މެމްބަރުން ޕާޓީ ބަދަލު ކުރުމުން ގޮނޑި ގެއްލޭ އިސްލާޙު ހިނގަމުންދާ 20 ވަނަ ރައްޔިތުންގެ މަޖިލީހަށްވެސް ހިނގާނެކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމައިފި އެވެ.
ސުޕްރީމް ކޯޓުން އެގޮތަށް ނިންމާފައިވަނީ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އަޣުލަބިއްޔަތުންނެވެ.
މި މައްސަލައިގައި މައިގަނޑު 2 ރައުޔެއް އިއްވިއެވެ. އެއީ އުއްތަމަފަނޑިޔާރުގެ ރައުޔާއި، ފަނޑިޔާރު އައިޝާ ޝުޖޫން މުޙައްމަދުގެ ރައުޔެވެ. ބާކީ ތިއްބެވި ހުރިހާ ފަނޑިޔާރުން ތާއީދު ކުރެއްވީ އުއްތަމަފަނޑިޔާރުގެ ރައުޔަށެވެ.
އަލީ ހުސައިންގެ ފަރާތުން ހުށަހަޅާފައިވާ ހުށަހެޅުމުގައި އެދިފައިވަނީ ޤާނޫނުއަސާސީއަށް މިހާރު ގެނެސްފައިވާ އިސްލާޙަކީ 20 ވަނަ މަޖިލީހަށް ތަތުބީޤު ނުކުރެވޭނެ އިސްލާޙެއް ކަމަށް ކަނޑައަޅައިދިނުމަށެވެ.
އެ ނުކުތާގައި އުއްތަމަފަނޑިޔާރު ވިދާޅުވީ، މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނަށް ބަލާއިރު އާންމުކޮށް މަޖިލީހުން ހަދާ ޤާނޫނުތަކާއި ޤަވާއިދުތައް ހަދަނީ އެ ޤާނޫނުތައް ހަދާ ހިސާބުން ކުރިއަށް އޮތް ތަނަށް ތަތުބީޤު ކުރާ ގޮތަށް ކަމަށެވެ. އަދި ޖިނާއީ ޤާނޫނުތައް މާޒީއަށް ހިނގައިގެން ނުވާނެކަމަށް ބުނާ ފަދަ ހަރުކަށި އުސޫލެއް މަދަނީ ޤާނޫނުތަކާ ގުޅޭގޮތުން ނެތްކަން އުއްތަމަފަނޑިޔާރު ވިދާޅުވި އެވެ.
އެހެންކަމުން ޤާނޫނުއަސާސީއަށް ގެނެސްފައިވާ 6 ވަނަ އިސްލާޙު މިހާރު ހިނގަމުންދާ މަޖިލީހަށްވެސް ހިނގާނެކަމަށް އުއްތަމަފަނޑިޔާރު އެ ނުކުތާގައި ވިދާޅުވި އެވެ.