ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލޭ
ޙާލަތްތައް ބަޔާންކޮށް ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ ސަބަބުން ރައްޔިތުންގެ
ޙައްޤުގައި އަޑުއުފުލާން މެމްބަރުން ފަސްޖެހި، ސިޔާސީ މަސްލަހަތާއި ނުފޫޒު އިސްކުރަން
ޖެހޭނެކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު އައިޝާ ޝުޖޫން މުޙައްމަދު
ވިދާޅުވެއްޖެއެވެ.
ބުދަ ދުވަހު ސުޕްރީމް ކޯޓުން ކުރި ޙުކުމުގައި މައްސަލަ ބެއްލެވި
ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ނިންމާފައިވަނީ ގޮނޑި ގެއްލޭ އިސްލާޙަކީ ބާތިލު އިސްލާޙެއްކަމަށް
ކަނޑައެޅެން ނެތް ކަމަށާއި، މިއީ 20 ވަނަ މަޖިލީހަށްވެސް ހިނގާނެ އިސްލާޙެއްކަމަށެވެ.
މި މައްސަލައިގެ ޙުކުމަށް ބަލާއިރު، ރައުޔު ތަފާތުވީ
ހަމައެކަނި ފަނޑިޔާރު ޝުޖޫންއެވެ.
ޝުޖޫން ވިދާޅުވީ، މިއީ ޤާނޫނުއަސާސީގެ 4 ވަނަ
މާއްދާގައި ބުނާ ދައުލަތަށް ބާރު ލިބިގެންވާ ގޮތާއި، އެ ބާރު ދެމި އޮންނާނެ ގޮތަށް
ލޮޅުން އަރާ އިސްލާޙެއްކަމަށް ދެކިލައްވާ ކަމަށެވެ. އޭގެ ސަބަބެއްކަމަށް ޝުޖޫން
ވިދާޅުވީ މި އިސްލާޙުގެ ސަބަބުން ރައްޔިތުންނާއި އެ ރައްޔިތުންގެ މަންދޫބުންނާ ދެމެދު
އޮންނަ ގުޅުމުގެ ތެރެއަށް ޤާނޫނުއަސާސީއާއި ޤާނޫނު ދަންނަ ގުޅުމުގެ ބޭރުން
ތިންވަނަ ފަރާތަކުން ގޮތް ކަނޑައަޅައި، އެ ގުޅުން ނިމުމަކަށް ގެނައުމުގެ ފުރުސަތު
ހުޅުވިގެން ދިއުމެވެ.
މީގެ އިތުރުން، މި އިސްލާޙުގެ ސަބަބުން މެމްބަރުން
ސިޔާސީ ޕާޓީއާއި ގުޅުމާއި ޕާޓީން ވަކިވުމަށް އަމިއްލައަށް އޮންނަ އިޚުތިޔާރުގެ
މައްޗަށްވެސް ހުރަސް އެޅިގެންދާކަން ޝުޖޫން ފާހަގަ ކުރެއްވިއެވެ.
މި އިސްލާޙުގެ ސަބަބުން ޤައުމާއި ރައްޔިތުންގެ
ލާބައާއި މަންފާއަށްވުރެ ބޮޑަށް، ގޮނޑި ގެއްލިދާނެކަމުގެ ވިސްނުމުގައި ސިޔާސީ މަސްލަޙަތު
އިސްކުރަން މަގުފަހިވެގެންދާކަމަށްވެސް ޝުޖޫން ވިދާޅުވިއެވެ.
ދިވެހި ރައްޔިތުންގެ ލާބައާއި މަންފާއަށް ރިއާޔަތްކޮށްގެން މަސައްކަތް ކުރުމުގެ ފުރުސަތު ގެއްލި، މަޖިލީހުގެ މެމްބަރުކަމުން ވަކިވެދާނެކަމުގެ ވިސްނުމުގައި އެމީހަކު އިންތިޚާބުކުރި ރައްޔިތުންގެ ހައްޤުގައި އަޑުއުފުލުމަށް ފަސްޖެހި، ޤައުމީ މަސްލަހަތާއި ރައްޔިތުންގެ ލާބައާއި މަންފާއަށްވުރެ ބޮޑަށް، ސިޔާސީ މަސްލަހަތާއި ނުފޫޒު އިސްކުރުމުގެ، ނުވަތަ ކުރަން ޖެހުމުގެ ފުރުސަތު ބޮޑުވާތީސުޕްރީމް ކޯޓުގެ ފަނޑިޔާރު އައިޝާ ޝުޖޫން މުޙައްމަދު
މަޖިލިސް މެމްބަރުންގެ ގޮނޑި ގެއްލޭ ޙާލަތްތަކުގެ
ތެރެއިން އެއް ޙާލަތެއްގެ ގޮތުގައި މެންބަރަކު ނިސްބަތްވާ ސިޔާސީ ޕާޓީން 'ގާނޫނުގައި' ބަޔާންކުރާ ގޮތުގެ މަތިން
އެ މެންބަރަކު ވަކިވުން ހިމެނޭއިރު، އެ ޙާލަތުގައި ބުނާ ޤާނޫނަކީ އަދި ވުޖޫދުގައި އޮތް
ޤާނޫނެއް ނޫންކަމަށް ދައުލަތުން ބުނެއެވެ. ނަމަވެސް ދައުލަތުން އެ ބުނާ ބުނުމަށް
ބުރަވެވެން ނެތް ކަމަށް ޝުޖޫން ވިދާޅުވިއެވެ. އަދި އެތަނުގައި އެ ބުނަނީ ސިޔާސީ
ޕާޓީތަކުގެ ޤާނޫނުގެ ވާހަކަކަމަށްވެސް ޝުޖޫން ވިދާޅުވިއެވެ.
ޝުޖޫން ވިދާޅުވީ، ކޯޓަށް ހުށަހެޅޭ މައްސަލައި ހިމެނެނީ
މަޖިލީހުން އިޖުރާއަތާ އެއްގޮތަށް ފާސްކޮށްފައިވާ އިސްލާޙެއްނަމަވެސް، އެ
އިސްލާޙަކީ ޤާނޫނުއަސާސީގައި ހުރި ސިފަތަކާ ޚިލާފަށް ފާސްކޮށްފައިވާ އިސްލާޙެއް
ނަމަ އެކަމާ މެދު ސުޕްރީމް ކޯޓުން އެއްޗެއް ބުނެވޭނެ ކަމަށް ޤަބޫލު ކުރައްވާ
ކަމަށެވެ. އެއީ އެއްބާރު އަނެއްބާރުގެ މައްޗަށް ފާރަވެރި ވުމުގެ އުސޫލުގެ
ދަށުންވެސް ކުރެވޭނެ ކަމެއްކަން ޝުޖޫން ފާހަގަ ކުރެއްވިއެވެ.
ޙައްޤުތަކާއި މިނިވަންކަމުގެ ދުރުމިން ޤާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާޙަށް ބެލުމުން އަހުރެންނަށް ފެންނަނީ ޤާނޫނުއަސާސީގެ ދެވަނަ ބާބުގައި ހިމެނޭ ޙައްޤުތަކެއް ޤާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ އިޖުރާއަތުގެ ބޭނުން ހިފަން ނުޖެހޭ މަގަކުން ގޮސް، ބަދަލުކޮށްފައިވާ ތަން. މިއީ އިޖުރާއަތަށް އެކަނި ބެލި ނަމަވެސް، ޤާނޫނުއަސާސީގައި ބަޔާންވެ އޮތް ގޮތަށް ގެނެވިފައިވާ އިސްލާޙެއްކަމަށް އަހުރެންނަށް ނުފެނޭ.ސުޕްރީމް ކޯޓުގެ ފަނޑިޔާރު އައިޝާ ޝުޖޫން މުޙައްމަދު
ޝުޖޫން ވިދާޅުވީ، މި އިސްލާޙަކީ ޙައްޤުތަކާ ގުޅޭ
ބާބު އަދި އައިސީސީޕީއާރް ފަދަ ރާއްޖެއިން ސޮއިކޮށްފައިވާ މުއާހަދާތަކުގައި
ބަޔާންކޮށްފައިވާ ޙައްޤުތަކަށް ހަނި ގޮތެއްގައި ނަމަވެސް އަސަރު ކުރާ އިސްލާހެއް
ކަމަށެވެ. އެގޮތުން ޤާނޫނުއަސާސީގެ 27 ވަނަ މާއްދާ ފަދަ މާއްދާތަކަކީ ކުއްލި
ނުރައްކަލުގެ ޙާލަތުގައިވެސް ހަނި ނުކުރެވޭނެ ޙައްޤެއްކަން ޝުޖޫން ފާހަގަ
ކުރެއްވިއެވެ.
ޝުޖޫން ދެކިލައްވާ ގޮތުގައި ޤާނޫނުއަސާސީގެ 73 ވަނަ
މާއްދާގެ (ބ) އަކީ ބާތިލު މާއްދާއެއްކަމަށް ކަނޑައަޅަން ޖެހެއެވެ.