ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ނުކުޅެދުންތެރިކަން ފޮރުވުމަށްޓަކައި ކޮންމެ ކަމެއް ކުރީ ސަރުކާރުގެ ބޮލުގައި އަޅުވައި، ފައިސާ އާއި ބިރު ދައްކައިގެން ރައްޔިތުންގެ އިތުބާރު ދެން ނުހޯދޭނެ ކަމަށާއި، ދިވެހި ރައްޔިތުންގެ ކުރިމަތީގައި މި ސަރުކާރު ފަޟީހަތްވެ ބޭޒާރުވުން ނޫން ކަމެއް ދެން ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެ އެވެ.

އަންގާރަ ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އައްބާސް ވިދާޅުވީ، ސަރުކާރު ދިފާއު ކުރުމަށްޓަކައި ތުން ބަނދެ ހަތަރެސްފައި ބަނދެވިފައި ތިބި ބޭފުޅުންނަށް ދެއްކޭނެ އިތުރު އެއްވެސް ވާހަކައެއް މިހާރު ނެތް ކަމަށެވެ. އަދި ސަރުކާރުގެ ދޯދިޔާ ސިޔާސަތުތައް އިސްތިހާރުކޮށް ޕްރޮމޯޓް ކުރުމަށްޓަކައި ރައްޔިތުންގެ ފައިސާ އިން އެތައް މިލިއަން ރުފިޔާއެއްގެ މުސާރަ ދީގެން ރައީސް މުއިއްޒު ގެންގުޅުއްވާ ފަރާތްތައް މިއަދު ތިބީ ސަރުކާރުގެ ސިޔާސަތުތައް ދިފާއު ނުކުރެވި، ގޮތް ހުސްވެފައި ކަމަށްވެސް އޭނާ ފާހަގަކުރެއްވި އެވެ.

މިލިއަނުން ރުފިޔާ އޮއްސައިގެން ހިންގާ އޮންލައިން ނޫސްތަކާއި، ރައްޔިތުންގެ ފައިސާ އިން ބޮޑު މުސާރަ ދީގެން ގެންގުޅޭ ދެތިން "އަންހެން ބޮޓުން" މިއަދު ތިބީ ނާކާމިޔާބު ސިޔާސަތުތައް ދިފާއު ނުކުރެވިގެން ގޮތް ހުސްވެފަ. ދައުލަތުގެ ބަޖެޓުން ބޮޑެތި އިނާޔަތްތައް ދީގެން، މީސްމީޑިއާ ގައި ދޮގު ފަތުރަން ހަވާލުކޮށްފައިވާ މި ޓީމަށް މިއަދު ވަނީ މަގު އޮޅިފަ
ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ އެމްޑީއޭ މެންބަރު މުހައްމަދު އައްބާސް

މި ސަރުކާރުން ބޮޑު މުސާރަ ދީގެން ގެންގުޅޭ އެކްޓިވިސްޓުންގެ ބޮޑު ލަޝްކަރަށް، ސަރުކާރުގެ ނުބައި ސިޔާސަތުތަކާ ފާޅުގައި ދެކޮޅަށް ތެދުވެ ތިބި މަދު ބަޔަކު ހުއްޓުވާ ނުލެވުނު ކަމަށް އައްބާސް ވިދާޅުވި އެވެ. މުޅި ދައުލަތް އެއްކޮށް ނިކުމެ، ރައްޔިތުންގެ ހައްގުގައި ބަސްބުނާ މަދު ބައެއްގެ އަޑު ކަނޑުވާލަން ކުރާ މަސައްކަތް މިހާރު ފެނަށް ގޮސްފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އައްބާސް އިތުރަށް ވިދާޅުވީ، ބާރާއި ނުފޫޒާއި ފައިސާއަށް ވުރެ ތެދު ހަގީގަތުގެ ބާރު މާ ގަދަވާނެ ކަމަށެވެ. އަދި ކިތަންމެ ބޮޑު މުސާރައެއް ދީގެން "ބޮޓުން" ލައްވައި ސޯޝަލް މީޑިއާގައި ޕޯސްޓުތައް ޖެއްސުވިޔަސް، އަދި ކިތަންމެ ވަރަކަށް ނޫސްތަކަށް ފައިސާ އޮއްސައިގެން ހަގީގަތް އޮޅުވާލަން އުޅުނަސް، ސާފުކޮށް ފެންނަން އޮތް ހަގީގަތެއް ފޮރުވައި ނުލެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ވެލިދޫ ދާއިރާގެ މެންބަރު އައްބާސް މިފަދަ މޭރުމަކުން ސަރުކާރަށް ފާޑުވިދާޅުވެފައި މިވަނީ، ސަރުކާރުގެ ސިޔާސަތުތަކަށް އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވަމުންދާ ދަނޑިވަޅެއްގަ އެވެ. ހާއްސަކޮށް ސަރުކާރުގެ އިގްތިސާދީ ސިޔާސަތުތަކާއި، ސިޔާސީ މަގާމުތަކަށް މީހުން އައްޔަންކުރުމުގައި އަމަލުކުރަމުންދާ ގޮތާ މެދު ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.