ފާއިތުވެދިޔަ ރޯދަ މަހަށް ފަހު ލިބުނު ފުރަތަމަ ކަރަންޓު ބިލު އާދަޔާ ހިލާފަށް ބޮޑުވެފައިވާ މައްސަލައިގައި ނ. ވެލިދޫ ރައްޔިތުން ބުދަ ދުވަހު އެ ރަށުގެ ފެނަކަ އޮފީސް ކައިރީގައި އިހުތިޖާޖު ކޮށްފި އެވެ.

އެކި ޝުއޫރުތައް ލިޔެފައިވާ ޕޯސްޓަރުތައް ހިފައިގެން ފެނަކަ އޮފީސް ކައިރީގައި ވެލިދޫ ރައްޔިތުން ކުރި އިހުތިޖާޖުގައި ބުނަމުންދިޔައީ މި ސަރުކާރުން ކަރަންޓު ބިލުން ރައްޔިތުން ނޮޅާލައިފި ކަމަށެވެ. ރައްޔިތުން ފެނަކަ އޮފީސް ކައިރިއަށް ދިޔައީ ކަރަންޓު ބިލު ބޮޑުވި ސަބަބު ދެނެގަނެ ފެނަކައިގެ ޖަވާބެއް ހޯދުމަށް ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.

ވެލިދޫ ރައްޔިތުންގެ އިތުރުން ރާއްޖޭގެ އެހެން ރަށްތަކުގެ ރައްޔިތުން ވެސް ދަނީ ރޯދަ މަހަށްފަހު ލިބުނު ކަރަންޓު ބިލު ބޮޑުވެފައިވާ ކަމަށް ބުނެ ޝަކުވާ ކުރަމުންނެވެ. ބައެއް މީހުން ބުނަމުންދަނީ ފެނަކަ އާއި ސްޓެލްކޯ އިން ބިލުތައް އޮޅުވާލާފައިވާ ކަމަށެވެ.

ކަރަންޓު ބިލު ދެގުނަ ބޮޑުވެ އާއްމު ރައްޔިތުން ރަތަށް، ރ. އަނގޮޅިތީމު ރައްޔިތުން ނުކުތީ މުޒާހަރާ އަށް!
އެގޮތުން ރ. އަނގޮޅިތީމު ރައްޔިތުން ވެސް ވަނީ ކަރަންޓު ބިލު ބޮޑުވެފައިވާތީ އެ ރަށުގެ ފެނަކަ އޮފީސް ކުރި މައްޗަށް އެއްވެ އަޑު އުފުލާފަ އެވެ. މިއީ އޮޅުވާލުމެއް ކަމަށާއި މިވަރުގެ ބިލެއް ނާރާނެ ކަމަށް އެ މީހުން ބުނެ އެވެ. އަދި އަލުން ކަރަންޓު ބިލުތަކުގެ ރީޑިންގ ނެގުމަށް ވެސް އެ މީހުން ގޮވާލާފައިވެ އެވެ.
މީގެ އިތުރުން ރަމަޟާން މަހުގެ ކަރަންޓު ބިލަށް ދިން ޑިސްކައުންޓަށްފަހު މި މަހު ލިބުނު ބިލުތައް އާދަޔާ ހިލާފަށް ބޮޑުވެފައިވާތީ އެކަމާ ދެކޮޅަށް އިދިކޮޅު އެމްޑީޕީ އިން ވަނީ ހުކުރު ދުވަހުގެ ރޭ ސްޓެލްކޯ ސަރަހައްދުގައި އިހުތިޖާޖު ކޮށްފަ އެވެ.

ރޯދަމަހަށް ފަހު، ކަރަންޓު ބިލުތަށް އެތަށް ގުނައެއް ބޮޑުވެފައިވާތީ އެމްޑީޕީ އިން ސްޓެލްކޯ ކުރިމަތީ އިހުތިޖާޖު ކޮށްފި
ކަރަންޓު ބިލާމެދު ޝަކުވާ ކުރަމުންދާ މީހުން ބުނަނީ ރޯދަ ޑިސްކައުންޓުގެ ގެއްލުން ފޫބައްދަން ސަރުކާރުން ގަސްތުގައި ބިލުތައް އޮޅުވާލީ ކަމަށެވެ. ނަމަވެސް ފެނަކަ އިން ބުނީ ކަރަންޓު ބިލު ތައްޔާރުކުރީ އާންމު އެހެން މަސްމަހުގައި ވެސް އަމަލުކުރަމުންދާ އުސޫލުން ކަމަށެވެ.
ކަރަންޓު ގެ ހިދުމަތްދޭ ކުންފުނިތަކުން ބުނަނީ މި ދުވަސްވަރު ކަރަންޓު ބިލުތައް ބޮޑު ވަނީ ގޭބިސީތަކުގައި ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވާތީ ކަމަށެވެ. އެހެންނަމަވެސް ރައްޔިތުން ބުނަމުންދަނީ ރޯދަ މަހަށްވުރެ ވެސް މި މަހު ކަރަންޓު ބޭނުންކުރާ މިންވަރު މަދުވާނެ ކަމަށާއި ބިލުތައް ބޮޑުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
ކަރަންޓު ބިލުތައް ބޮޑުވުމުގެ ސަބަބުން ގިނަ އާއިލާތަކަށް ބޮޑެތި ދަތިތައް ކުރިމަތިވަމުންދާ ކަމަށް ރައްޔިތުން ބުނެ އެވެ.