ރައީސް ޑރ. މުހައްމަދު މުއިއްޒު ކެބިނެޓަށް އައްޔަނުކުރެއްވި 14 ވަޒީރުންނަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ. 

މި މައްސަލަ ދިރާސާ ކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ އިންނެވެ. އަލަށް ހުވާ ކުރެއްވި 14 ވަޒީރުންނަށް ރުހުން ދިނުމަށް ނިންމާފައިވަނީ މި މައްސަލަ ދިރާސާކުރުމަށް ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.

ވަޒީރުންނަށް ރުހުން ހޯއްދެވުމަށް މަޖިލީހަށް ފޮނުއްވި މައްސަލަ ދިރާސާކުރުމުގައި ކޮމިޓީ އިން ނިންމީ، ދެ މައްސަލައެއްގެ ގޮތުގައި މަޖިލީހަށް ހުށަހެޅިފައިވާ، 14 ވަޒީރުންގެ މައްސަލަ އެއް މައްސަލައެއްގެ ގޮތުގައި ކުރިއަށް ގެންދިއުމަށެވެ. އަދި ހުރިހާ ވަޒީރުންނަށް ރުހުން ދިނުމާ މެދު އެކުގައި ވޯޓަށް އެހުމަށް ވެސް ކޮމިޓީން ވަނީ ނިންމާފަ އެވެ.

ބުދަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި 14 ވަޒީރުންނަށް ވެސް ރުހުން ދިނުމަށް ފެނޭތޯ ވޯޓަށް އަހާފައި ވަނީ ވަކިވަކިންނެވެ. 

ވަޒީރުންނަށް ރުހުން ދިން ގޮތުގެ ތަފްސީލް

1. ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް މިނިސްޓަރު ކަމަށް މޫސާ ޒަމީރު އައްޔަނު ކުރުމަށް ފެންނަ ކަމަށް ވޯޓު ދެއްވީ 79 މެންބަރުންނެވެ. ޒަމީރު އެ މަގާމަށް އައްޔަނު ކުރުމަށް ނުފެންނަ ކަމަށް ވޯޓު ދެއްވީ 1 މެންބަރެވެ. 

2. ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީ މިނިސްޓަރު ކަމަށް ޢަލީ އިޙްސާން އައްޔަނު ކުރުމަށް ފެންނަ ކަމަށް ވޯޓު ދެއްވީ 70 މެންބަރުންނެވެ. އިހުސާން އެ މަގާމަށް އައްޔަނު ކުރުމަށް ނުފެންނަ ކަމަށް 2 މެންބަރުން ވޯޓު ދެއްވި އެވެ. 

3. ފޮރިން އެފެއާޒް މިނިސްޓަރު ކަމަށް އިރުތިޝާމް އާދަމް އައްޔަނު ކުރުމަށް ރުހުން ދީފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 75 މެންބަރުންގެ އިއްތިފާގުންނެވެ. 

4. އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް މިނިސްޓަރު ކަމަށް ޑޮކްޓަރ އިސްމާޢީލް ޝަފީޢު އައްޔަނު ކުރުމަށް ފެންނަ ކަމަށް ވޯޓު ދެއްވީ 72 މެންބަރުންނެވެ. ޝަފީއު އެ މަގާމަށް އައްޔަނު ކުރުމަށް ނުފެންނަ ކަމަށް 2 މެންބަރުން ވޯޓު ދެއްވި އެވެ. 

5. ހެލްތު، ފެމިލީ އެންޑް ވެލްފެއަރ މިނިސްޓަރު ކަމަށް ގީލާ އަލީ އައްޔަނު ކުރުމަށް ރުހުން ދީފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 75 މެންބަރުންގެ އިއްތިފާގުންނެވެ. 

6. އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މިނިސްޓަރު ކަމަށް މުޙައްމަދު ސަޢީދު އައްޔަނު ކުރުމަށް ފެންނަ ކަމަށް ވޯޓު ދެއްވީ 65 މެންބަރުންނެވެ. ސައީދަށް ރުހުން ދިނުމަށް ނުފެންނަ ކަމަށް ވޯޓު ދެއްވީ 12 މެންބަރުންނެވެ. 

7. އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސް މިނިސްޓަރު ކަމަށް ޑޮކްޓަރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އައްޔަނު ކުރުމަށް ރުހުން ދީފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 74 މެންބަރުންގެ އިއްތިފާގުންނެވެ. 

8. ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު ކަމަށް މުޙައްމަދު އަމީން އައްޔަނު ކުރުމަށް ފެންނަ ކަމަށް ވޯޓު ދެއްވީ 73 މެންބަރުންނެވެ. އަމީން އަށް ރުހުން ދިނުމަށް ނުފެންނަ ކަމަށް ވޯޓު ދެއްވީ 2 މެންބަރުންނެވެ. 

9. ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް މިނިސްޓަރު ކަމަށް ޢަބްދުﷲ ރާފިޢު އައްޔަނު ކުރުމަށް ރުހުން ދީފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 75 މެންބަރުންގެ އިއްތިފާގުންނެވެ. 

10. އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ކަމަށް ހީނާ ވަލީދު އައްޔަނު ކުރުމަށް ފެންނަ ކަމަށް ވޯޓު ދެއްވީ 64 މެންބަރުންނެވެ. ހީނާ އެ މަގާމަށް އައްޔަނު ކުރުމަށް ނުފެންނަ ކަމަށް 12 މެންބަރުން ވޯޓު ދެއްވި އެވެ. 

11. އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް ކަމަށް ޑޮކްޓަރ އަބްދުﷲ މުއްތަލިބް އައްޔަނު ކުރުމަށް ފެންނަ ކަމަށް ވޯޓު ދެއްވީ 68 މެންބަރުންނެވެ. މުއްތަލިބް އަށް ރުހުން ދިނުމަށް ނުފެންނަ ކަމަށް 5 މެންބަރުން ވޯޓު ދެއްވި އިރު ވަކި ގޮތަކަށް ވޯޓު ދެއްވަން ބޭނުން ނުވާ ކަމަށް 1 މެންބަރު ވިދާޅުވި އެވެ. 

12. ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ މިނިސްޓަރު ކަމަށް ޢަލީ ޝަރީފް އައްޔަނު ކުރުމަށް ފެންނަ ކަމަށް ވޯޓު ދެއްވީ 63 މެންބަރުންނެވެ. 13 މެންބަރަކު ވަނީ އަލީ ޝަރީފް އަށް ރުހުން ދިނުމަށް ނުފެންނަ ކަމަށް ވޯޓު ދެއްވާފަ އެވެ. 

13. ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް މިނިސްޓަރު ކަމަށް އަޙްމަދު ޝިޔާމް އައްޔަނު ކުރުމަށް ރުހުން ދީފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 73 މެންބަރުންގެ އިއްތިފާގުންނެވެ. 

14. ޑިފެންސް އެންޑް ނޭޝަނަލް ސަރވިސް މިނިސްޓަރު ކަމަށް ޙަސަން ރަޝީދު އައްޔަނު ކުރުމަށް ރުހުން ދީފައި ވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 76 މެންބަރުންގެ އިއްތިފާގުންނެވެ.

14 އޭޕްރީލް 2026 ގައި ރައީސް މުއިއްޒު ވަނީ ކެބިނެޓަށް ބޮޑެތި ބަދަލުތަކެއް ގެންނަވާފަ އެވެ. އެގޮތުން ބައެއް މިނިސްޓްރީތައް އެއްކޮށްލައްވައި، މިނިސްޓްރީތަކުގެ އަދަދު މަދުކޮށްފައިވެ އެވެ. އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެން  22 މިނިސްޓަރުން ހިމެނޭ، މިހާތަނަށް އެންމެ ބޮޑު ކެބިނެޓު އެކުލަވައި ލެއްވި އެވެ. ނަމަވެސް އެންމެ ފަހުން ގެންނެވި ބަދަލާއެކު ކެބިނެޓްގައި މިހާރު ތިއްބަވަނީ 15 ވަޒީރުންނެވެ. 

ބަންޑާރަ ނައިބު އަހުމަދު އުޝާމްގެ މެންޑޭޓަށް އެއްވެސް ބަދަލެއް އައިސްފައި ނުވާތީ، އޭނާއަށް އަލުން ރުހުން ހޯދަން ނުޖެހޭނެ ކަމަށް ވަނީ ނިންމާފަ އެވެ. 

އާ ކެބިނެޓް އެކުލަވައިލެއްވިއިރު، ކުރިން ވަޒީރުކަމުގައި ތިއްބެވި ބައެއް ބޭފުޅުން ވަނީ އެހެން ވުޒާރާތަކަށް ބަދަލުކުރައްވާފަ އެވެ. އަދި މުޅިން އަލަށް ހަތަރު ބޭފުޅަކު ވަނީ ކެބިނެޓަށް އައްޔަނުކުރައްވާފަ އެވެ. އެ ބޭފުޅުންނަކީ ހީނާ ވަލީދު، ގީލާ އަލީ، އިރުތިޝާމް އާދަމް އަދި އަލީ ޝަރީފް އެވެ.

ރައީސް އޮފީހުން ހާމަކުރި ގޮތުގައި، 20 ވަޒީރުން ތިއްބަވާ ކެބިނެޓުގެ ދެބައިކުޅަ އެއްބައި ވަޒީރުން އިސްތިއުފާ ދެއްވީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގެވުމަށް ރައީސުލްޖުމްހޫރިއްޔާ ގެންނަވަން ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް ފުރުޞަތު ދެއްވުމުގެ ގޮތުންނެވެ. މި ބަދަލުތަކަކީ ސަރުކާރުގެ ހިންގުން ހަރުދަނާކޮށް، ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމުގައި އިތުރު ހަލުވިކަމެއް ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމެއް ކަމަށްވެސް އެ އޮފީހުން ބުނެފައިވެ އެވެ.