ނޫސްވެރިކަމުގެ މިނިވަންކަން މިނެކިރުމަށް
ބޭނުންކުރާ ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ ފަހަތަށް ގޮސްފައިވަނީ ރާއްޖެއަށްވުރެ
ފަހަތުގައި ތިބި ޤައުމުތައް ކުރިއެރުމުންކަމަށް ވެސް ވެދާނެކަމަށް ސަރުކާރުގެ ތަރުޖަމާނު
މުޙައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.

މުންދު އެފަދައިން ވިދާޅުވީ ޕްރެސް ފްރީޑަމް
އިންޑެކްސްގައި ރާއްޖެ 4 ދަރަޖައަށް ދަށަށް ގޮސްފައިވާތީ އެކަމާ ގުޅިގެން
ބުރާސްފަތި ދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް
ޖަވާބު ދެއްވަމުންނެވެ. އެގޮތުން ނޫސްވެރިޔާ ވަނީ ސަރުކާރުން މީޑިއާތައް ކޮންޓްރޯލް
ކުރުމަށް ކޮމިޝަނެއް އުފެއްދުމާއި، އެއީ ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ
ފަހަތަށް ދިޔަ ސަބަބުތައްކަމަށް ޤަބޫލު ކުރައްވަންތޯ ސުވާލުކޮށްފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން މުންދު ވިދާޅުވީ، މިއަދު
މީޑިއާތަކަށް ލިބެމުންދަނީ މީގެ ކުރިން އެއްވެސް ސަރުކާރެއްގައި ލިބިފައިނުވާ ފަދަ
ފުރުސަތުތަކެއް ކަމަށެވެ. އަދި ރައީސާއި ކެބިނެޓުވެސް ނޫސްވެރިންނާ ބައްދަލު
ކުރައްވަމުން ގެންދަވާކަން މުންދު ފާހަގަ ކުރެއްވިއެވެ.

މުންދު ވަނީ ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ
ފަހަތަށް ދާ ކޮންމެ ފަހަރަކު އެއީ ސަރުކާރުން މައުލޫމާތު ނުދީގެން ދަށަށް
ދިއުންކަމަށް ނޫސްވެރިންނަށް ހީވަނީ ކީއްވެތޯ ސުވާލު ކުރައްވާފައެވެ. އަދި
ވިދާޅުވީ، ނޫސްވެރިކަމުގެ މިނިވަންކަން މިނެކިރަނީ ހަމައެކަނި ސަރުކާރާއެކު އޮންނަ
ގުޅުމުގެ މައްޗަށް އެކަންޏެއް ނޫން ކަމަށެވެ.

މުންދު އެހެން ވިދާޅުވިނަމަވެސް، މިފަހަރުގެ
ރިޕޯޓުގައިވެސް ނޫސްވެރިކަމުގެ މިނިވަންކަން މިނެކިރާފައިވާ މިންގަނޑުތަކުގެ
ތެރޭގައި ޚަބަރާއި މައުލޫމާތު ފެތުރުމުގައި ސަރުކާރުގެ ނުފޫޒާއި، ފިއްތުންތަކާއި،
ކޮންޓްރޯލް އޮތް މިންވަރުގެ އިތުރުން، ނޫސްވެރިންނަށް އޮތް ރައްކާތެރިކަން ފަދަ
އެކި ގިންތިތަކަށް ބަލާފައިވެއެވެ. އަދި އޭގެ ތެރެއިން ގިނަ ގިންތިތަކުން ރާއްޖެ
ވަނީ ދަށަށް ގޮސްފައެވެ.

އިންޑެކްސްއެއްގައި ޤައުމެއް 4 ދަރަޖަ ފަހަތަށް ދިއުމަކީ އޭގެ ދަށުގައި އޮތް ޤައުމުތައް ހަތަރު ފަސް، ދިހަ ވަރަކަށް ދަރަޖަ ކުރިއެރުންކަމަށްވެސް ވެދާނެއެއްނު އަޅެ؟
މުޙައްމަދު ހުސައިން ޝަރީފް (މުންދު)

އިންޑެކްސްގެ ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖޭގެ
ޖުމްލަ ސްކޯ ވަނީ 52.46 އިން 49.23 އަށް ދަށްވެފަ އެވެ. މި ބަދަލާއެކު ނޫސްވެރިކަމުގެ
މިނިވަންކަން ވަޒަންކުރާ މައިގަނޑު ހުރިހާ ދާއިރާއަކުންވެސް ރާއްޖޭގެ ރޭންކިންއަށް
ވަނީ ނޭދެވޭ އަސަރުތަކެއް ކޮށްފަ އެވެ.

ރިޕޯޓާސް ވިތައުޓު ބޯޑާސް އިން ބުނާގޮތުން މީޑިއާގެ
މިނިވަންކަމަށް ގޮންޖެހުމަކަށްވާ ގޮތަށް ހެދި އަބުރުގެ ގާނޫނު ކުރީގެ ސަރުކާރުން އުވާލި
ނަމަވެސް، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ގެނައި ބަދަލުތަކުން އެކަން
ބަދަލުވެފައިވެ އެވެ. އަދި ނޫސްވެރިންގެ މަސްދަރު ހާމަކުރަން މަޖުބޫރުވާ ގޮތަށް ގާނޫނުތަކަށް
ގެނައި ބަދަލުތަކާއި ނޫސްވެރިން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް މީޑިއާ ކޮމިޝަން
އުފެއްދުން ވެސް ފާހަގަކޮށްފައިވެ އެވެ.