އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމަށް ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމަށް، އެ ޕާޓީގެ ޕާލިމަންޓަރީ ގުރޫޕުގެ ތާއީދު އޮތްކަން ހޯމަ ދުވަހު ހާމަކޮށްފި އެވެ.

ކުރިއަށް އޮތް އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން އެ ޕާޓީގެ މަޖިލިސް މެންބަރުން ތާއީދުކުރާނެ ކެންޑިޑޭޓަކީ މީކާއީލްކަން އިއުލާނުކުރީ އެމްޑީޕީ ހަރުގޭގައި ބޭއްވި ހާއްސަ ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.

މި ބައްދަލުވުމުގައި އެމްޑީޕީގެ ޕާލިމަންޓަރީ ގްރޫޕުގެ 10 މެންބަރަކު ވަނީ މީކާއީލް އަށް ފުރިހަމައަށް ތާއީދުކުރައްވާކަން ރަސްމީކޮށް އިއުލާން ކުރައްވާފަ އެވެ. މި ބައްދަލުވުމުގައި މީކާއީލް އާއެކު އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕު ގައި ހިމެނިވަޑައިގަންނަވާ މަޖިލިސް މެންބަރުން ބައިވެރިވެވަޑައިގެންނެވި އެވެ.

ނޫސްވެރިންގެ ބައްދަލުވުން ފައްޓަވަމުން މީކާއީލް ދެއްކެވި ވާހަކައިގައި، ފާއިތުވެދިޔަ ތަނުގައި އެމްޑީޕީ ވަރަށް ހާލުގައި އޮތް ދަނޑިވަޅުތަކުގައި އެ ޕާޓީއަށް އެންމެ ބުރަ މަސައްކަތެއް ކޮށްދިން އެއް ގުނަނަކީ މަޖިލިސް މެންބަރުންކަން ފާހަގަކުރެއްވި އެވެ. އަދި މީގެ ދެ މަހެއްހާ ދުވަސް ކުރިއްސުރެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުން އޭނާ ހޮވުމަށް މަސައްކަތްކުރައްވަމުން ގެންދަވާތީ އެކަމަށްޓަކައި މީކާއީލް ޝުކުރު އަދާކުރެއްވި އެވެ.

ނޫސްވެރިންގެ މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޕީޖީ ލީޑަރު އިބްރާހިމް ނާޒިލް ވިދާޅުވީ، 19 ވަނަ މަޖިލީހާއި 20 ވަނަ މަޖިލީހުގައި ވެސް މީކާއީލާއެކު ވަރަށް ގާތުން މަސައްކަތް ކުރެވިފައިވާ ކަމަށެވެ. އަދި މަޖިލީހުގެ ތަޅުމުގައާއި ޕާޓީގެ އެކި މަސައްކަތްތަކުގައި މީކާއީލަކީ އަބަދުވެސް އެންމެ އިސް ދައުރެއް އަދާކުރައްވާ އެއް ބައިވެރިޔާކަން ނާޒިލް ފާހަގަކުރެއްވި އެވެ.

އެމްޑީޕީގެ ކުރިއަށް އޮތް ޗެއާޕާސަން އިންތިހާބުގެ ފޯރި ގަދަވެފައިވާއިރު، މީކާއީލް ގެ އިތުރުން ދެން އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރަނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދު އާއި އަލްހާން ފަހުމީ އެވެ.

ރައީސް ނަޝީދުގެ ފެކްޝަނުން ވެސް ވަނީ "ބޮޑު ބަދަލު"ގެ ނަމުގައި ކެމްޕެއިނެއް ފަށާފަ އެވެ. އެގޮތުން، ނަޝީދަށް ތާއިދުކުރައްވައި އެ މަނިކުފާނާ އެކުގައި ހުންނެވިކަން ކުރީގެ އެމްޑީޕީ ޗެއާޕާސަން ފާއްޔާޒް އިސްމާއިލް ވަނީ އިއުލާނުކުރައްވައިފަ އެވެ. މި އިންތިޚާބަކީ ޕާޓީގެ ކުރިމަގަށް ނުހަނު މުހިންމު އިންތިޚާބެއްގެ ގޮތުގައި އެ ޕާޓީން ސިފަކުރެ އެވެ.