"އަދަދު" ނޫހުން އާންމުކުރި "އައިޝާ" ޑޮކިއުމަންޓްރީއާ ގުޅިގެން ފުލުހުން ހިންގަމުންދާ ތަހުގީގަށް ދާޚިލީ ވަޒީރު އަލީ އިހުސާނު ނުފޫޒު ފޯރުވަމުންދާ ކަމަށް ތުހުމަތުކުރައްވައި، އެ މައްސަލަ ބެލުމަށް މިނިވަން ހާއްސަ އިންވެސްޓިގޭޓަރެއް އައްޔަންކުރުމަށް ދިވެހިރާއްޖޭގެ ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ގޮވާލައްވައިފި އެވެ. ބުދަ ދުވަހުގެ ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވީ، މި މައްސަލަ ނަޒާހަތްތެރިކަމާއެކު ތަހުގީގު ކުރުމުގެ ގާބިލުކަން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކަށް ލިބިފައި ނުވާނަމަ، މިނިވަން އިންވެސްޓިގޭޓަރަކު އައްޔަންކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ. އަދި މިހާރު ކަން ހިނގަމުންދާ ގޮތުން، ފުލުހުންނަށް މިނިވަންކަމާއެކު މި މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދެވޭނެ ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ޑރ. ދީދީ ފާހަގަކުރެއްވި ގޮތުގައި، ހޯމް މިނިސްޓަރު އަލީ އިހުސާން ސޯޝަލް މީޑިއާގައި ކުރައްވާފައިވާ ޕޯސްޓުތަކުން އެ ތަހުގީގަށް ނުފޫޒު ފޯރުވާކަން އެނގެން އެބައޮތެވެ. ޖިނާއީ ތަހުގީގުތައް ހިންގާ ފުލުހުންގެ މުއައްސަސާ އަކީ ދާޚިލީ ވަޒީރުގެ ބެލުމުގެ ދަށުން ހިނގާ ތަނެއް ނަމަވެސް، ފުލުހުން ކުރިއަށްގެންދާ އެއްވެސް ތަހުގީގަކަށް ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުން ވިޔަސް ނުފޫޒު ފޯރުވުމުގެ ގާނޫނީ ބާރެއް ވަޒީރަށް ލިބިވަޑައިގެންފައި ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މި މައްސަލައިގައި މިނިސްޓަރު އިހުސާން ވިދާޅުވެފައި ވަނީ، ނޫސްވެރިކަމުގެ މިނިވަންކަމަކީ ގާނޫނުއަސާސީ އިން ކަށަވަރުކޮށްދީފައިވާ ހައްގަކަށް ވީނަމަވެސް، އެއީ ދޮގު މައުލޫމާތު ފަތުރައިގެން މީހުންގެ އަބުރު ކިލަނބުކުރުމަށް ދީފައިވާ "ލައިސަންސެއް" ނޫން ކަމަށެވެ. މިނިސްޓަރުގެ މި ވާހަކަތަކާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. ގިނަ ބަޔަކު ތުހުމަތުކުރާ ގޮތުގައި ތަހުގީގު ނިމުމުގެ ކުރިން އެއީ "ދޮގު މައުލޫމާތު" ކަމަށް މިނިސްޓަރު ކަނޑައެޅުއްވުމަކީ ތަހުގީގަށް ނުފޫޒު ފޯރުވު މެވެ.
"އައިޝާ" ޑޮކިއުމެންޓްރީއާ ގުޅިގެން "އަދަދު" ނޫހާ މެދު ސަރުކާރުން ފިޔަވަޅު އަޅަމުންދާތީ، އިދިކޮޅު ސިޔާސީ ފަރާތްތަކުން ވެސް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެ ފަރާތްތަކުން ބުނާ ގޮތުގައި މިއީ ރާއްޖޭގެ މީޑިއާގެ މިނިވަންކަމަށާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް އޮތް ބޮޑު ނުރައްކަލެކެވެ. މީގެ އިތުރުން، ބައިނަލްއަގުވާމީ ޖަމިއްޔާތަކުން ވެސް ދަނީ ނޫސްވެރިކަމުގެ މިނިވަންކަން ހިމާޔަތްކުރުމަކީ ޑިމޮކްރަސީގެ އަސާސެއްކަން ފާހަގަކޮށް، މި ހައްގުތަކަށް އުނިކަން ލިބޭ ފަދަ އަމަލުތައް ހިންގުމަކީ ބައިނަލްއަގުވާމީ މިންގަނޑުތަކާ ހިލާފު ކަމެއް ކަމަށް ބުނަމުންނެވެ.
ޑރ. ދީދީ އިތުރަށް ވިދާޅުވީ، "އައިޝާ" ޑޮކިއުމެންޓްރީގެ ތަހުގީގަކީ ސަރުކާރުގެ ނުފޫޒުން އެއްކިބާވެފައިވާ މިނިވަން ތަހުގީގަކަށް ހެދުމަށްޓަކައި، އެ މަސައްކަތް ހާއްސަ އިންވެސްޓިގޭޓަރަކާ ހަވާލުކުރުމަކީ މިވަގުތަށް އެންމެ މުހިންމު ފިޔަވަޅު ކަމަށެވެ.