ޓެކްސީތަކުގައި މީޓަރު ހަރުކުރުމުގެ މަސައްކަތް
ވަރަށް އަވަހަށް ތައާރަފްކުރާނެކަމަށް މި ދިޔަ އަހަރު ސަރުކާރުން ބުނި ނަމަވެސް، އެ މަސައްކަތް ނުފެށި
ލަސްވާތީ ކުރި ސުވާލަށް އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދަށް ޖަވާބެއް
ނުދެއްވެވުނެވެ.
ޓެކްސީތަކުގައި މީޓަރު ހަރުކުރުމަށް ހުރިހާ
ފަރާތްތަކުން ވެސް އެދޭ ކަމަށާއި އެ ހިދުމަތް ވަރަށް އަވަހަށް ތައާރަފް ކުރާނެ
ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން މިދިޔަ އަހަރު ވަނީ ބުނެފައެވެ. އަދި ޓެކްސީގެ ހިދުމަތަށް ދިމާވެފައިވާ މައްސަލައަށް މީޓަރު ހަރުކުރެވުމުން ޖުމްލަ ހައްލެއް
ލިބިގެން ދާނެކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
އެހެންކަމުން އެ މަސައްކަތް ލަސްވަމުންދާ ސަބަބަކީ
ކޮބައިތޯ އަންގާރަ ދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ވަނީ ސުވާލުކޮށްފައެވެ.
އެ ސުވާލަށް ސީދާ ޖަވާބެއް މިނިސްޓަރ ދެއްވާފައެއް
ނުވެއެވެ. އޭގެ ބަދަލުގައި މިނިސްޓަރ ވިދާޅުވަމުން ގެންދެވީ ޓެކްސީ މީޓަރަކީ
ހުންނަންޖެހޭ އެއްޗެއްކަމަށް ޤަވާއިދުގައި އޮތްނަމަ އެ ހަރުކުރަން ޖެހޭނެ ކަމަށާއި،
ހުންނަން ނުޖެހޭކަމަށް ކަނޑައަޅައިފިނަމަ ހަރުކުރާކަށް ނުޖެހޭނެކަމަށެވެ.
ޓެކްސީ މީޓަރު ހަރުކުރުން ނުވަތަ ޓެކްސީގެ ހުންނަންޖެހޭ ސްޓޭންޑަރޑް ހުންނަންޖެހޭނެ، ޓެކްސީ މީޓަރުވެސް ހުންނަންޖެހޭ އެއްޗެއްކަމަށް ސަރުކާރުން ނިންމާފައި އޮތިއްޔާ އޮންނާނީ އެ ޓެކްސީ ސެންޓަރުތަކާ ވެސް ވާހަކަ ދެކެވިގެންކަމަށް އަޅުގަނޑު މި ބަލަނީ، އެހެންވިއްޔާ ހުންނަންޖެހޭ އެއްޗެއްކަމަށް ވަންޏާ ހުންނާނެ އުސޫލު ނުވަތަ ޤަވާއިދެއްގައި އެކަން އެގޮތަށް ލިޔެވިފައި އޮތިއްޔާ، އެއީ ނުބެހެއްޓޭނެ އެއްޗެއްކަމަށްވަންޏާ ޤަވާއިދުން އެކަން އުނިކޮށްފިއްޔާ ނުބަހައްޓާނެ، އެކަމަކު ބަހައްޓަން ޖެހެންޏާ ބަހައްޓަންވާނެއިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދު
މިނިސްޓަރު އިތުރަށް ވިދާޅުވީ، ތެލުގެ އަގަށް އަންނަމުންދާ
ބަދަލުތަކާއެކު ޓެކްސީގެ ދަތުރުތަކުގެ އަގަށް ބަދަލު ގެނައުމަށް ޓެކްސީ
ޑްރައިވަރުންގެ ފަރާތުން އެދިފައިވާ ކަމަށެވެ. އެކަމަށް އެދި ޓެކްސީ ޑްރައިވަރުން
މީގެ ކުރިން ޓްރާންސްޕޯޓު މިނިސްޓްރީއަށް ސިޓީ ވެސް ފޮނުވާފައިވާކަން ސައީދު ފާހަގަ
ކުރެއްވިއެވެ.
މިނިސްޓަރ ސައީދު ވިދާޅުވީ، ޓެކްސީ ޑްރައިވަރުންގެ
ފަރާތުން ސިޓީގައި ފާހަގަކޮށްފައިވާ ކަންކަމާ ގުޅޭގޮތުން ކަމާ ގުޅުންހުރި
ފަރާތްތަކާ ބައްދަލުކޮށް ސަރުކާރުން ކުރިއަށްގެންދަންޖެހޭ މަޝްވަރާތައް ކުރިއަށް
ގެންދާނެ ކަމަށެވެ.
އަޅުގަނޑު ދަންނަވާފައިވާނެ ޓެކްސީ ޑްރައިވަރުންގެ ފަރާތުން ސިޓީ އައިސްފައި ހުރިއްޔާ އަޅުގަނޑުމެން ބޭނުމޭ ބަލަން، ބަލާފައި ސަރުކާރުގެ ކެބިނެޓް ލެވެލްގައިވެސް އެ ވާހަކަ ދައްކައިގެން އަދި އިތުރަށް ކުރަންޖެހޭ ކޮންސަލްޓޭޝަން ކުރިއަށް ގެންދަންޖެހޭ ފަރާތްތަކުގެ ތެރޭގައި އެބޭފުޅުންވެސް ހިމެނޭނެ.އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދު
މިނިސްޓަރު އެހެން ވިދާޅުވި ނަމަވެސް، ޓެކްސީތަކުން
ނަގާ އަގުތަކުގެ ގޮތުގައި ކުރީ ސަރުކާރުން ކަނޑައަޅާފައިވާ އަދަދުތައް ބަދަލުކުރުމުގެ
ވިސްނުމެއް ނުގެންގުޅޭ ކަމަށް ސަރުކާރުން މީގެ ކުރިން ވަނީ ބުނެފައެވެ. އަދި އަގުތަކާއި ގުޅިގެން އަންނަ ޝަކުވާތަކަށް އޮތް އެއް
ހައްލަކީ މީޓާޑް ޓެކްސީގެ ހިދުމަތް ތައާރަފުކުރުންކަމަށް އޭރު ސަރުކާރުން ދިޔައީ
ބުނަމުންނެވެ.