ނޫސްވެރިންނަށް އަމާޒުކޮށް ޖިނާއީ ޤާނޫނު ބޭނުންކުރުން ވަގުތުން ހުއްޓާލުމަށާއި، މީޑިއާގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ މައްޗަށް އުފުލާފައިވާ ދަޢުވާތައް އަނބުރާ ގެންދިއުމަށް ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން ސަރުކާރަސް ގޮވާލައިފި އެވެ.
'އައިޝާ" ޑޮކިއުމެންޓްރީ އާއި ގުޅިގެން އަދަދު ނޫހުގެ އޮފީސް ބަލާފާސްކުރުމާ ގުޅިގެން ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން ބުދަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ މީޑިއާގެ މަދަނީ ގަވާއިދުތަކުގެ ދަށުން ހައްލުކުރެވެން ހުރި ކަންކަމުގައި ޖިނާއީ އުސޫލުތައް ބޭނުންކުރުމަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް އޮތް ނުރައްކަލެއް ކަމަށެވެ.
ޓްރާންސްޕޭރެންސީ އިން ބުނީ އެއްވެސް މީހަކު ހާމަކުރާ މައުލޫމާތެއްގެ މަސްދަރު ހާމަކުރަން މަޖުބޫރުކޮށްގެން ނުވާނެ ކަމަށް ގާނޫނުއަސާސީގެ 28 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމަށެވެ. ނަމަވެސް، އަދަދުގެ ނޫސްވެރިން ބޭނުންކުރަމުންދިޔަ އިލެކްޓްރޯނިކް ވަސީލަތްތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔުމުގެ ސަބަބުން އެ ނޫސްވެރިންގެ މަސްދަރުތައް ހާމަވުމުގެ ފުރުސަތު ބޮޑު ކަމަށް ޓްރާންސްޕޭރެންސީގެ ބަޔާނުގައި ބުނެފައިވެ އެވެ.
މީޑިއާ ރެގިއުލޭޓް ކުރުމަށް ކަނޑައެޅިފައިވާ މަދަނީ އުސޫލުތަކުގެ ބޭނުމަކީ ނޫސްވެރިކަމުގެ މިނިވަންކަން ހިމާޔަތްކޮށް، ޒިންމާދާރުކުރުވުން ކަމަށްވާއިރު، ކަމާބެހޭ ފަރާތްތަކުން އެ އުސޫލުތައް ދޫކޮށްލުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.
މީގެ އިތުރުން ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ވަނީ، ހިފަހައްޓާފައިވާ އަދަދު ނޫސްވެރިކަމުގެ ހުރިހާ އާލާތްތަކާއި ތަކެތި ވަގުތުން އަނބުރާ ދިނުމަށާއި، އޮފީސް ފާސްކުރިއިރު އަމަލުކޮށްފައިވާ ގޮތުގެ ގާނޫނީ ސައްހަކަން މުރާޖާއު ކުރުމަށް ގޮވާލާފަ އެވެ.
ޤާނޫނުއަސާސީ އިން ކަށަވަރު ކޮށްދީފައިވާ ނޫސްވެރިކަމުގެ މިނިވަންކަމާއި، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ އިތުރުން އެއްވެ އުޅުމުގެ މިނިވަންކަމަށް ހުރަސްއެޅޭ ފަދަ ކަންތައްތަކެއް ފަހަކަށް އައިސް ހިނގަމުންދާކަން އެ ޖަމިއްޔާ އިން ވަނީ ފާހަގަ ކޮށްފަ އެވެ.