ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގެ މެންބަރުކަމަށް އަނެއްކާ ވެސް މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު ހަމަޖައްސައި އޭނާ އަށް އެ ކޮމިޓީގެ މުގައްރިރުކަން ދީފި އެވެ. 

ޕީއެންސީގެ މެންބަރު އަސްމާ ކޮމިޓީގައި ހިމަނައި އެކަން މަޖިލީހުގެ ޖަލްސާގައި ވަނީ ރަސްމީކޮށް އިއުލާންކޮށްފަ އެވެ. 

20 ވަނަ ރައްޔިތުންގެ މަޖިލީހުގައި އަސްމާ ވަނީ މީގެ ކުރިން ވެސް އިޖުތިމާއީ ކޮމިޓީގެ މުގައްރިރުކަން އަދާކުރައްވާފަ އެވެ. އެ މަޤާމުން އަސްމާ ކުރިން ވަކިކޮށްފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޕްރޮގްރާމެއްގައި، ސުވާލުކުރަން ބޭނުން ނަމަ އެކަން އަންގާ ދާއިރާގެ މެންބަރުންނަށް އަސްމާ ފޮނުވި މެސެޖެއްގެ މައްސަލަ ފެންމަތިވެފައި ވަނިކޮށެވެ. އެކަމާއި މެދު އަސްމާ އޭރު މަޢާފަށް ވެސް އެދިވަޑައިގެންނެވި އެވެ. 

އަސްމާ އަލުން މުގައްރިރުކަމަށް އައްޔަންކުރީ، އެ މަގާމުގައި ހުންނެވި މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ އިބްރާހީމް އެ މަޤާމުން އިސްތިއުފާދެއްވުމުންނެވެ.  ކޮމިޓީގެ ރިޔާސަތާ ހަވާލުވެވަޑައިގަތުމަށް ފަހު އަސްމާ ވަނީ އަބަދުވެސް ބޭނުންފުޅުވީ އެ ކޮމިޓީގައި މަސައްކަތް ކުރަން ކަމަށް ވެސް ވިދާޅުވެފަ އެވެ.  

އަސްމާ އަށް އަލުން އެ ކޮމިޓީގެ މުގައްރިރުކަން ދީފައި ވާ އިރު ދާދި ފަހުން ޕީއެންސީ އަށް ވޯޓު ނުދިނުމަަށް ހިތްވަރުދީ އަސްމާ ވާހަކަދައްކަވާ އަޑު އިވޭ ކަމަށް ބުނާ އޯޑިއޯ އެއް ލީކުވި މައްސަލަ އެއް ވަނީ ފެންމަތިވެފަ އެވެ.