އައްޑޫ ސިޓީ ފޭދޫ ސްކޫލުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި އަލިފާނުގެ ހާދިސާ ހިނގީ ބުދަ ދުވަހުގެ ހެނދުނު 7:20 ހާއިރު އެވެ. މި ރިޕޯޓާއެކު އައްޑޫގައި ހަރަކާތްތެރިވާ ފަޔަރފައިޓަރުން ކުރި މަސައްކަތުން 8:45 ހާއިރު ވަނީ އަލިފާން ކޮންޓްރޯލް ކޮށްފަ އެވެ.
އަލިފާނު ރޯވެފައިވަނީ ލައިބްރަރީ ހުންނަ ސަރަހައްދުގައި ކަމަށާއި، އެވަގުތު ސްކޫލު ހުސް ކުރުމުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ. އަދި ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް ވަރަށް ބޮޑަށް އިސްކަންދީފައިވާ ކަމަށެވެ.

އައްޑޫ ސިޓީ ފޭދޫ ސްކޫލުގައި އަލިފާނުގެ ހާދިސާއެއް ހިނގުމާ ގުޅިގެން ދަރިވަރުންނާއި، ޓީޗަރުން ސްކޫލުގެ ބޭރަށް ނުކުންނަނީ
ފޮޓޯތަކުން ފެންނަ ގޮތުގައި ރޯވެފައިވާ ސަރަހައްދުގެ ގޯޅި އާއި ސީލިންގަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ. އަދި އެތަނުގައި ހުރި އޭސީގެ އައުޓުޑޯ ޔުނިޓްތައް ހިމެނޭ ގޮތަށް އެހެނިހެން އެއްޗެހިތައް ވެސް ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދާފަ އެވެ.
އަލިފާނުގެ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް ނޭނގެ އެވެ. އަދި މިހާދިސާއާ ގުޅޭގޮތުން ފުލުހުން އަދި އެމްއެންޑީއެފްގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.