ފޮރިން
މިނިސްޓްރީގެ އެމްބެސެޑަރ އެޓް ލާޖްގެ މަޤާމަށް މި ސަރުކާރުގެ ކުރީގެ ދެ ވަޒީރުން
ކަމަށްވާ އާދަމް ޝަރީފް އުމަރު އާއި  ތޯރިގް އިބްރާހިމްގެ އިތުރުން
ކުރީގެ ބަންޑާރަ ނައިބު ފާތިމަތު ދިޔާނާ ސައީދު
އައްޔަނު ކުރައްވާފައިވާއިރު، އެއީ އަލަށް އުފެއްދި މަޤާމުތަކެއް ނޫންކަމަށް
ވިދާޅުވެ ރައީސް އެބޭފުޅުންނަށް މަޤާމު ދެއްވުން ދިފާއު ކުރައްވައިފިއެވެ.

އާދަމް
ޝަރީފް އާއި ތޯރިގް ވަޒީރުކަމުން އިސްތިއުފާ ދެއްވީ މިދިޔަ ކައުންސިލް
އިންތިޚާބުގައި ލިބުނު ބޮޑު ނާކާމިޔާބަށް ފަހު ސަރުކާރުން ރިފޯމް ބަދަލުތަކެއް
ގެންނަ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ކުރެއްވި އިއުލާނާއި އެއްގޮތަށެވެ.
އޭރު ވެސް އާއްމުން އައީ އިސްތިއުފާ ދިން ފަރާތްތަކަށް އިތުރު މަޤާމްތައް ދޭނެ
ކަމަށް ލަފާކުރަމުންނެވެ. އާއްމުން އެފަދައިން ލަފާކުރި ސަބަބަކީ މީގެ ކުރިން މި
ސަރުކާރުން ވަކި ކުރި ފަރާތްތަކަށް ވެސް ކުންފުނިތައް ނުވަތަ ރާއްޖެ އިން ބޭރުގެ
ކޮންސިއުލޭޓަކުން ނުވަތަ ފޮރިން މިނިސްޓްރީ އިން މަޤާމެއް ދެއްވުމުގެ އާދަ
ފެނިގެން ގޮސްފައިވުމެވެ.

އެކަމާ
ގުޅޭގޮތުން ބުދަ ދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން
ރައީސް ވިދާޅުވީ، އެމްބެސެޑަރ އެޓް ލާޖްގެ މަޤާމަށް ޢައްޔަނު ކުރެވެނީ
ހުސްވެފައިވާ ސަފީރުންގެ މަޤާމުތަކަށް ޢައްޔަނު ކުރެއްވުމަށް ކަނޑައެޅިފައިވާ
ބޭފުޅުން ކަމަށާއި، އެއީ އަލަށް އުފައްދަވާ މަޤާމުތަކެއް ނޫން ކަމަށެވެ.

މީގެ އިތުރުން، މަޤާމުތަކުން ވަކި ކުރެވުނު ހުރިހާ ވަޒީރުންނަކީ މަސައްކަތް ނުކޮށްގެން ވަކި ކުރެވުނު ފަރާތްތަކެއް ނޫންކަމަށް ވެސް ރައީސް ވިދާޅުވިއެވެ. 

އެ
ވާހަކަ ތަކުރާރު ކުރައްވައި ސަރުކާރުގެ ތަރުޖަމާނު ވެސް ފަހުން ވަނީ ބަޔާނެއް ވެސް
ނެރުއްވާފައެވެ.