ސިޔާސީ މުވައްޒަފުންގެ އަދަދާ ބެހޭގޮތުން ސުވާލުކުރަންވާނީވެސް
ސަރުކާރުން ކުރިއަށްގެންދާ ސަރުކާރުގެ މުވައްޒަފުންގެ އަދަދު މަދުކުރުމުގެ
މަސައްކަތް މުޅިން ނިމުމުންކަމަށް ސަރުކާރުގެ ޗީފް ސްޕޯކްސްޕަރސަން މުޙައްމަދު ހުސައިން
ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.

ރައީސް ޑރ މުޙައްމަދު މުއިއްޒު ގެ ސަރުކާރުގައި
ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށްވުރެ ގިނަ ނުކުރާނެ ކަމަށް ވައުދުވެވަޑައިގެންފައިވާއިރު،
ވެރިކަމަށް ދެ އަހަރަށްވުރެ ގިނަ ދުވަސްވީއިރުވެސް ސަރުކާރުގައި ތިބި ސިޔާސީ މުވައްޒަފުންގެ
އަދަދު ހާމަކޮށްފައެއް ނުވެއެވެ.

 އެކި
ފަހަރުމަތިން ސަރުކާރުގެ އެކި ބޭފުޅުންނާ ނޫސްވެރިން ސުވާލު ކުރަމުން
ދިޔަނަމަވެސް، މިއަދާ ހަމައަށްވެސް އެ އަދަދު ހާމަކޮށްފައިނުވާއިރު، އެކި ފަހަރު
ސަރުކާރުން ގެންދިޔައީ އެކި ބަހަނާތައް ދައްކަމުންނެވެ.

ބުރާސްފަތި ދުވަހުގެ ނޫސްވެރިންގެ
ބައްދަލުވުމުގައިވެސް ނޫސްވެރިއަކު ވަނީ އަނެއްކާވެސް އެ ސުވާލު ތަކުރާރުކޮށްފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން މުންދު ވިދާޅުވީ،
ސަރުކާރުގެ "ސައިޒް" ކުޑަ ކުރުމުގެ މަސައްކަތް ފަށާފައިވާކަން ރައީސް ޑރ
މުޙައްމަދު މުއިއްޒު ހާމަ ކުރައްވާފައިވާ ކަމަށާއި، އެގޮތުގެ މަތިން
ފިޔަވަޅުތަކެއް އަޅަމުންދާކަމަށެވެ. އަދި ސަރުކާރުގެ އެސްއޯއީތަކަށްވެސް
މުވައްޒަފުންގެ އަދަދު މަދު ކުރުމަށް މިހާރު އަންގާފައިވާނެކަމަށް މުންދު
ވިދާޅުވިއެވެ.

ސަރުކާރުގެ އޮނިގަނޑަށް ގެނައި ބަދަލާއެކު،
މަޤާމުތަކުން ވަކިކުރާނެ މުވައްޒަފުންގެ އަދަދު އެނގޭނީ މިހާރު ކުރިއަށްދާ
ޕާފޯމެންސް ރިޕޯޓްތައް ބަލައި އިވެލުއޭޓް ކުރުމަށްފަހުގައި ކަމަށް މުންދު ވަނީ ފާހަގަ
ކުރައްވާފައެވެ.

މުންދު ވިދާޅުވި ގޮތުގައި މުވައްޒަފުންގެ އަދަދުގެ
ވާހަކަ ދައްކަންވާނީވެސް އެ މަސައްކަތް ނިމުމުންނެވެ. އަދި އެ މަސައްކަތް ނިމޭ
ހިސާބުން އާރްޓީއައިއަކާ ނުލާވެސް އެ ބަދަލުތައް ހާމަ ކުރައްވާނެކަމަށް މުންދު
ވިދާޅުވިއެވެ.  

މުންދު ވިދާޅުވީ މިހާރު ސަރުކާރުން އަދަދެއް ދިން
ނަމަވެސް މާދަމާ އެ އަދަދު ބަދަލުވުން އެކަށީގެންވާތީ އަދަދުގެ ވާހަކަ
ދައްކަންވާނީ ސަރުކާރުން ކުރިއަށް ގެންދާ މަސައްކަތް މުޅިން ނިމުމުންނެވެ.

އެސްއޯއީތަކަށް އެނގިވަޑައިގަންނަވާނެ މިހާރު ވާނެ އަންގާފައި ތިބި މަޤާމުތަކުގެ އަދަދު ބޮޑުތަނުން މަދުކުރަން ތިންބައިކުޅަ އެއްބައި އަޅުގަނޑު ހަނދާންވަނީ، އެހެންވީމާ ތިންބައިކުޅަ އެއްބައި މަދުކުރާކަމަށްވަންޏާ ސިޔާސީ މަޤާމުތައް މަދުވެގެންވެސް ދާނެ، ހަމަ އެގޮތަށް އެސްއޯއީތަކުގެ އަދަދުވެސް މަދުވެގެންދާނެ، އެހިސާބުން ކަންނޭނގެ އަޅުގަނޑުމެން އަދަދުގެ ވާހަކަ ދައްކަންވާނީ، އެއީ އަޅުގަނޑު މިހާރު މިސާލަކަށް ތިބޭފުޅުންނަށް އަދަދެއް ދަންނަވައިފިއްޔާ ތިބޭފުޅުން ރިޕޯޓު ކުރައްވާއިރު މާދަން އެ އަދަދު މަދުވެފައި އިނދެދާނެ،
ޗީފް ސްޕޯކްސްޕަރސަން މުޙައްމަދު ހުސައިން ޝަރީފް (މުންދު)

ސަރުކާރުގެ އެކި ފަންތީގެ މީހުންނަށް ތަކުރާރުކޮށް
ސުވާލުކޮށްގެން ވެސް، ޖަވާބު ނުލިބުނު ސުވާލަކީ ސިޔާސީ މުވައްޒަފުންގެ އަދަދު ހާމަ
ނުކުރަނީ ކީއްވެތޯ ކުރާ ސުވާލެވެ. އެ މީހުންގެ އަދަދާއި ޚަރަދުގެ ތަފްސީލް ދޭނެ
މީހަކު ނެތެވެ. އަދި އެ އަދަދު ހާމަކުރުމަށް ނޫސްވެރިން ކުރާ އާދޭހަށް ބީރު
ކަންފަތެއް ދޭތީ އެތައް ބަޔަކު ސަރުކާރަށް ފާޑުކިޔާކަންވެސް ފާހަގަ ކުރެވެއެވެ.