އިލެކްޝަންސް ކޮމިޝަންގެ ރައީސް މުހައްމަދު ޒާހިދު އިސްތިއުފާ ދެއްވައިފި އެވެ. 

ޒާހިދު އިސްތިއުފާ ދެއްވީ ހުކުރު ދުވަހުގެ މެންދުރު 2:03 ހާއިރު އެވެ. އިލެކްޝަންސް ކޮމިޝަންގެ ތަރުޖަމާނު އަދި ނައިބު ރައީސް އަބްދުއްރަހުމާން ސޮލާހު ރަޝީދު ރާއްޖެއެމްވީ އަށް ވިދާޅުވީ ކޮމިޝަންގެ ރައީސް އިސްތިއުފާ ދެއްވިކަން އަންގަވާފައިވާ ކަމަށެވެ. އެގޮތުން ކުރެއްވި މެސެޖެއްގައި ވިދާޅުވީ އިސްތިއުފާ ދެއްވި ކަމަށާއި، ސަބަބެއް ވިދާޅު ނުވާ ކަމަށެވެ. ޒާހިދު އިލެކްޝަންސް ކޮމިޝަންގެ ރައީސް ކަމަށް އައްޔަން ކުރެއްވީ 26 ޖެނެއަރީ 2025 ގަ އެވެ. ޒާހިދު އިލެކްޝަންސް ކޮމިޝަންގެ ރައީސް ކަމަށް އައްޔަން ކުރެވުނު އިރު އޭނާ އަކީ އެޗްއާރުސީއެމްގެ މެންބަރުކަމުގައި ހުންނަވަނިކޮށް 19 ވަނަ މަޖިލީހުން އޭނާގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި މަގާމުން ވަކިކޮށްފައިވާ ފަރާތެކެވެ.

ޒާހިދު އިލެކްޝަންސް ކޮމިޝަނަށް އައްޔަން ކުރަން ފެންނަ ކަމަށް މަޖިލީހުން ފާސްކުރީ ދައުރުން ބޭރުން މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 16 ވަނަ ދުވަހު ބޭއްވި ޖަލްސާގަ އެވެ. ޒާހިދު އެ މަގާމަށް އައްޔަން ކުރެއްވުމުގެ ކުރިން އީސީގެ ކުރީގެ ދެ މެންބަރުން ކަމުގައިވާ ކޮމިޝަންގެ ކުރީގެ ނައިބު ރައީސް އަލީ ނަޝާތާއި މެންބަރު މުހައްމަދު އާސިފް މަގާމުން ވަކިކުރި އެވެ. 

ޒާހިދަކީ މިނިވަން މުއައްސަސާތަކުގެ ރައީސުން އައްޔަން ކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބޭ ގޮތަށް 20 ވަނަ މަޖިލީހުން ގާނޫނަށް ގެނައި އިސްލާހާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޔަން ކުރެއްވި ރައީސެކެވެ.