ބުލީކުރުން ކުށަކަށް ހަދައި އެކަން ހުއްޓުވުމަށް، އެންޓި-ބުލީ ގާނޫނެއް ހަދަން ނިންމައިފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވިދާޅުވީ ރާއްޖޭގައި ބުލީ ކުރުމުގެ މައްސަލަ ވަރަށް ބޮޑު ކަމަށާއި، މިއީ މި މުޖުތަމައުގައި މޫލައިފައިވާ ކަމެއް ކަމަށެވެ. އަދި މިކަމުގައި ބައިވަރު މައްސަލަތައް ހިމެނޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

ރައީސް މުއިއްޒު ވިދާޅުވީ އެންމެ ތުއްތު ކުދިން ފެށިގެން ބޮޑެތި މީހުންނާ ހިސާބަށް އޮތް މިމައްސަލަ ހުއްޓުވުމަށްޓަކައި ސަރުކާރުގެ ލެވަލްގައި މަސައްކަތްތައް ކުރަމުންދާ ކަމަށެވެ. 

އެގޮތުން  މިހާރު އަމަލުކުރަމުންދާ ގާނޫނީ ނިޒާމުގެ ތެރޭގައި ވެސް ބުލީ ކުރުމާ ގުޅޭ ކަންކަމަށް ފިޔަވަޅު އެޅޭ ގޮތަށް ފަހިވެފައިވާ ކަމަށެވެ. އަދި ފިޔަވަޅު އެޅުން އިތުރަށް ހަރުދަނާކުރުމަށް އެންޓި ބުލީ ގާނޫނެއް ތައާރަފުކުރުމަށް ސަރުކާރުން މިހާރު މަސައްކަތް ފަށާފައިވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވީ މިގާނޫނު އައުމާއެކު މި މައްސަލަ ހައްލު ކުރުމަށް ވަރަށް ބޮޑު ލުޔެއް ލިބޭނެ ކަމަށާއި،  މި ގާނޫނުގައި ވަރަށް ސާފުކޮށް ބުލީ ކުރުމުގެ އަމަލުތަކަކީ ކޮބައި ކަމާއި، ބުލީ ކުރުމުގެ އަމަލުތަކާއި، އެއީ ކޮން ގޮތަކަށް ކިހިނެއް ހިނގާ ކަމެއް ކަމާއި، ކުށަކަށްވާ ގޮތް ގާނޫނީ ދާއިރާއިން ވަރަށް ސާފުކޮށް ކަނޑައެޅިގެންދާނެ ކަމަށެވެ. 

އެއީ، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތަށް ގެނެވުނު ހަވަނަ އިޞްލާޙު. މި ސަރުކާރުން 2024ގެ ޑިސެމްބަރު 17ގައި ގެނައި ހަވަނަ އިސްލާހުގައި، ސައިބަރ ވައިލެންސްގެ އަމަލުތަކަކީ ކުށެއް ކަމަށް އޮންނާނީ ކަނޑައަޅާފައި. އޭގެތެރޭގައި، ސައިބަރ ސްޓޯކިންގެ އަމަލުތައް ވެސް ހިމެނޭ. އަދި މިފަދަ އަމަލުތައް ފުލުހުން ތަހުގީގުކުރުމަށް ފަހު ދައުވާކުރުމަށް ޕީޖީ އަށްވެސް ހުށަހެޅުން ހަމަ ކުރިއަށްދޭ. އޭގެއިތުރަށް ވެސް. އެހެންވީމާ މިކަން އިތުރަށް، މި ގާނޫނީ ނިޒާމު ތެރެއިން ހުއްޓުވުމަށްޓަކައި އަދި ޕްރިވެންޓިވް އެކި ކަހަލަ މެޝަރތައް އަދި މިފަދަ އަމަލުތައް ކުރާ ފަރާތްތަކަށް ފިޔަވަޅު އެޅުން އިތުރަށް ހަރުދަނާކުރުމަށްޓަކައި ބުލީކުރުން އެއީ، ގާނޫނީ ކުށެއް ކަމަށް ކަނޑައެޅުމަށް އެކަމާ ގުޅޭ ޚާއްސަ ގާނޫނެއް، އެންޓި ބުލީ ގާނޫނެއް ތައާރަފުކުރުމަށް ސަރުކާރުން މިހާރު މަސައްކަތް ފަށައިފިން. އެހެންވީމާ، އެ މަސައްކަތް މިހާރު އޭޖީ އޮފީހުން އެބަ ކުރިއަށް ގެންދަވާ، ކަމާ ގުޅޭ ފަންނީ ބޭފުޅުންގެ ވެސް ލަފައާ އެކީގައި. އިރާދަކުރެއްވިއްޔާ މި ބިލު އަޅުގަނޑުމެން ފަރުމާކޮށްފައި، މަޝްވަރާގެ ހުރިހާ ޕްރޮސެސްއަކާ އެކީގައި ނިންމާފައި، އިރާދަކުރެއްވިއްޔާ މަޖިލީހަށް ފޮނުވާނެ އިންޓަރ ބުލީ ގާނޫނެއް.
 ރައީސް ޑރ. މުހައްމަދު މުއިއްޒު

މީގެ އިތުރުން ރައީސް މުއިއްޒު ވިދާޅުވީ، އޮންލައިންކޮށް ބުލީ ކުރުން ހުއްޓުވުމުގެ ބައިތަކާއި، ސްކޫލުތަކާއި އޮފީސްތަކުގެ އިތުރުން މުޖުތަމައުގައި ބުލީ ކުރުން ޚާއްސަ ސިޔާސަތުތަކެއް އެކުލަވައިލުމުގެ ބައިތައް ވެސް ބިލުގައި ތަފުސީލުކޮށް ހިމަނާނެ ކަމަށެވެ. 

ރައީސް މުއިއްޒު ވިދާޅުވީ ބުލީ ކުރުމުގެ މައްސަލައަށް ވަށާޖެހޭ ފުރިހަމަ ހައްލެއް ގެންނަން މަސައްކަތް ކުރަން ޖެހޭ ކަމަށާއި، ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުން ވަރަށް ބޮޑަށް ސަރުކާރަށް ބޭނުންވާ ކަމަށެވެ. އަދި މި މައްސަލަ ހައްލު ކުރުމަށް ދިވެހި ހުރިހާ ރައްޔިތުންގެ ޒިންމާއެއް އެބައޮތް ކަމަށާއި، އެކުވެރިކަމާއި، އެއް ރޫހެއްގައި މަސައްކަތް ކުރުމުން ނަތީޖާ ނެރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.