ރައްޔިތުންގެ މަޖިލީހުގައި ބުދަ ދުވަހު ކުރިއަށްދިޔަ ވަޒީރުންނަށް ރުހުން ދިނުމުގެ ވޯޓުގައި، އެމްޑީޕީގެ ގިނަ މެމްބަރުން ހޯމް މިނިސްޓަރު އަލީ އިހުސާނަށް ރުހުންދޭން ވޯޓުދީފައިވާތީ މެމްބަރުންނަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެއްޖެއެވެ.

އިހުސާން އަށް އެންމެ ބޮޑަށް ފާޑުކިޔުން އަމާޒުކުރާ އެއް ބަޔަކީ އެމްޑީޕީގެ ޕީޖީ ގްރޫޕްގެ މެމްބަރުންނެވެ. އަދި އިހުސާން އަށް ކުރާ ކޮރަޕްޝަނާއި ގުޅުން ހުރި ގިނަ މައްސަލަތަކެއް މަޖިލީހަށް އެމްޑީޕީގެ ޕީޖީ ގްރޫޕުން ހުށަހަޅާފައިވެ އެވެ. އެހެންނަމަވެސް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް އާއި ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ޒިޔާދު ފިޔަވައި އެހެން މެމްބަރުން ވަނީ އިހުސާން އަށް ރުހުން ދިނުމަށް ވޯޓުދެއްވާފަ އެވެ.  ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލާއި އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހީމް ނާޒިލް އެ ވޯޓުގައި ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ. 

އާއްމުން ވަނީ އިހުސާން އަށް މެމްބަރުން ރުހުން ދިން ސަބަބު ސާފުކޮށްދޭން ޖެހޭ ކަމަށް ބުނެފަ އެވެ. އަދި އެ ނިންމުން ނިންމި ސަބަބު އާއްމުންނަށް ސާފުކޮށްދޭން ޖެހޭ ކަަމަށް ފާޑުކިޔާ ފަރާތްތަކުން ދަނީ ބުނަމުންނެވެ. ބައެއް މެމްބަރުން ވަނީ އެ ވޯޓު ދެވުނު ގޮތާއި މެދު މަޢާފަށް އެދިވަޑައިގަންނަވާފަ އެވެ. މަޢާފަށް އެދުނު މެމްބަރުންގެ ތެރޭގައި ޑރ. އަޙްމަދު ޝަމްހީދު، ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ) ހިމެނިވަޑައިގަންނަވަ އެވެ. 

އެމްޑީޕީގެ ޕީޖީގެ ނައިބު ލީޑަރ އަދި މަރަދޫ ދާއިރާގެ މެމްބަރު އަހުމަދު ދީދީ ވިދާޅުވީ އިހުސާން އަށް ރުހުން ދިނުމާއި މެދު ވަކި ގޮތަކަށް ވޯޓު ދިނުމަށް ޕާޓީ އިން ނުނިންމާ ކަމަށެވެ. އެހެންކަމުން މެމްބަރުން ވޯޓު ދިން ގޮތަކީ މެމްބަރުންގެ އަމިއްލަ ވިސްނުމާއި އެއްގޮތަށް ދިން ވޯޓެއް ކަމަށް އޭނާ ވަނީ ފާހަގަކޮށްފަ އެވެ. 

އިހުސާން އަށް ރުހުން ދޭން ވޯޓުދިން މެމްބަރުންނަކީ، ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު، ތޮއްޑޫ ދާއިރާގެ މެންބަރު ހުސައިން ސަމީރު،  ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙްމަދު ޝަމްހީދު، ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ)، ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާ، ކެޔޮދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިއުޝާދު، މާވަށު ދާއިރާގެ މެންބަރު އަޙްމަދު ޝާކިރު އަދި މަރަދޫ ދާއިރާގެ މެމްބަރު އަހުމަދު ދީދީ އެވެ.

އެމްޑީޕީ ޕީޖީ ގުރޫޕުގެ ހުރިހާ މެންބަރުން ރުހުން ދީފައި ނުވަނީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި، ހެރިޓޭޖް މިނިސްޓަރު ހީނާ ވަލީދުގެ އިތުރުން އެންވަޔަރަމެންޓް މިނިސްޓަރު އަލީ ޝަރީފަށެވެ.