ރައީސް ޑރ. މުހައްމަދު މުއިއްޒު ދަނީ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއަޅުއްވަމުން ކަމަށާ މިނިވަންކަމާ އެކު މަސައްކަތް ކުރާ ނޫސްތަކާ ޗެނަލްތައް ހުއްޓުވަން މަސައްކަތް ކުރިއަސް އެކަން އެމަނިކުފާނަށް ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެނުކު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ. 

އަންގާރަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން މީކާއިލް ވިދާޅުވީ ނޫސްވެރިކަމުގެ މިނިވަން ކަމަކީ ގާނޫނު އަސާސީ އިން ކަށަވަރު ކޮށްދީފައިވާ ހައްގެއް ކަމަށެވެ. ނަމަވެސް މި ހައްގަށް ރައީސް މުއިއްޒު ދަނީ ހުރަސްއަޅުއްވަމުން ކަމަށާ އެކަން ހުއްޓާލަން ޖެހޭ ކަމަށް މީކާއިލް ވިދާޅުވި އެވެ. 

އަދަދު ނޫސް ރެއިޑް ކުރީ ކަން ހިނގިތާ އެތައް ދުވަހެއް ފަހުން. ކީއްވެ ތޯ. ޓްރިގަރ ވީ. ރައީސް ޕްރެސްގައި ހުންނަވައިގެން ޓްރިގަރ ވީ. މިވަރު މީހަކު ކިހިނެއްތޯ ވެރިކަން ކުރާނީ. މިހާ ރުޅިގަދަ، މިހާ އިމްޕަލްސިވް މީހަކު ކިހިނެއް ތޯ ދިވެހިރާއްޖޭގެ ވެރިކަމުގައި ބަހައްޓާނީ. މާދަމާ ވެސް ގޮތް ނިންމާނީ ކޮންކަމަކާ ކަމެއް އަޅުގަނޑުމެންނަކަށް ނޭނގޭ. އިންތިޚާބަކުން މިހާ ބޮޑުތަނުން ސަރުކާރެއް ބަލިވީމާ ކަންކަން އިސްލާހު ކުރައްވަން ވީ. 
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެނުކު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް

މީކާއިލް ވިދާޅުވީ ނޫސްވެރިކަމުގެ މިނިވަން ކަމަކީ އެތައް ބައެއްގެ މިންނެއް މަސައްކަތުން ރައްޔިތުންނަށް ކަށަވަރު ވެގެންދިޔަ ހައްގެއް ކަމަށެވެ. އެގޮތުން އެއީ އެމްޑީޕީ އާ އިސްލާހީ މަސައްކަތަށް މަސައްކަތް ކުރި ގިނަ ބައެއްގެ ބުރަ މަސައްކަތުން ރާއްޖެއަށް ގެނަސްދެވުނު އެއްޗެއް ކަމަށާ އެ މިނިވަންކަމަށް ހުރަސް އެޅުން ހުއްޓާލަން ޖެހޭ ކަމަށެވެ. 

ރައީސް މުއިއްޒު މިހާރުން މިހާރަށް ދިވެހިރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަމަށް، ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ އާ އިސްލާހީ މަސައްކަތަށް މަސައްކަތް ކުރެއްވި އެތައް ބައެއްގެ ބުރަ މަސައްކަތުން ދިވެހިރާއްޖެ އަށް ގެނަސްދިން ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް އެޅުން ހުއްޓާލެއްވުމަށް ގޮވާލަން..... ރައީސް މުއިއްޒު މިހިނދުން މިހިނދަށް މިކަންކަން ހުއްޓާނުލައްވައިފި ނަމަ އަޅުގަނޑުމެންގެ އިހުތިޖާޖުތަކެއް ނުހުއްޓާނަން. އަދަދު ނޫހެއް ވެސް ނުހުއްޓޭނެ. ދެން އޮތް ނޫހެއް ވެސް ނުހުއްޓޭނެ. ރާއްޖެޓީވީ އެއްވެސް ނުހުއްޓޭނެ.  އަޅުގަނޑުމެންގެ މި މަސައްކަތެއް ނުހުއްޓޭނެ. 
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެނުކު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް

ނޫސްވެރިކަމުގެ މިނިވަން ކަމަށް މި ސަރުކާރުން ހުރަސްއަޅަމުންދާ ކަމަށް މީކާއިލް ވިދާޅުވެފައިވާއިރު 'އަދަދު' ނޫހުގެ ސޯޝަލް މީޑިއާ މަންސަތަކުގައި އާންމުކުރި 'އައިޝާ' ޑޮކިއުމަންޓްރީއާ ގުޅިގެން ފުލުހުން އަދަދު ނޫޙުގެ އޮފީހަށް ވަދެ، މުދަލާއި، ތަކެތި ގެންގޮސްފައިވާތީ އަންގާރަ ދުވަހުގެ މަޖިލީހަށް މީކާއިލް ވަނީ ކުއްލި މައްސަލައެއް ވެސް ހުށަހަޅުއްވާފަ އެވެ. 

ނަމަވެސް ރިޔާސަތުން ވަނީ އެ މައްސަލަ ބަލައިނުގަތުމަށް ނިންމާ، މައްސަލަ ބޭރުކޮށްލާފަ އެވެ.