ހއ. ހޯރަފުށީގައި އެމްޑީޕީ ސަރުކާރުން އިމާރާތްކުރަން ފެށި ފެނަކަ އޮފީހުގެ އާ އިމާރާތުގެ މަސައްކަތް ސަރުކާރު ބަދަލުވިފަހުން އެއްވެސް ވަރަކަށް ކުރިޔަށް ނުދާ ކަމަށާއި އެތަން މިސަރުކާރުން ވަނީ ވީރާނާ ވާން ދޫކޮށްލާފައި ކަމަށް ހޯރަފުށީ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ ހާލު ކިހިނެއް ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ވަހީދު ވިދާޅުވީ ހޯރަފުށީ ފެނަކަ އޮފީހުގެ އާ އިމާރާތުގެ މަސައްކަތަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި ފަށައިގެން ވަރަށް ބާރަށް ކުރިޔަށް ގެންދިޔަ މަސައްކަތެއް ކަމަށެވެ. އަދި މިއީ ހޯރަފުށީ ފެނަކަ އޮފީހުގައި މަސައްކަތްކުރާ މުވައްޒަފުންގެ އެދުމުގެ މަތިން އޭރުގެ މަޖްލިސް މެމްބަރު ސައްލެ އާއި ހޯރަފުށީ ކައުންސިލާއި ފެނަކަ އާއި ކުރެވުނު މަޝްވަރާތަކުގެ ތެރެއިން އާ އޮފީސް އިމާރާތެއް އެ މުވައްޒަފުންނަށް ހޯދައިދިނުމަށް ކުރެވުނު މަސައްކަތެއް ކަމަށެވެ.

ނަމަވެސް ވެރިކަން ބަދަލުވިފަހުން މި މަސައްކަތް އެއްވެސް ވަރަކަށް ކުރިޔަށް ނުދާކަމަށް އެނާ ވިދާޅުވި އެވެ. އަދި މިކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ހޯރަފުށީ ކައުންސިލުން ރައީސް މުއިއްޒުއާ ރަސްމީކޮށް ބައްދަލުކުރައްވާ، އަދި ލިޔެކިޔުމުން ވެސް މިކަމުގެ މައުލޫމާތު ދެ ފަހަރެއްގެ މަތިން ރައީސް އޮފީހަށް ފޮނުވާފައިވާނެ ކަމަށް ވަހީދު ވިދާޅުވި އެވެ.

ދައުރު ނިމުނު އިރުގައި މަސައްކަތް ހުރި ހިސާބު މިހާރު އެ ފެންނަނީ. އޭގެއިތުރަށް ދަންނަވަންތޯ އޭގެއިތުރަށް އެއްވެސް މަސައްކަތެއް މިތާ ނުކުރޭ. ހޯރަފުށީ ކައުންސިލާއި ރައީސުލްޖުމްހޫރިއްޔާ ރަސްމީކޮށް ބައްދަލުކުރެއްވި. މިގޮތަށް ނުނިމި ހަލާކުވަމުންދާ ހުރިހާ ޕްރޮޖެކްޓެއްގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާ ހިއްސާ ކުރިން. އަދި ހަމަ އެހެންމެ ރައީސުލްޖުމްހޫރިއްޔާ އޮފީހަށް ލިޔެކިޔުމުން އެކަންކަން ކޮށްދެއްވުމަށް ސަމާލުކަން ވެސް އަޅުގަނޑުމެން ވާނީ ދެ ފަހަރެއްގައި މަތިން ގެނެއްސަ އިނގޭތޯ. ދެން އަޅުގަނޑުމެންނަކަށް ނޭނގެ މިތަނަށް ވާނެ ގޮތެއް. މިހާރު ވީރާނާ ވާން ދޫކޮަށްލާފަ މި ހުރީ އަދި މިތަަން ސާފުތާހިރުކޮށް ބަލަހައްޓާނެ އިންތިޒާމު ވެސް ކުރެވިފައެއް ނެތް.
ހއ. ހޯރަފުށީ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު

ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި ވަނީ ހޯރަފުށީގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގާފައެވެ. މީގެ ތެރޭގައި ހޯރަފުށީގެ އެއަރޕޯޓް، ހޯރަފުށީގެ މަގުތައް ތާރުއަޅައިގެން ޒަމާނީ ފެންވަރަށް ހެދުން، ހޯރަފުށީގެ އައިސް ޕްލާންޓް، ޖުވެނައިލް ޖަސްޓިސް ބިލްޑިން، ވޮލީ ކޯޓް، ފުޓުބޯޅަދަނޑު، ކޯޓުގެ އާ އިމާރާތެއް، ޕްރީ ސްކޫލް، ތިން ޕާކެއް އަދި ފެރީ ޓާމިނަލް އަދި ރަށުގެ ގޮޑުދޮށް ހިމާޔަތްކުރުމަށްޓަކައި ޖިއޯ ބޭގް ޖަހައިގެން ހިއްކާފައިވާ ކުޑަ ތިން ރަށުގެ މަސައްކަތް ފާހަގަކޮށްލެވެ އެވެ.

ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި ހޯރަފުށީގައި ފަށައިގެން ބާރު ސްޕީޑުގައި ކުރިޔަށް ދިޔަ އެތައް މަޝްރޫއެއް މި ސަރުކާރު އައިފަހުން ވަނީ މަޑުޖެހިފަ އެވެ. އޭގެ ތެރޭގައި ވެރިކަން ނިމުނު އިރު ނިމެން ކައިރިވެފައިވާ ބިއްލޫރި ފުޅީގައި ބޯފެން ބަންދުކުރާ ބޮޓެލިން ޕްލާންޓް، ކައުންސިލް އޮފީހުގެ އާ އިމާރާތް އަދި ހޯރަފުށީގައި ގާއިމްކުރާ އާ ހޮސްޕިޓަލުގެ މަސައްކަތް ހިމެނެ އެވެ.

ކައުންސިލް ރައީސް ވަހީދު ފާހަގަކުރެއްވި ގޮތުގައި މި މަޝްރޫއުތައް ކުރިޔަށް ނުދިއުމުން ހޯރަފުށީ ރައްޔިތުންނަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވެއެވެ. ސަރުކާރުން މި މަޝްރޫއުތައް ކުރިޔަށް ގެންދިއުމަށް ރައްޔިތުން ވަނީ ގޮވާލާފަ އެވެ.