ބައިނަލް އަގްވާމީ މަސައްކަތްތެރިންގެ ދުވަސް، "މޭ ޑޭ" އާ ދިމާކޮށް މަސައްކަތްތެރިންގެ އަޑު އިއްވަން ބާއްވާ ހިނގާލުމާއި ދިމާކޮށް ސަރުކާރުން ޔުނިފޯމްގައި މުވައްޒަފުން ނެރެގެން ހިނގާލުމެއް ބޭއްވީ  މަސައްކަތްތެރިންނަށް ޖެއްސުމަށް ކަމަށް މަސައްކަތްތެރިންގެ ހިނގާލުން އިންތިޒާމް ކުރި ޖަމިއްޔާ ޖަމާއަތްތަކުން ބުނެފި އެވެ.

މަސައްކަތްތެރިންގެ ކަންބޮޑުވުންތައް ސަރުކާރުގެ ސަމާލު ކަމަށް ގެނައުމަށް މަސައްކަތްތެރިންގެ ހައްގުގައި މަސައްކަތް ކުރާ ޖަމިއްޔާ ޖަމާއަތްތަކުން އިސްނަގައިގެން ހުކުރު ދުވަހު ހަވީރު ހިނގާލުމެއް ބާއްވާފައި ވާއިރު ހަމަ އެގަޑި އާއި ދިމާކޮށް ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން ނެރެގެން ހިނގާލުމެއް ވަނީ ބާއްވާފަ އެވެ. މިއީ މަސައްކްތެރިންގެ ހައްގުތައް ހޯދުމަށް މަސައްކަތް ކުރުމުގެ ރޫހާއި ޚިލާފަށް މަސައްކްތެރިން އެދޭ ކަންކަން އިއްވަން ފުރުސަތު ނުލިބޭ ގޮތަށް ކުރި ކަމެއް ކަމަށް ޖަމިއްޔާތަކުން ވަނީ ބުނެފަ އެވެ. 

އެ ހިނގާލުމުގައި ބޮޑުކަންނެލީގެ މަސްވެރިންގެ ޔޫނިއަން އާއި މުދައްރިސުންގެ ހައްގުގައި މަސައްކަތް ކުރާ ފަރާތްތަކާއި، ޕޯޓްގައި މަސައްކަތް ކުރާ ފަރާތްތަކުގެ ހައްގުތައް ހޯދާދިނުމަށް މަސައްކަތް ކުރާ ޖަމިއްޔާ ޖަމާއަތްތަކުގެ އިތުރުން ތަފާތު އެކި ދާއިރާތަކުގެ މަސައްކްތެރިންގެ ހައްގުތައް ހޯދައިދިނުމަށް މަސައްކަތް ކުރާ ޖަމިއްޔާތަކުން ބައިވެރިވެފައިވެ އެވެ. ސަރުކާރުގެ ހިނގާލުން ފެށުން ލަސްވުމުގެ ސަބަބުން މި އެއްވުން މަޑުޖައްސާލަން ވެސް ޖެހުނެވެ. ނަމަވެސް ހިނގާލުމުގެ ބައިވެރިން ފާޅުކުރި ޝުއޫރުތަކާއި އެކު ބައިވެރިންނަށް ކުރިއަށް ދާން ވަނީ ފުރުސަތު ދީފަ އެވެ. 

އެ ހިނގާލުމުގައި ގޮވާލާފައިވާ ކަންކަމުގެ ތެރޭގައި މިނިމަމް ވޭޖް ރިވިއު ކުރުމާއި މަސައްކަތްތެރިންނަށް ވަޒީފާގެ ބިރު ދެއްކުން ހުއްޓާލަން ގޮވާލުމާއި، ޓީޗަރުންގެ އޯޓީ ލިމިޓު ނުކުރުމަށް ގޮވާލުމާއި، ސަރވިސް ޗާޖު ޑޮލަރުން ދިނުމާއި، މުދައްރިސުން ލައްވާ ކިޔެވުމާއި ގުޅުން ނެތް ކަންކަން ކުރުން ހުއްޓުވުން ހިމެނެ އެވެ. 

ހިނގާލުމުގައި ޝުއޫރު ފާޅުކުރި ފަރާތްތަކުން ވަނީ އެކި ދާއިރާތަކުން މަސައްކަތްތެރިންނަށް ދިމާވެފައިވާ ގޮންޖެހުންތަކާއި ގުޅޭ ގޮތުން ޝުއޫރު ފާޅުކޮށްފަ އެވެ.