ބަނގުރާ ގެންގުޅެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މާލެއިން ހައްޔަރު ކުރި 3 ބިދޭސީން ޑީޕޯޓް ކޮށްލަން ނިންމައިފި އެވެ.
ބަނގުރަލުގެ މައްސަލަ އާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ މަހޭސް އިންދިރާޖިތް ސިލްވަ (42އ) އާއި ކަލްޔަނި އެޑިރިސިންގިހި އައްޕުހަމިލަގެ (48އ) އާއި މަންޖުލަ ކުމާރަ ރަތްނަޔަކެ މުޑިޔަންސެ (50އ) އެވެ. މި ތިން މީހުންނަކީ ވެސް ސްރީލަންކާއަށް ނިސްބަތްވާ މީހުންނެވެ.
މި ތިން މީހުން ހައްޔަރުކޮށްފައި ވަނީ މި މަހު 28 ވަނަ ދުވަހު ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ހިންގި އޮޕަރޭޝަންގައި މާލޭގެ ގެއެއް ބަލައި ފާސްކޮށްފަ އެވެ. އެ ގެ ބަލައިފާސްކުރި އިރު ބަނގުރާކަމަށް ބެލެވޭ އެއްޗެއް ހުރި 500އެމްއެލްގެ 24 ފުޅިއާއި ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް ހުރި ޓައްޕެއް ފެނިފައިވެ އެވެ. މީގެ އިތުރުން، 38000 އަށްވުރެ ގިނަ ދިވެހި ރުފިޔާއާއި 1100 އަށްވުރެ ގިނަ ޔޫއެސް ޑޮލަރު ފެނިފައިވެ އެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ތިން މީހުންގެ އިޖުރާއަތްތައް ފުރިހަމަކުރުމަށް ފަހު ޑީޕޯޓުކުރުމަށް މޯލްޑިވްސް އިމިގްރޭޝަނާ ވަނީ ހަވާލުކޮށްފަ އެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.