ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ދިސާނާޔަކަގެ ދަޢުވަތަކަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު 2026 ވަނަ އަހަރުގެ މޭ މަހުގެ 3 އިން 6 އަށް ސްރީލަންކާއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުނު ބަޔާނެއްގައިވާ ގޮތުން، މި ދަތުރުފުޅުގައި ރައީސް މުޢިއްޒު ސްރީލަންކާގެ އިސްވެރިންނާ ބައްދަލުކުރައްވައި، ދެ ޤައުމުގެ ދެމެދުގައި އޮތް ބައިލެޓަރަލް ނުވަތަ ދޭދޭ ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން ރައީސް ދިސާނާޔަކައާއެކު ރަސްމީ ވާހަކަފުޅުތައް ބޭއްވުމަށް ވަނީ ތާވަލުކުރެވިފަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ސްރީލަންކާގެ އިސް މަސްއޫލުވެރީންނާއި ބައްދަލުކުރައްވުމުގެ އިތުރުން ދިވެހިރާއްޖެ އާއި ސްރީލަންކާއާ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރުމާގުޅޭގޮތުން އެ ޤައުމުގެ ރައީސާއެކު ރަސްމީ މަޝްވަރާތައް ކުރިއަށްގެންދެވުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ދެ ލީޑަރުންގެ ހާޒިރުގައި، ދެ ޤައުމުގެ ދެމެދުގައި އެކި ދާއިރާތަކުން ގުޅުންބަދަހިކުރުމުގެ އެއްބަސްވުންތައް ބަދަލުކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި އަނބިކަނބަލުން ސާޖިދާ މުޙައްމަދުގެ އިތުރުން، ކެބިނެޓް މިނިސްޓަރުންނާއި ސަރުކާރުގެ އިސް ބޭފުޅުން ހިމެނޭ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވާނެ އެވެ.

މި ދަތުރުފުޅަކީ ސްރީލަންކާއާއެކު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް ދިވެހި ސަރުކާރުން ދެއްވާ އަހައްމިއްޔަތު ހާމަކޮށްދޭ ދަތުރުފުޅެއް ކަމަށާއި، މިއީ ދެ ޤައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރުމުގެ މުނާސަބަތުގައި މިދިޔަ އަހަރުގެ ޖުލައި މަހު ރައީސް ދިސާނާޔަކަ މާލެއަށް ކުރެއްވި ދަތުރުފުޅަށް ފަހު ކުރެވޭ ދަތުރުފުޅެއްކަން ރައީސް އޮފީހުގެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.