ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ރައީސްގެ މަގާމުގައި ހުންނެވި މުހައްމަދު އަނަސް ބުރާސްފަތި ދުވަހު އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން، އެ މަގާމަށް މުހައްމަދު ނިޒާރު އަލުން އައްޔަންކުރައްވައިފި އެވެ.

ނިޒާރު އަކީ މީގެ ކުރިން ވެސް މި މަގާމު ފުރުއްވާފައިވާ ބޭފުޅެކެވެ.

ޕީސީބީ އިން ބުނި ގޮތުގައި، އަނަސް މަގާމުން އިސްތިއުފާ ދެއްވީ ބުރާސްފަތި ދުވަހުގެ ވަގުތެއްގަ އެވެ. އަނަސް ޕީސީބީގެ ރައީސްގެ މަގާމަށް އައްޔަންކުރެވުނީ މި އަހަރުގެ މާޗު މަހުގެ ތޭރަ ވަނަ ދުވަހު އެވެ. އަނަސްގެ އިސްތިއުފާއާ ގުޅިގެން ހުސްވި ރައީސްކަމުގެ މަގާމަށް މުހައްމަދު ނިޒާރު އައްޔަންކޮށްފައި ވާކަން އެ އިދާރާ އިން ވަނީ ރަސްމީކޮށް ކަށަވަރުކޮށްދީފަ އެވެ.

ނިޒާރު އަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުމުގައި ފުޅާ ދާއިރާއެއްގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. ނިޒާރު ވަނީ 2015 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރާ ހަމަ އަށް ވެސް ޕީސީބީގެ ރައީސްކަން ކުރައްވާފަ އެވެ. 

ސަރުކާރުގެ ޓްރޭޑް ކުންފުނި އެސްޓީއޯ ގައި ނިޒާރު ވަނީ 20 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފަ އެވެ. އެ ކުންފުނީގެ މުހިންމު ދާއިރާތަކުގެ ޖެނެރަލް މެނޭޖަރުކަމާއި ޑެޕިއުޓީ ޑިރެކްޓަރުކަން ފަދަ އިސް މަގާމުތައް ނިޒާރު ފުރުއްވާފައިވާއިވެ އެވެ.

ނިޒާރު އަކީ ޔުނިވާސިޓީ އޮފް ސައުތު އޮސްޓްރޭލިއާ އިން އެމްބީއޭ، އަދި ގްރެޖުއޭޓް ސެޓްފިކެޓް އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލު ކުރައްވާފައިވާ ބޭފުޅެކެވެ.

ޕީސީބީ އަކީ ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވެޓައިޒް ކުރުމާއި ކޯޕަރަޓައިޒް ކުރުމާއި މޮނިޓަކޮށް އިވެލުއޭޓް ކުރުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ބޯޑެކެވެ. ޕީސީބީގެ ބޯޑު އެކުލެވެނީ ރައީސާއި ނައިބު ރައީސާއެކު ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ޖުމުލަ 7 މެމްބަރުންގެ މައްޗަށެވެ. ބޯޑުގެ މެމްބަރުކަމަށް މެމްބަރުން އައްޔަންކުރުމަށް ފަހު ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަން ފޮނުވަން ޖެހެ އެވެ.