އޮންލައިން ނޫސް "އަދަދު" ގެ ސޯޝަލް މީޑިއާ މަންސަތަކުގައި އާންމުކުރި "އައިޝާ" ޑޮކިއުމަންޓްރީގެ މައްސަލައިގެ ތަހުގީގަށް ހާޒިރުވެ، އެ ނޫހުގެ އެޑިޓަރު ހަސަން މުހައްމަދު (ހަސަނާ) ހަނު ހުރުމުގެ ޙައްޤު ބޭނުންކޮށްފި އެވެ.

އަދަދު ނޫހުން ގެނެސްދީފައިވާ ޑޮކިއުމަންޓްރީގެ މައްސަލައިގައި އެއީ ހަގީގަތާ ޚިލާފު ވާހަކަތަކެއްކަން މިހާތަނަށް ތަހުގީގީ އެއްވެސް އިދާރާއަކުން ނިންމާފައިނުވާއިރު، އެ މައްސަލައިގެ ތަހުގީގަށް ބަލާ ފާސްކުރުމަށް ފުލުހުން ގޮސްފައި ވަނީ ހޯމަ ދުވަހުގެރޭގެ ވަގުތެއްގަ އެވެ.

މި މައްސަލައިގައި އަދަދުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާގެ އިތުރުން ހަސަންގެ ޕާސްޕޯޓު ހިފަހައްޓައި ތަހުގީގަށް ހާޒިރުވާން އަންގާފައިވާއިރު، ބުދަ ދުވަހުގެ ހެނދުނު ހަސަނު ވަނީ ތަހުގީގަށް ހާޒިރުވެފަ އެވެ. އޭނާގެ ވަކީލު ސައްޔާހު ޚަލީލު ވިދާޅުވި ގޮތުގައި އޭނާ ވަނީ ހަނު ހުރުމުގެ ޙައްޤުގެ ބޭނުން ހިފާފަ އެވެ.

އޭނާގެ މައްޗަށް ފުލުހުން ކުރާ ތުހުމަތު ތަކުގެ ތެރޭގައި ގާނޫނުލްއުގޫބާތުގެ 30 ވަނަ މާއްދާގެ ދަށުން މީހަކު ކުރާ އަމަލަކަށް އެހެން މީހަކު ޒިންމާދާރުކުރުވުން، ބައިވެރިވުމުގެ ޒިންމާގެ ކުށާއި، ގާނޫނުލްއުގޫބާތުގެ 30 ވަނަ މާއްދާގެ ހ. ގެ ދެވަނަ ނަންބަރުގެ ދަށުން މީހަކު ކުރާ އަމަލަކަށް އެހެން މީހާކު ޒިންމާދާރުކުރުވުން، ބައިވެރިވުމުގެ ޒިންމާގެ ކުށާއި، ގާނޫނުލްއުގޫބާތުގެ 612 ވަނަ މާއްދާގެ ދަށުން ގަޛުފުގެ ކުށާއި، ގާނޫނުލްއުގޫބާތުގެ 81 ވަނަ މާއްދާގެ ދަށުން ކުށެއް ކުރުމަށް އެދުމުގެ ކުށާއި، ގާނޫނުލްއުގޫބާތުގެ 82 ވަނަ މާއްދާގެ ދަށުން ކުށެއް ކުރުމަށް ރޭވުމުގެ ކުށް ހިމެނެއެވެ. 

މި މައްސަލައިގެ ތަހުގީގު ނުނިމެނީސް ދާޚިލީ ވަޒީރު އަލީ އިޙްސާން ވަނީ 

ހަގީގަތާ ޚިލާފު ސީރިއަސް ތުހުމަތުތަކެއް އުފައްދައިގެން (ފެބްރިކޭޓްކޮށްގެން) ފެތުރުމަކީ ނޫސްވެރިކަމެއް ނޫންކަމަށް ވިދާޅުވެ، އެ ޑޮކިއުމަންޓްރީގައި ގެނެސްދީފައި ވަނީ ދޮގު ވާހަކަތަކެއްކަމަށް ވިދާޅުވެފަ އެވެ.