ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ރައްޔިތުންގެ ހައްގުތައް އޮޅާލަމުންދާއިރު، ފުލުހުންގެ ޚިދުމަތުން ބަލަން ތިބެން ނުވާނެ ކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

މައުސޫމް މިހެން ވިދާޅުވީ އަންގާރަ ދުވަހުގެ ރޭ އެމްޑީޕީން ކުރިއަށް ގެންދިޔަ މުޒާހަރާގައި ވާހަކަ ދައްކަވަމުންނެވެ. ސިލްސިލާ ގޮތެއްގައި މާލޭގައި އެމްޑީޕީން ކުރިއަށް ގެންދިޔާ މި މުޒާހަރާގައި ހުންނަވައި މައުސޫމް ވަނީ ވަރަށް ބޮޑަށް މިސަރުކާރަށް ފާޑު ވިދާޅުވެފަ އެވެ. 

މައުސޫމް ވިދާޅުވީ ފުލުހުންނަށް މުސާރަ އާއި ހުރިހާ އިނާއަތްތަކުގެ އިތުރުން ހުރިހާ ކަމެއް ކޮށްދެނީ ދިވެހި ރައްޔިތުންގެ ފައިސާއިން ކަމަށާއި، ފުލުހުން ޚާއްސަ އިސްކަމެއް ދިވެހި ރައްޔިތުންނަށް ދޭން ޖެހޭ ކަމަށެވެ.

އެގޮތުން ގާނޫނު އަސާސީ އާއި ރައްޔިތުންގެ ހައްގުތައް ދިފާއު ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ރައްޔިތުންގެ ހައްގުތައް އޮޅާލަމުންދާއިރު ފުލުހުން މަޑުން ތިބެގެން ނުވާނެ ކަމަށެވެ. 

މީގެ އިތުރުން މައުސޫން ވިދާޅުވީ، ޑިމޮކްރަސީގެ މައިގަނޑު އެންމެ އަސާސަކީ މިނިވަން ނޫސްވެރިކަމާއި، ހިޔާލުފާޅު ކުރުން ކުރުމުގެ މިނިވަންކަން ކަމަށެވެ. އަދި އެމަސައްކަތަށް މިސަރުކާރުން ހުރަސް އަޅަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް މިސަރުކާރު ފެށިގެން އައީ މީޑީއާ އަށް ވަރަށް ގާތް ސަރުކާރެއްގެ ގޮތުގައި ކަމަށާއި، މިހާރު މުޅި މަންޒަރު ބަދަލުވެފައިވާ ކަމަށް މައުސޫމް ވިދާޅުވި އެވެ.

އަލަށް ސަރުކާރެއް އައީ. ސޯޝަލް ސެންޓަރުގައި އެބޭފުޅުން ބޭއްވީ މީޑިއާ މަހާސިންތާއެއް. އެކިކުލަކުލައިން ގޮޑިތައް ބަހައްޓާފައި އެކި ކުލަކުލައިން ފަރުދާ ދަމާފައި އެކި ވައްތަރަށް މައިކްތައް ބަހައްޓާފައި. ހުރިހާ އެންމެން އަރާ ވަރަށް ފޮނުއެރުވި. އޭރު ވެސް ހިތަށް އެރި ކިހިނެއް ބާއޭ ނިމެނީ. ރޭގައި އަޅުގަނޑުމެންނަށް މިފެނުނީ އަޅުގަނޑުމެންގެ ނޫސްވެރިކަމަށް އިތުރަށް ގޮންޖެހިތައް. ރައްޔިތުންނަށް ލިބިދީފައިވާ ހައްގުތަކުގެ ތެރެއިން އަޅުގަނޑުމެން އެންމެ ބޮޑަށް ހޯދަން ބޭނުންވާ އެއްޗަކީ ހިޔާލުފާޅު ކުރުމުގެ މިނިވަންކަން. 
ކުރީގެ ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް

މައުސޫމް ވިދާޅުވީ ގައުމުގެ ހާލަތު ނޫސްވެރިން ހާމަ ކުރާނެ ކަމަށާއި، ނޫސްތައް ކުށްވެރި ކުރަން ނުޖެހޭ ކަމަށެވެ.

ގާނޫނު އަސާސީގައި ރައްޔިތުންނަށް ރަނގަޅު ތާހިރު ދިރިއުޅުމެއް އުޅުމުގެ ފުރުސަތު ފަހި ކޮށްދޭއިރު، ފުލުހުން ވެސް ގާނޫނީ ވާޖިބު އަދާކޮށް، ގާނޫނު އަސާސީން ރައްޔިތުންނަށް ލިބިދީފައިވާ ހައްގުތައް ކަށަވަރު ކޮށްދޭން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.