ރ. މީދޫގައި އެމްޓީސީސީގެ ސައިޓް އެޅުމުގެ މަސައްކަތް ކުރަމުންދާތާ 8 މަހަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ. 

ބުރާސްފަތި ދުވަހު ކުރިއަށް ގެންދިޔަ ފަށާއިރު ޕްރޮގްރާމްގައި ރ. މަޑުއްވަރީ ކައުންސިލްގެ އިންތިޚާބީ ރައީސް ހުސެއިން ޝިހާމް ވަނީ އެއަތޮޅުގެ ތަރައްގީއަށް އަލިއަޅުއްވާލައްވާ ވާހަކަ ދައްކަވާފަ އެވެ. ރ. އަތޮޅުގެ ތަރައްގީގެ ގިނަ މަޝްރޫއުތައް އެމްޓީސީސީއާ ހަވާލުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ގިނަ މަޝްރޫއުތައް ހުއްޓިފައިވާތީ އާއި، ކުރިއަށްދާ މަދު މަޝްރޫއެއްގެ މަސައްކަތުގެ ސްޕީޑް ލަސްކަން ފާހަގަކޮށް އެކަމުގެ ކަންބޮޑުވުން ފާޅު ކޮށްފައިވެ އެވެ.

ޝިހާމް ވިދާޅުވީ ރ. މަޑުއްވަރީގެ ބިން ހިއްކުމުގެ މަސައްކަތާއި، ވޮލީ ކޯޓުގެ މަސައްކަތް އެމްޓީސީސީއާ ހަވާލު ކޮށްފައިވާ ކަމަށާއި، މިއަދާ ހަމައަށް އެއްވެސް އަމަލީ މަސައްކަތެއް ކޮށްފައިނުވާ ކަމަށެވެ. ނަމަވެސް އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ކުރިއަށް ގެންދިޔަ ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބުގެ އިތުރުން ރިފެރެންޑަމް އިންތިޚާބާ ދިމާކޮށް ބަނދަރުގެ މަސައްކަތަށް ގެނެސްފައިވާ އެކްސްކަވޭޓަރެއް ގޮސް ބިން ހިއްމުގެ މަސައްކަތް ފެށި ކަމަށެވެ. 

ނަމަވެސް ކުޑަކުޑަ އެކްސްކަވޭޓަރަކަށް ބިން ނުހިއްކޭނެކަން ރައްޔިތުންނަށް ވެސް އެނގޭ ކަމަށާއި، އެއީ އިންތިޚާބާ ދިމާކޮށް ރައްޔިތުންނަށް ދައްކާލި މަންޒަރެއް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ އެކަމާއި ގުޅިގެން ރައްޔިތުންގެ މަލާމާތް ވެސް އެމްޓީސީސީއަށް އަމާޒުވި ކަމަށެވެ. 

މީގެ އިތުރުން ޝިހާމް ވިދާޅުވީ އެމްޓީސީސީގެ މަސައްކަތު ސައިޓުގައި ވެސް ފެންސް ޖެހުމާއި ޓިނު ޖެހުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށެވެ. އަދި މީދޫއަށް އިޝާރާތް ކުރައްވައި އޭނާ ވިދާޅުވީ އެރަށުގައި ވެސް އެމްޓީސީސީ ސައިޓް އެޅުމުގެ މަސައްކަތް ކުރާތާ 8 ނުވަތަ 9 މަހަށް ވުރެ ގިނަ ދުވަސްވެފައިވާ ކަމަށެވެ. މިހާރު ގާތްގަނޑަކަށް 13 ސަޕްލައި ދޯނީގައި ޓިނު ވެސް އެރަށަށް ގެންގޮސްފައިވާ ކަމަށް ޝިހާމް ވިދާޅުވި އެވެ. 

މީދޫގައި އެމްޓީސީސީ ސައިޓު އަޅާތާ މިހާރު ގާތްގަނޑަކަށް މި 8 ނުނީ 9 ވަރަކަށް މަސް މި ދަނީ. ސައިޓް އަޅާތާ. ސައިޓް އަޅަން އެމްޓީސީސީން ނަގާފައި ތިބި ބޭފުޅުން އަޅުގަނޑުމެން ކައިރީގައި މީދޫއަށް ދިޔާމަ އެބަ ބުނޭ މިހާރު 13 ދޯނީގައި ގެނެސްފިޔޭ މިރަށުގައި ޖަހާ ސައިޓަށް ބޭނުންވާ ޓިނު. ސަޕްލައި ދޯނީގެ 13 ދޯނީގައޭ. ދެން ބައްލަވާށޭ ރައީސްއޭ 13 ދޯނީގައި ޓިނު ގެނެސްގެން މިފުރާޅު ނުނިމުނީމަ އެއީ ދޯންޏެއްގައި ދޮޅުގަނޑު ދެގަނޑު ޓިނެއްނުންހޭ މިއީ. އެހާ ހާލަތުދަށޭ. އެހެންވީމަ މިއީ އެމްޓީސީސީއަށް މީދުގެ ސައިޓަށް ނަގާފައި ތިބި ބޭފުޅުން ކިޔައިދޭ އެއްޗެހި.
މަޑުއްވަރީ ކައުންސިލްގެ އިންތިޚާބީ ރައީސް ހުސެއިން ޝިހާމް

ޝިހާމް ވިދާޅުވީ މިއަދު އެމްޓީސީސީއާ، ތަރައްގީގެ ގިނަ މަޝްރޫއުތައް ހަވާލު ކުރި ނަމަވެސް އިތުބާރު ގެއްލިފައިވާ ކަމަށެވެ. އަދި މީގެ ކުރިއާ ހިލާފަށް އެމްޓީސީސީގެ ހާލަތު އޮތީ ވަރަށް ދަށުގައި ކަމަށް އޭނާ ވިދާޅުވި އެވެ. 

މީގެ އިތުރުން ޝިހާމް ވިދާޅުވީ އެމްޓީސީސީއަށް ގިނަ އަދަދެއްގެ މުވައްޒަފުން ނެގި ނަމަވެސް ރަށުގެ ތަރައްގީއަށް އިހުމާލުވާ ކަމަށްވާނަމަ އެކަން ރައްޔިތުން ބަލައި ނުގަންނާނެ ކަމަށާއި، އެވާހަކަތައް ދައްކާނެ ކަމަށެވެ.