުގައި ރޯކޮށްލީ 27 އެޕްރީލް ވަނަ ދުވަހުގެ ރޭގަނޑު 10:30 ގަ އެވެ. ރޯކުރީ ށ. ފޯކައިދޫ ޕޮލިސް ސްޓޭޝަން އިންޗާޖުގެ ގޮތުގައި މަސައްކަތްކުރާ ފުލުހެއް ދިރިއުޅޭ ގެ ކައިރީ ބަހައްޓާފައިހުރި އޭނާގެ ސައިކަލުގަ އެވެ.