މޭޑޭގެ މުޒާހަރާ ހުއްޓުވުމުގެ ގޮތުން ސަރުކާރުގެ ކުންފުނިތަކާއި މިނިސްޓްރީތަކުން އެކިއެކި ހަރަކާތްތައް ބާއްވަން ނިންމާފައިވާ ކަމަށް ތުހުމަތު ކޮށްފި އެވެ.

ކޮންމެ އަހަރެއްގެ މެއި މަހުގެ 1 ވަނަ ދުވަސް ފާހަގަކުރަމުން ދަނީ ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ދުވަހުގެ ގޮތުގަ އެވެ. މި ދުވަސް ފާހަގަކުރުމުގެ ގޮތުން މަސައްކަތްތެރިންގެ ހައްގުގައި ކޮންމެ އަހަރަކު ވެސް ރެލީތަކާއި، ސުލްހަވެރި އިހުތިޖާޖުތައް ކުރިއަށް ގެންދެ އެވެ.

ނަމަވެސް މިއަހަރުގެ މަސައްކަތްތެރިންގެ ދުވަހާއި ގުޅިގެން ސަރުކާރުގެ ކުންފުނިތަކާއި، މިނިސްޓްރީތަކުން އެކިއެކި ހަރަކާތްތައް ބާއްވަން ވަނީ ނިންމާފަ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެމްޕީއެލުން ވަނީ ހުރިހާ މުވައްޒަފުންނަށް ބައިވެރިވާން ޖެހޭ ގޮތަށް ބާބަކިޔުއެއް ބޭއްވުމަށް ނިންމާފަ އެވެ. 

މީގެ އިތުރުން ދާޚިލީ ސަލާމާތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވުޒާރާ އިން ވަނީ  01 މެއި 2026ވާ ހުކުރު ދުވަހުގެ 16:00 ން 18:30 ޚާއްސަ ހަރަކާތެއް ކުރިޔަށް ގެންދިޔުމަށް ވެސް ނިންމާފަ އެވެ. މުވައްޒަފުންނަށް ފޮނުވި މެސެޖުގައި ބުނީ، މި ހަރަކާތް ފެށޭނީ ސަލްމާން މިސްކިތް ކައިރިން، ބޮޑު ތަކުރުފާނު މަގުން ކަމަށާއި، ނިމޭނީ ސޯޝަލް ސެންޓަރު ސަރަހައްދަށް ކަމަށެވެ. އަދި ސޯޝަލް ސެންޓަރާއި މާފަންނު މަދަރުސާއާ ދެމެދު މަޖީދީ މަގުގައި ހަރަކާތްތަކެއް ހިންގުމަށް ހަމަޖެހިފައިވާ ކަމަށެވެ. 

ވީހާވެސް ގިނަ މުވައްޒަފުން މި ހަރަކާތުގައި ބައިވެރިވުމަށް ވެސް އެދިފައިވެ އެވެ. 

މިހަރަކާތްތަކާ ގުޅޭގޮތުން ގިނަ މަސައްކަތްތެރިން ބުނީ މިއީ ސަރުކާރާ ދެކޮޅަށް މުޒާހަރާއެއް ކުރިއަށް ގެންގޮސްދާނެތީ އެކަމަށް ހުރަސް އެޅުމުގެ ގޮތުން ސަރުކާރުން ކުރާ ހީލަތްތެރި ރޭވުމެއް  ކަމަށެވެ. މިއީ މަސައްކަތްތެރިންނަށް ވަރަށް ބޮޑަށް ދަތިކޮށްފައިވާ ސަރުކާރެއް ކަމަށްވާތީ، މުޒަހަރާއެއް އިންތިޒާމު ކޮށް ކުރިއަށް ގެންދާނަމަ، ގިނަ ބަޔަކު ބައިވެރިވާނެކަން ސަރުކާރުން ވެސް ގަބޫލުކުރާ ކަމަށް ބުނެފައިވެ އެވެ.