އޮންލައިން
ނޫސް "އަދަދު" ގެ ސޯޝަލް މީޑިއާ މަންސަތަކުގައި އާންމުކުރި
"އައިޝާ" ޑޮކިއުމަންޓްރީގެ މައްސަލައިގެ ތަހުގީގު ކުރިއަށް ދަނިކޮށް، އެ
ޑޮކިއުމަންޓްރީގައި ގެނެސްދީފައި ވަނީ ދޮގު ވާހަކަތަކެއްކަމަށް ދާޚިލީ ވަޒީރު އަލީ
އިޙްސާން ވިދާޅުވެއްޖެއެވެ.
ބުދަ
ދުވަހު އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވަޒީރު ވިދާޅުވީ، އަދަދު ނޫހުން ރައީސުލްޖުމްހޫރިއްޔާގެ
މައްޗަށް ޒިނޭގެ ދޮގު ތުހުމަތުތަކެއް ކޮށްފައިވާކަމަށެވެ. އެހެންކަމުން އެ މައްސަލައިގައި
އެ ޚަބަރު ފެތުރި މީޑިއާ އައުޓްލެޓް ފުލުހުން ތަހުގީގުކޮށް ބަލައި ފާސްކުރުމަކީ ރަނގަޅު
ނިންމުމެއްކަމަށް ވަޒީރު ވިދާޅުވިއެވެ.
މީގެ
އިތުރުން، ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރުކޮށްދީފައި އޮތް ނަމަވެސް، އެއީ ދޮގު
ވާހަކަތައް ފަތުރައިގެން މީހުންގެ އަބުރު ކަތިލުމަށް ދީފައިވާ ހުއްދައެއް ނޫންކަމަށް ވެސް
ވަޒީރު ވިދާޅުވިއެވެ.
ވަޒީރު
ވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ބައެއް
މާއްދާތަކަށް ވެސް ޙަވާލާ ދެއްވާފައެވެ. އެގޮތުން އިސްލާމްދީނުގެ އަސްލަކާ ޚިލާފުނުވާ
ގޮތުގެ މަތިން، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވާކަމަށް
ބަޔާންކޮށްފައިވާ ކަމަށާއި، ޚަބަރާއި މައުލޫމާތާއި ފެންނަ ގޮތްތަކާއި ޚިޔާލުތައް ފެތުރުމުގެ
މިނިވަންކަން ނޫސްވެރިކަމަށް ލިބިގެންވާކަމަށް ޤާނޫނުއަސާސީގައި
ބަޔާންކޮށްފައިވާކަމަށް ވިދާޅުވިއެވެ.
ހަމައެއާއެކު،
ކޮންމެ މީހަކަށްމެ، އެމީހެއްގެ އަބުރާއި ގަދަރު ރައްކާތެރިކުރުމުގެ ހައްގު ލިބިގެންވާކަމަށް ވެސް
ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާކަން ފާހަގަ ކުރައްވައި ވަޒީރު ވިދާޅުވީ، ހަގީގަތާ
ޚިލާފު ސީރިއަސްތުހުމަތުތަކެއް އުފައްދައިގެން (ފެބްރިކޭޓްކޮށްގެން)ފެތުރުމަކީ ނޫސްވެރިކަމެއް
ނޫން ކަމަށެވެ.
އެކްސްގައި
ހިއްސާ ކުރެއްވި ޕޯސްޓު ނިންމަވާލައްވަމުން ވަޒީރު ވިދާޅުވެފައި ވަނީ ގާނޫނަށްވުރެ މަތީގައި
އެއްވެސް ފަރާތެއް ނުވާ ކަމަށެވެ.
އަދަދު
ނޫހުން ގެނެސްދީފައިވާ ޑޮކިއުމަންޓްރީގެ މައްސަލައިގައި އެއީ ހަގީގަތާ ޚިލާފު ވާހަކަތަކެއްކަން
މިހާތަނަށް ތަހުގީގީ އެއްވެސް އިދާރާއަކުން ނިންމާފައިނުވާއިރު، އެ މައްސަލައިގެ
ތަހުގީގަށް ބަލާ ފާސްކުރުމަށް ފުލުހުން ގޮސްފައި ވަނީ ވެސް ހޯމަ ދުވަހުގެރޭގެ
ވަގުތެއްގައެވެ.
އެހެންނަމަވެސް
ވަޒީރު މިހާރު ވަނީ އެއީ އަބުރަށް އަރައިގަތުންކަން ނިންމަވައި، އެއީ ފެބްރިކޭޓަޑް
ވާހަކަތަކެއްކަމަށް ނިންމަވާފައެވެ.
ވަޒީރު
ވިދާޅުވި ގޮތުގައި ފުލުހުން އެ މަސައްކަތް ކުރަމުންދަނީ ގާނޫނީ ސިޔާދަތު ދެމެހެއްޓުމަށާއި،
ރައީސުލްޖުމްހޫރިއްޔާއަށް ގާނޫނުއަސާސީން ލިބިދޭ ހައްގުތައް ހިމާޔަތްކުރުމަށެވެ.