ލޯކަލް ކައުންސިލްތަކުގެ ފަސްވަނަ ދައުރަށް އިންތިޚާބުވި ކައުންސިލަރުން ހުވާކުރުމާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން އިޤްރާރުގައި ސޮއިކުރުމުގެ ރަސްމިއްޔާތު އަންނަ މެއި މަހުގެ 17 ވަނަ ދުވަހު ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އެއްވަގުތެއްގައި ކުރިއަށް ގެންދިއުމަށް ލޯކަލް ގަވަރންމަންޓް އޮތޯރިޓީން ނިންމައިފި އެވެ.

ލޯކަލް ގަވަރންމަންޓް އޮތޯރިޓީން ބުނީ، މި ތާރީޚު ކަނޑައަޅާފައިވަނީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން، އެންމެ ފަހުން ކައުންސިލަރުން ހުވާކުރިތާ ފަސް އަހަރު ހަމަވާ ދުވަހަށް ރިޢާޔަތް ކޮށްގެން ކަމަށެވެ.

މި ރަސްމިއްޔާތުގައި ލޯކަލް ކައުންސިލްތަކަށް އިންތިޚާބުވި ކައުންސިލަރުން މަޤާމުގެ ހުވާކުރެއްވުމާއެކު، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން އިޤުރާރުގައި ސޮއިކުރެއްވުމުގެ ރަސްމިއްޔާތު ވެސް ބާއްވާނެ އެވެ.

އަލަށް އިންތިޚާބުވި ހުރިހާ މެންބަރުން ހުވާކުރައްވައި އިޤުރާރުގައި ސޮއިކުރައްވައި ނިމުމުން، ކައުންސިލްތަކުގެ ފުރަތަމަ ރަސްމީ ބައްދަލުވުން ބޭއްވުމަށް ވެސް ވަނީ ނިންމާފަ އެވެ. މި ބައްދަލުވުމުގައި ކައުންސިލްތަކުގެ ނައިބު ރައީސުން ހޮވުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ލޯކަލް ގަވަރންމަންޓް އޮތޯރިޓީން މަޢުލޫމާތު ދީފައިވެ އެވެ.

މީގެ އިތުރުން، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުން ވެސް އިޤުރާރުގައި ސޮއިކުރެއްވުމަށްފަހު، އެ ކޮމިޓީތަކުގެ ނައިބު ރައީސުން ހޮވުމުގެ މަސައްކަތް ކުރިއަށް ގެންދާނެ އެވެ. އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަޤާމަކީ ފުލްޓައިމް މަޤާމެއް ކަމަށް އެލްޖީއޭ އިން ބުނެ އެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ފުރަތަމަ އިންތިޚާބު ކުރެވުނު ކައުންސިލަރުން ހުވާކުރެއްވުމާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން އިޤުރާރުގައި ސޮއިކުރެއްވުމުގެ ރަސްމިއްޔާތު ބޭއްވީ 2011 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ 26 ވަނަ ދުވަހު އެވެ.

މި ފަހަރު ބާއްވާ ރަސްމިއްޔާތަކީ ލާމަރުކަޒީ ގާނޫނުގެ ދަށުން ބާއްވާ ފަސްވަނަ ދައުރުގެ ކައުންސިލަރުންގެ ހުވާކުރުމުގެ ރަސްމިއްޔާތެވެ. މި ރަސްމިއްޔާތު ރާއްޖޭގެ ހުރިހާ ރަށެއްގައި އެއްވަގުތެއްގައި ބާއްވުމަކީ ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތުގެ ބައެއް ކަމަށް އެލްޖީއޭ އިން ފާހަގަކުރެ އެވެ.