އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމަށް ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް، އޭނާއާ ވާދަކުރައްވާ ކެންޑިޑޭޓުންނަށް މަލާމާތާއި ފުރައްސާރަ ނުކުރުމަށް ސަޕޯޓަރުންގެ ކިބައިން އެދިވަޑައިގެންފި އެވެ.
މީކާއިލް މިކަމަށް އިލްތިމާސް ކުރެއްވީ އެމްޑީޕީ ހަރުގޭގައި ބޭއްވި "އިތުބާރު ހަރުގެ ޖަލްސާ" ގައި ވާހަކަ ދައްކަވަމުންނެވެ.
މި ޖަލްސާގައި ވާހަކަ ދައްކަވަމުން މީކާއިލް ވިދާޅުވީ، މި ކެމްޕެއިނަކީ ޕާޓީގެ އެތެރޭގެ އިންތިޚާބެއްގެ ކެމްޕެއިން ކަމަށްވާތީ، ވާދަކުރާ އެހެން ފަރާތްތަކަށް މަލާމާތުގެ ބަސްތަކާއި ފުރައްސާރައިގެ ބަސްތައް ރައްދުކުރުމަކީ އޭނާ އެއްގޮތަކަށް ވެސް އެދޭ ކަމެއް ނޫން ކަމަށެވެ. އަދި މިފަދަ އަމަލުތަކުން ދުރުހެލިވުމަށް އޭނާގެ ސަޕޯޓަރުންގެ ކިބައިން ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމަށް މީކާއިލް ވިދާޅުވި އެވެ.
ސަޕޯޓަރުންގެ ކިބައިން މިފަދައިން އެދިވަޑައިގަތް ސަބަބު ހާމަކުރައްވަމުން މީކާއިލް ވިދާޅުވީ، އިންތިޚާބުގެ މި 40 ދުވަހަށް ފަހުވެސް ކުރިއަށް ދުވަސްތަކެއް އެބައޮތްކަން އޭނާ ގަބޫލުކުރައްވާ ކަމަށެވެ. އަދި 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ކާމިޔާބު ކުރެވޭނީ ޕާޓީގެ ހުރިހާ މެންބަރުން އެކުގައި ކުރާ މަސައްކަތުންކަން އޭނާ ފާހަގަކުރެއްވި އެވެ.
އަޅުގަނޑު އެހެން ނޭދޭ ސަބަބަކީ، އަޅުގަނޑަށް ވިސްނޭ. އަޅުގަނޑަށް ވިސްނޭ، މި ސާޅީސް ދުވަހަށް ފަހު ވެސް ދުވަހެއް އެބައެއްކަން އަޅުގަނޑަށް ވިސްނޭ. އަޅުގަނޑަށް ވިސްނޭ، ދެހާސް އަށާވީސް، އަޅުގަނޑުމެންނަށް ކާމިޔާބުކުރެވޭނީ އަޅުގަނޑުމެން އެންމެން އެކުގައި ކުރާ މަސައްކަތުންކަން އަޅުގަނޑަށް ވިސްނޭ. އަޅުގަނޑަށް ވިސްނޭ، މި ޕާޓީގައި ވަކި ބަޔަކު ބާކީކޮށް، ވަކި ބަޔަކު އެއްފަރާތްކޮށް، ހިންގާ ރިޔާސީ ޕްރައިމަރީއެއްގައި މި ޕާޓީގެ އާއްމު މެންބަރުންގެ އިތުބާރެއް ނޯންނާނެކަންގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް
މީގެ އިތުރުން މީކާއިލް ވިދާޅުވީ، ޕާޓީގެ ތެރެއިން ވަކި ބަޔަކު ބާކީކޮށް އެއްފަރާތްކޮށްގެން ހިންގާ ރިޔާސީ ޕްރައިމަރީއެއްގައި ޕާޓީގެ އާންމު މެންބަރުންގެ އިތުބާރެއް ނޯންނާނެ ކަމަށެވެ. އެހެންކަމުން ޕާޓީގެ އެތެރޭގެ އެއްބައިވަންތަކަން ދެމެހެއްޓުމަކީ މުހިންމު ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.
އެމްޑީޕީގެ އާންމު މެންބަރުންނަށް ޔަގީންކަން އަރުވަމުން މީކާއިލް ވިދާޅުވީ، އޭނާގެ ޗެއަރޕާސަންކަމުގެ ދަށުން އެމްޑީޕީ އިންތިޒާމުކޮށްދޭނީ މެންބަރުން ފަޚުރުވެރިވާ ފަދަ، އަދި މެންބަރުން އިންތިޒާރުކުރާ ފަދަ އިތުބާރު ހުރި ޕާޓީއެއްގެ ގޮތުގައި ކަމަށެވެ. އަދި އެ ޕާޓީއާއެކު 2028 ވަނަ އަހަރުގެ ކާމިޔާބީއާ ހަމައަށް މެންބަރުން ގެންގޮސްދޭނެ ކަމުގެ ވައުދުވެސް އޭނާ ވަނީ ވެވަޑައިގެންފަ އެވެ.