އޮންލައިން ނޫސް "އަދަދު" ގެ ސޯޝަލް
މީޑިއާ މަންސަތަކުގައި އާންމުކުރި "އައިޝާ" ޑޮކިއުމަންޓްރީގެ މައްސަލަ
ތަހުގީގު ކުރުމުގެ މަސައްކަތް ދިވެހި ފުލުހުންގެ ޚިދުމަތުން ފެށީ ޕްރޮސެކިއުޓަރ
ޖެނެރަލް އޮފީހުން އަންގައިގެންކަމަށް ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު ހުސައިން
ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.

މުންދު ވިދާޅުވީ، އަދަދު ނޫހުން ހެދި ޑޮކިއުމަންޓްރީގެ
މައްސަލައިގައި ތަހުގީގު ކޮށްދޭން އެދި ހުށަހަޅަން ނުޖެހުނު ކަމަށާއި، ސަބަބަކީ ޕީޖީ
އޮފީހުން އިސްނަގައިގެން ފުލުހުންނަށް އެ މައްސަލަ ތަހުގީގުކޮށްދޭން އެދިފައިވާތީ
ކަމަށެވެ.

މުންދު ވިދާޅުވި ގޮތުގައި ޕީޖީން އިސްނަގައިގެން
ލިއުމުން ވަނީ އެ މައްސަލަ ތަހުގީގު ކޮށްދޭން ފުލުހުންނަށް ހުށަހަޅާފައެވެ.

ޕީޖީ އޮފީހުގެ އިތުރުން މޯލްޑިވްސް މީޑިއާ އެންޑް
ބްރޯޑްކާސްޓިން ކޮމިޝަނުން ވެސް އެ މައްސަލަ ބަލަމުންދާކަން އަދަދު ނޫހަށް
އަންގާފައިވާކަން މުންދު ފާހަގަ ކުރެއްވިއެވެ.

މުންދު އެހެން ވިދާޅުވި ނަމަވެސް، އަދަދު ނޫހަށް
ވަދެ އެތަން ރެއިޑްކުރަން ފުލުހުން ދިޔައީ ރައީސް ޑރ މުޙައްމަދު މުއިއްޒު ބޭއްވެވި
ނޫސްވެރިންގެ ބައްދަލުވުމުގައި އެ މައްސަލައިގައި ފިޔަވަޅު އެޅުއްވުމަށް ކަމާ
ގުޅުންހުރި އިދާރާތަކަށް ގޮވާލެއްވި ދުވަހުކަން ފާހަގަ ކުރެވެއެވެ. އަދި
ކޮންޓްރޯލް ކޮމިޝަނުންވެސް އެ މައްސަލައާ ގުޅޭގޮތުން ބަޔާނެއްވެސް ނެރެފައިވަނީ
ރައީސްގެ ނޫސްވެރިންގެ ބައްދަލުވުމަށްފަހުއެވެ.