ރ.ރަސްމާދޫ ސިއްހީ މަރުކަޒުގެ އެކްސްޕެންޝަން އިމާރާތުގެ މަސައްކަތް، ފެނަކަ ކޯޕްރޭޝަންއާ ހަވާލުކުރި ނަމަވެސް މިހާތަނަށް އެއްވެސް މަސައްކަތެއް ކޮށްފައިނުވާ ކަމަށް އެރަށުގެ ކައުންސިލުން ބުނެފި އެވެ.

ހުކުރު ދުވަހުގެ ފަށާއިރު ޕްރޮގްރާމްގައި އެރަށުގެ ކައުންސިލްގެ ރައީސް މުހައްމަދު އާސިފް ވަނީ އެރަށުން ސިއްހީ ޚިދުމަތް ރަނގަޅަށް ނުލިބޭތީ އެކަމުގެ ކަންބޮޑުވުން ފާޅު ކުރައްވާފަ އެވެ.

އާސިފް ވިދާޅުވީ ރައްޔިތުން މަޖިލީހުގެ އިންތިޚާބާ ދިމާކޮށް، ސިއްހީ މަރުކަޒުގެ އެކްސްޕެންޝަން އިމާރާތުގެ މަސައްކަތް ފެނަކައާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށެވެ. ނަމަވެސް މިއަދާ ހަމައަށް މިމަޝްރޫއާ ގުޅުންހުރި އެއްވެސް މަސައްކަތެއް ކޮށްފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން އާސިފް ވިދާޅުވ ސިއްހީ މަރުކަޒު ޖާގަ އިތުރުކޮށް، މުވައްޒަފުންނަށް ފަސޭހައިން ވަޒީފާ އަދާކުރެވޭނެ ގޮތް މަގުފަހި ކޮށްދޭން ބޭނުންވާ ކަމަށާއި، ބަލި މީހުންނަށް ރަނގަޅު ބޭސް ފަރުވާގެ ޚިދުމަތް ގާއިމް ކޮށްދޭން ބޭނުންވާ ކަމަށެވެ.

ނަމަވެސް މިމަޝްރޫއުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދާތީ ސަރުކާރުގެ ފަރާތުން ބަހެއް ހޯދުމަށް މަސައްކަތް ކުރި ކަމަށާއި، ހެލްތް މިނިސްޓްރީއަށް ދެ ފަހަރެއްގެ މަތިން ގޮސް މައުލޫމާތު ސާފުކޮށްފައިވާ ކަމަށެވެ. އަދި ހެލްތް މިނިސްޓްރީން ވެސް ފެނަކައިން އެމަސައްކަތް ނުކުރާކަން ފާހަގަ ކުރެވިފައިވާތީ، މިހާރު މިމަޝްރޫއު އެހެން ބަޔަކާ ހަވާލު ކުރުމުގެ ވިސްނުމެއް ގެންގުޅެމުންދާ ކަމަށް ބުނެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. 

 އެމަސައްކަތް އެއްވެސް ވަރަކަށް ނުހިނގައިގެން އަޅުގަނޑުމެން އޭގެފަހުން ދެ ފަހަރަކަށް މިނިސްޓްރީއަށް ދިޔައިން. ގޮސް ވާހަކަ ދެއްކިއިރުގައި މިނިސްޓްރީގެ ބޭފުޅުން ވެސް ބުނީ ފެނަކައާ ހަވާލުކުރި އެއްވެސް މަސައްކަތެއް ކުރިއަށް ނުދޭ. އެހެންވީމަ މިނިސްޓްރީގެ ވިސްނުމަކަށް ވެފައި އޮތީ މިހާރު ފެނަކަ އަތުން އޭތި ނަގާފައި އިތުރު ގޮތަކަށް އެކަން ކުރެވޭތޯ މަސައްކަތް ކުރުން. އަދި މިހާތަނަށް އެ މުއާމަލާތްތައް ނުވެސް ހިނގާ.
ރަސްމާދޫ ކައުންސިލްގެ ރައީސް މުހައްމަދު އާސިފް 

ރަސްމާދޫ ސިއްހީ މަރުކަޒުގެ އެކްސްޕެންޝަން އިމާރާތުގެ މަސައްކަތް ފެނަކައާ ހަވާލުކުރީ 29 މެއި 2025 ގަ އެވެ.