މާލޭގެ އެޕާޓްމެންޓެއްގެ ތެރޭގައި އަނިޔާވެރި
ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ޝިއާއު މުހައްމަދު ސައީދުގެ މަރުގެ
ތުހުމަތުކުރެވޭ އަލީ ސާހިލްގެ މައްޗަށް އެ މައްސަލައާ ގުޅިގެން އުފުލި ގަސްދު
މަރުގެ ދައުވާގައި ޚުލާސާ ބަޔާން އިއްވުން އެހެން ދުވަހަކަށް ފަސްކޮށްފިއެވެ.
ހ. ޝީރީންވިލާގޭގެ ނުވަވަނަ ބުރީގެ
އެޕާޓްމަންޓެއްގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ޝިއާއު ފެނުނުއިރު،
ހަމަ އެރޭ ކުށުގެ ވެށިން ހައްޔަރުކުރީ ޒުވާން ސްކޭޓަރު ސާހިލްއެވެ. އޭނާ ގެ
މައްޗަށް ފަސް ދައުވާ އެއް އުފުލާފައިވެއެވެ.
އެއީ، ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ
އާއި އޮރިޔާން ކާޑު ގެންގުޅުން އަދި ކެނެބިސް ބޭނުންކުރުމުގެ ކުށުގެ ދައުވާއެވެ.
އާއިލާއަށް އިހުތިރާމްކުރުމަށް ކަމަށް ބުނެ، ބާކީ ދެ ދައުވާގެ ތަފްސީލެއް ޕީޖީ
އޮފީހުން ހާމައެއް ނުކުރެއެވެ.
އޭގެ ތެރެއިން މިހާތަނަށް އޭނާގެ މައްޗަށް ސާބިތުވެފައިވަނީ
އޮރިޔާން ކާޑު ގެންގުޅުން އަދި ކެނެބިސް ބޭނުންކުރުމުގެ ކުށުގެ ދައުވާއެވެ. އެ
ދައުވާތައް ސާބިތުވެ އޭނާ ގެ މައްޗަށް 3 އަހަރާއި 1 މަހާއި 6 ދުވަހުގެ ޖަލު
ޙުކުމެއް މީގެ ކުރިން ވަނީ އިއްވާފައެވެ.
ބާކީ ދައުވާތަކުގައި ޚުލާސާ ބަޔާން އިއްވުން ހޯމަ
ދުވަހުގެ އަޑުއެހުމަށް ތާވަލު ކުރެވުނު ނަމަވެސް މި އަޑުއެހުން ދިގުލައިގެން ގޮސްފައިވާތީ
ޚުލާސާ ބަޔާން ކުރިއަށް ގެންދެވިފައެއް ނުވެއެވެ. އެގޮތުން މި އަޑުއެހުމުގައި
ދައުލަތުން މާއްދީ ހެކިތައް ކޯޓަށް ގެނެސް، އެ ދައްކައި އެއާ ބެހޭގޮތުން ވާހަކަ
ދައްކާފައިވެއެވެ.
މީގެ އިތުރުން، ހެއްކާ ބެހޭގޮތުން ސާހިލްގެ ފަރާތުން
ވާހަކަ ދެއްކުމުގެ ކުރިން ކޯޓުގައި ބަލައި ދިރާސާކުރާ ގޮތަށް ޝަރީއަތުން މީގެ
ކުރިން ރައްކާކޮށްފައި ހުރި ބައެއް ހެކިތައް ބަލަން ބޭނުންވާކަމަށް ސާހިލްގެ
ފަރާތުން ބުނެފައިވާތީ މި އަޑުއެހުމުގައި އޭނާއަށް އެ ފުރުސަތު ދީފައިވެއެވެ. އަދި
އެކަމަށް ވަގުތުތަކެއްވެސް ހޭދަވެގެން ދިޔައެވެ.
އެހެންވެ މި މައްސަލައިގެ ޚުލާސާ ބަޔާން އިއްވުން
މިހާރު ވަނީ އެހެން ދުވަހަކަށް ފަސްކުރައްވާފައެވެ.
ޝިއާއުގެ މައްސަލައަކީ ގިނަ ދުވަސްތަކެއް ވެފައިވާ
މައްސަލައެކެވެ. އެ މައްސަލަ ދައުވާކުރުމަށް ފޮނުވަން ވެސް ގިނަ ދުވަސްތަކެއް
ނެގިއެވެ. ފުލުހުން އޭރު ބުނީ އެ މައްސަލައިގެ ތަހުގީގު ލަސްވީ ޝިއާއު މަރާލި
"މޯޓިވް" ނުހޯދިގެން ކަމަށެވެ. ޝިއާއުގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް
ރިޕޯޓާ ހަވާލާދީ ފުލުހުން މީގެ ކުރިން ބުނެފައި ވަނީ، އޭނާ މަރުވެފައި ވަނީ
ހަށިގަނޑަށް ގަސްތުގައި ދީފައި ހުރި އަނިޔާތަކެއްގެ ސަބަބުން ކަމަށެވެ. އަދި
މަރުވި ފަހުންވެސް ހަށިގަނޑަށް ވަރަށް ގިނަ އަނިޔާތަކެއް ދީފައިވާ ކަމަށްވެސް
ފުލުހުން އޭރު ވަނީ ބުނެފައެވެ.