ރައީސް މުއިއްޒު އަށް ނިސްބަތްވާ ގޮތަށް އަހުލާގީ ގޮތުން ދަށް އަމަލުތަކެއް ހިންގި ކަމަށް ތުހުމަތުކޮށް އުފައްދާފައިވާ ޑޮކިއުމެންޓްރީއާ ގުޅިގެން އަދަދު ނޫހުގެ ސީއީއޯ ހުސައިން ފިޔާޒް މޫސާގެ ޕާސްޕޯޓު ހިފަހައްޓައި ފުރުން މަނާކޮށްފި އެވެ.

ކްރިމިނަލް ކޯޓުން ހޯމަ ދުވަހުގެ ރޭ ނެރުނު އަމުރަކުން ފިޔާޒްގެ ޕާސްޕޯޓު ތިން މަސް ދުވަހުގެ މުއްދަތަކަށް ވަނީ ހިފަހައްޓާފަ އެވެ.

ކޯޓު އަމުރުގައި ބުނެފައިވާ ގޮތުން އައިޝާ ޑޮކިއުމެންޓްރީގައި ރައީސް މުއިއްޒުއާ ގުޅޭ ގޮތުން ގިނަ ތުހުމަތުތަކެއް ކޮށް ގަޒުފްކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ފިޔާޒްގެ ބައިވެރިވުން އޮތް ކަމަށް ތުހުމަތު ކުރެވެ އެވެ. އެހެންކަމުން އޭނާ ރާއްޖެއިން ފުރައިގެން ގޮސްދާނެ ކަމަށް ބެލެވޭތީ ފުރުން މަނާކުރަން ޖެހޭ ކަމަށް އަމުރުގައި ފާހަގަކޮށްފައިވެ އެވެ.

ފިޔާޒްގެ ޕާސްޕޯޓު ހިފަހައްޓާފައި މިވަނީ ޖިނާއީ މައްސަލައެއްގެ ތަހުގީގަށް އޭނާ ރާއްޖޭގައި ހުރުން މުހިންމު ކަމަށް ފުލުހުންނަށް ފެންނާތީ ކަމަށް ކޯޓު އަމުރުގައި ބުނެފައިވެ އެވެ.

އައިޝާ ޑޮކިއުމެންޓްރީގައި ހިމެނޭ ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަމަށް ވިދާޅުވެ، އެކަމުގައި ޝާމިލުވާ ފަރާތްތަކަށް ގާނޫނީ ފިޔަވަޅު އެޅުމަށް ރައީސް މުއިއްޒު ކަމާބެހޭ އިދާރާތަކުގައި ހޯމަ ދުވަހު ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެދިވަޑައިގެންނެވި ފަހުން، ފިޔާޒްގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އިތުރުން، ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން އަދަދު ނޫހުގެ އޮފީސް ބަލާފާސްކޮށް ގިނަ އަދަދެއްގެ ސާމާނު އެތަނުން ނެރެގެން ގެންގޮސްފަ އެވެ. 

އައިޝާ ޑޮކިއުމެންޓްރީ އަކީ އަދަދު ނޫހުގެ ސޯޝަލް މީޑިއާ މަންސަތަކުގަ އާންމުކުރި ޑޮކިއުމެންޓްރީއެކެވެ. އެ ޑޮކިއުމެންޓްރީ ގައި އައިޝާ ނަމަކަށް ކިޔާ އަންހެން މީހަކު ރައީސް މުއިއްޒުއާ ގުޅުން ހުރި ކަމަށް ބުނެ ތުހުމަތުތަކެއް ކޮށްފައިވެ އެވެ.