ނޫސް
މަޖައްލާތައް އެއްލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާކޮށް، އެ ނޫސްތަކުން ގެނެސްދޭ ކޮންޓެންޓު
ހުއްޓުވޭގޮތަށް ނޫސްތަކާމެދު ފިޔަވަޅު އެޅުމުގެ ޤަވާއިދު މޯލްޑިވްސް މީޑިއާ އެންޑް
ބްރޯޑްކާސްޓިން ކޮމިޝަން (ކޮންޓްރޯލް ކޮމިޝަން) އިން އާންމުކޮށްފިއެވެ.
މޯލްޑިވްސް
މީޑިއާ އެންޑް ބްރޮޑްކާސްޓިންގ ކޮމިޝަނަށް ހުށަހެޅޭ ޝަކުވާތަކާއި، މައްސަލަތައް
ބެލުމާއި ފިޔަވަޅު އެޅުމުގެ ޤަވާއިދުގެ ނަމުގައި މި ޤަވާއިދު އާންމުކޮށް އަމަލު
ކުރަން ފަށާފައިވަނީ އަންގާރަ ދުވަހުއެވެ.
މި
ޤަވާއިދުގައި ވަނީ ވަކިވަކި ނޫސް މަޖައްލާތަކާއި، ނޫސްވެރިންނާމެދު އަޅާނެ ފިޔަވަޅުތައް
ތަފްސީލުކޮށްފައެވެ. އެގޮތުން ނޫސް މަޖައްލާތައް ސުލޫކީ މިންގަނޑާ ޚިލާފުވެއްޖެނަމަ
5000 ރުފިޔާ އާއި އެއްލައްކަ ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެކަމަށް
ބަޔާންކޮށްފައިވެއެވެ.
މީގެ
އިތުރުން، ނޫސްތަކުން ޝާއިއުކުރާ ބައެއް ކޮންޓެންޓުތައް އާންމުކުރާ ވަސީލަތް ހުއްޓުވުމަކަށް
ގެނައުމާއި، ނޫސްތަކުގެ ރަޖިސްޓްރީ ބާތިލު ކުރުމަށް ކޯޓަށް ހުށަހެޅުން ވެސް
ފިޔަވަޅުތަކުގެ ތެރޭގައި ހިމެނެއެވެ.
ވަކިވަކި
ނޫސްވެރިންނާ މެދު ޤަވާއިދުގެ ދަށުން އެޅިދާނެ ފިޔަވަޅުތަކަށް ބަލާއިރު، ޤާނޫނާ
ޚިލާފަށް ކުރި ކަމެއް ރަނގަޅު ކުރަން އެންގުމާއި، އާންމުކޮށް މާފަށް އެދެން
އެންގުމާއި، ކޮމިޝަނުން އަންގާ ގޮތަކަށް ބަޔާނެއް އާންމު ކުރުން ފަދަ ފިޔަވަޅުތައް
ހިމެނެއެވެ.
މި
ޤަވާއިދު އާންމުކޮށްފައިވާ ދަނޑިވަޅަކީ މިއީ ރާއްޖޭގެ މީޑިއާއަކަށް ދިވެހި
ފުލުހުންގެ ޚިދުމަތުން ވަދެ ރެއިޑްކޮށް، އެ މީޑިއާއާ ގުޅުންހުރި މައްސަލައެއް
ބެލުމަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ގޮވާލައްވާފައިވާ ދަނޑިވަޅެއްގައި ކޮމިޝަނުން
އާންމުކުރި ޤަވާއިދެއްކަން ފާހަގަކޮށްލެވެއެވެ.