ރާއްޖޭގެ
ގައުމީ ޔުނިވާސިޓީ، އެމްއެންޔޫގެ މާލޭގެ ދަނާލުގައި ދިރިއުޅެމުން ދިޔަ އަންހެން
ކުއްޖަކު މަރުވި މައްސަލައިގައި އެކުއްޖާގެ ޒާތީ ޗެޓްލޮގްތައް ހާމަކުރެއްވީ ސޯޝަލް
މީޑިއާގައި ދެކެވެމުންދިޔަ ވާހަކަތައް ހުއްޓުވުމަށްކަމަށް ރައީސް ޑރ. މުޙައްމަދު
މުއިއްޒު ވިދާޅުވެއްޖެއެވެ.

ދަނާލްގައި
ހިނގި ޙާދިސާއާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ދާޚިލީ ވަޒީރު އަލީ އިޙްސާން
ވަނީ އެ ކުއްޖާ އާއި ދިވެހި ފުލުހުންގެ ޚިދުމަތުގެ ވިކްޓިމް ސަޕޯޓު ޔުނިޓާ ދެމެދު އެންމެ
ހައްސާސް ވަގުތުގައި ދެކެވިފައިވާ ވާހަކަތަކުގެ ޗެޓްލޮގްތައް ހާމަ ކުރައްވާފައެވެ.
އެކަމާ ގުޅިގެން އެތައް ބަޔަކު ސަރުކާރަށް ފާޑުކިޔާފައި ވެސް ވެއެވެ. އެގޮތުން
އެންމެ ނާޒުކު ޙާލަތުގައި ތިބޭ ފަރާތްތަކުން ދައްކާ ވާހަކަތައް އެއްވެސް އިމެއް ނެތި
ހާމަކުރެވޭނަމަ އެފަދަ ހޮޓްލައިންތަކަށް އާންމުން ކުރާ އިތުބާރު ގެއްލިގެންދާނެކަމަށް
އެތައް ބަޔަކު ދަނީ ބުނަމުންނެވެ.

އެހެންވެ
އެކަމާ ގުޅޭގޮތުން ހޯމަ ދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޑރ
މުޙައްމަދު މުއިއްޒާވެސް ނޫސްވެރިން ވަނީ ސުވާލު އަމާޒު ކުރައްވާފައެވެ. ނަމަވެސް
ރައީސް ދެއްވި ޖަވާބުން ހާމަވެގެން ދިޔައީ ސަރުކާރަށް މުހިއްމުވީ ވިކްޓިމް ސަޕޯޓު ޔުނިޓަށް
އާންމުން ކުރާ އިތުބާރު ދެމެހެއްޓުމަށްވުރެ، ސޯޝަލް މީޑިއާގައި ފެތުރޭ ވާހަކަތައް
ހުއްޓުވުންކަމެވެ.

ރައީސް
ވިދާޅުވީ، އާންމުންގެ ތެރޭގައި މިފަދަ ކަންކަމުގައި ގެންގުޅޭ ވިސްނުން
އެއްގޮތްވާން ޖެހޭ ކަމަށާއި، އެއްގޮތް ނުވާނަމަ މައުލޫމާތު ހާމަކުރަން މަޖުބޫރުވާ ޙާލަތްތައް
ކުރިމަތިވާ ކަމަށެވެ.

މަޖުބޫރީ ޙާލަތަކަށް ދިޔައީ ކޮންމެވެސް ވަރެއްގެ މައުލޫމާތުކޮޅެއް ދޭން، އެކަމަކު އެއީކީވެސް ރަނގަޅު ކަމެއް ނޫން، އެވެސް ނުދީ ވާނެ ގޮތް ވާން ޖެހޭނެ، އަޅުގަނޑުމެންގެ ތެރެއިން އަންނަ ޑިމާންޑު އަންނަނީ ގޯސްކޮށް ކަމެއް ކޮށްފައޭ އޮންނަނީ ކޮންމެވެސް މީހަކު، ފުރަތަމަވެސް ގޯސް ހެދިކަމަށް މި ނިންމަނީ، ނިންމީމަ ވާ ގޮތަކީ އެ މަސައްކަތް ކުރަން ހުންނަ އެ ވަޒީފާގައި ހުންނަ ކުއްޖާ އޭނާ ވަރަށް ބޮޑު ޕްރެޝަރަކަށް އެބަދޭ، ދެން އޭނާގެ އާއިލާ އޭގެ ސަބަބުން ނުރައްކަލަކަށްވެސް އެބަދޭ، މިކަހަލަ ސިޓުއޭޝަނެއް އެބަ އާދޭ، އެހެންވީމަ އެ އޭންގަލްއިންވެސް އެބަ ބަލަން ޖެހޭ، މިކަހަލަ ވަރަށް އުނދަގޫ ސިޓުއޭޝަނަކަށް ދޭ އަޅުގަނޑުމެންގެ ތެރޭގައި އެއް ވިސްނުމެއް ނެތީމާ
ރައީސް ޑރ މުޙައްމަދު މުއިއްޒު

ރައީސް
ވިދާޅުވީ ދަނާލްގައި މަރުވި ކުއްޖާގެ ކޭސްގައިވެސް ބައިނަލްއަޤުވާމީ
މިންގަނޑުތަކަށް ބަލާލި ނަމަވެސް އެ މައުލޫމާތު ހާމަ ކުރުމަކީ ރަނގަޅު ކަމެއް ނޫން
ކަމަށާއި، ނަމަވެސް އެ މައްސަލައިގައި މައުލޫމާތު ހާމަކުރީ އައި ޕްރެޝަރތަކާހެދި
މަޖުބޫރުވެގެން ކަމަށެވެ. ނަމަވެސް އެފަދަ ހައްސާސް މައުލޫމާތުތަކެއް
ހާމަކުރައްވަން ޖެހޭފަދަ ޕްރެޝަރއެއް ހަގީގަތުގައިވެސް އޮތްތޯ ގިނަ ބަޔަކު ސުވާލު
އުފައްދައެވެ.

އެކުއްޖާގެ ކޭސްގައި އެ ދުވަހު އަސްލުގަ ހަމަ އެއްވެސް މައުލޫމާތެއް ނުދީ ވާންޖެހޭ ކަމެއް، އެކަމަކު އެކަމުގައި މަސައްކަތް ކުރި ފަރާތްތަކަށް އެ އައި އިޒާރުތަކާއި، ސޯޝަލް މީޑިއާގައި ޚާއްސަކޮށް ފަތުރަމުންދިޔަ ބައިވަރު ވާހަކަތަކުގެ ސަބަބުން އެކަމުގައި އުޅުއްވި ބޭފުޅުން ހަމަ ލިމިޓެޑް މައުލޫމާތުކޮޅެއް ދިނީ، އެކަމަކު އެއީވެސް އަސްލު އިންޓަނޭޝަނަލް މިންގަނޑުގައި ކަމުދާ ކަމެއް ނޫން އެއީކީ، ޕްރޮފެޝަނަލް ބޭފުޅުންވެސް އަދި އަޅުގަނޑުވެސް ޤަބޫލެއް ނުކުރަން އެ މައުލޫމާތު ދެވިގެންވާނެކަމަށް، އެކަމަކު ދޭން ޖެހުނު މިންވަރަކަށް ދިނީވެސް ނޫނިއްޔާ މަޖުބޫރުވީވެސް އެ ޕްރެޝަރ އައިސްގެން.
ރައީސް ޑރ މުޙައްމަދު މުއިއްޒު

ރައީސް
އިތުރަށް ވިދާޅުވީ، ކޮންމެ މީހަކަށް ވެސް ޙައްޤުތަކެއް ލިބިގެންވާ ކަމަށާއި، އަބުރު
ރައްކާތެރި ކުރުމުގެ ހައްޤުވެސް ކޮންމެ މީހަކަށްވެސް އޮންނާނެ ކަމަށެވެ. އަދި އެ
ވާހަކަތައް ދެއްކެވީ އެއްވެސް ބޭފުޅެއްގެ ދިފާއުގައެއް ނޫންކަމަށް ރައީސް ވިދާޅުވިއެވެ.

މިނިސްޓަރ
ހިއްސާ ކުރެއްވި ޓައިމްލައިނަށް ބަލާއިރު، ފުލުހުންގެ ފަރާތުން
އެ ޙާދިސާއަށް އެޓެންޑު ވުމުގައި ބޮޑެތި ލަސްތަކެއް ހުރިކަން ހާމަވެގެން ދިޔައެވެ.
ސޯޝަލް މީޑީއާގައިވެސް ދެކެވެމުން ދިޔައީ އެ ވާހަކަތަކެވެ. ނަމަވެސް ރައީސް އެ
ވިދާޅުވި ގޮތަށް އެއްވެސް މީހަކަށް ޒާތީ ޕްރެޝަރެއް ކުރިމަތިވިކަމުގެ އެއްވެސް
މައުލޫމާތެއް ކަމާ ގުޅުންހުރި އެއްވެސް އިދާރާއަކުން ހާމަކޮށްފައެއް ނުވެއެވެ.