ނިމުނު އެމްޑީޕީ ސަރުކާރުގައި ދައުލަތުގެ މީޑިއާ ކުރިއެރުވުމުގައި ބަދަލުގައި ސަރުކާރުން މަސައްކަތް ކުރީ ރާއްޖެޓީވީ ކުރިއެރުވުމަށް ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އިތުރުފުޅު ހައްދަވައިފި އެވެ. 

ހޯމަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ޕަބްލިކް ސަރވިސް މީޑިއާ އިން ސިޔާސީ ޕާޓީތަކުގެ މެދުގައި ތަފާތު ކޮށް، ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދިނުމުގެ ފުރުސަތު، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ދީފައި ނުވާތީ ރައްޔިތުން ގެ މަޖިލީހަށް ހުށަހަޅާފައިވާ ގަރާރުގެ ބަހުސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. 

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމް ހުށަހަޅުއްވާފައިވާ އެ ގަރާރަށް ބަހުސް ކުރައްވަމުން ޝުޖާއު ވިދާޅުވީ ނިމުނު އެމްޑީޕީ ސަރުކާރުގައި ދައުލަތުގެ މީޑިއާ ކުރިއެރުވުމުގައި ބަދަލުގައި ސަރުކާރުން މަސައްކަތް ކުރީ ރާއްޖެޓީވީ ކުރިއެރުވުމަށް ކަމަށެވެ. 

މީގެ ކުރިން އަޅުގަނޑުމެންނަށް އެމްޑީޕީގެ ވެރިކަމުގައި  ފެނިގެން ދިޔައީ ދައުލަތުގެ މީޑިއާ ކުރިއެރުވުމުގެ ބަދަލުގައި ރާއްޖެޓީވީ ކުރިއަރުވަން މަސައްކަތް ކުރިތަން އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ. ދައުލަތުގެ މީޑިއާގައި ތިބި ޓެކްނިކަލް މުވައްޒަފުންނާ ޕްރެޒެންޓަރުން އެތަނުން ވަކިކޮށްގެން ރާއްޖެޓީވީ އަށް ގެންދިޔަ މަންޒަރު އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ އެމްޑީޕީ ގެ ވެރިކަމުގެ ތެރޭގައި. ބޭނުންވާ ވަސީލަތްތައް ހަރުދަނާ ކޮށް، ވަސީލަތްތައް އިތުރުކުރުމުގެ ބަދަލުގައި ރާއްޖެޓީވީ ކުރިއަރުވަމުން ގެންދިޔަ މަންޒަރު އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ. އެތަނުގެ ވަސީލަތްތައް ކުރިއަރައި، ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތައް އެތަނަށް ހޯދަމުން ދިޔަ މަންޒަރު ފެނިގެން ދިޔައީ. 
ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު

ޝުޖާއު އެހެން ވިދާޅުވި ނަމަވެސް، އެއީ ހަގީގަތާ ޚިލާފު ވާހަކަފުޅެއްކަން ރާއްޖެޓީވީން ވަނީ ފާހަގަކޮށްފަ އެވެ.

އެ ގަރާރުގައި ބުނީ ޕީއެސްއެމް.ގެ މަގްސަދަކީ ގާނޫނުގައި ކަނޑައަޅާފައިވާ އާންމު އުސޫލުތަކާ ސިޔާސަތުތަކުގެ ތެރޭގައި ނުފޫޒުން އެއްކިބާވެފައިވާ އަދި އެޑިޓޯރިއަލް މިނިވަންކަން ލިބިފައިވާ ދިވެހިރާއްޖޭގެ އެންމެހައި ސަރަހައްދުތަކަށް ޚިދުމަތް ފޯރުކޮށްދޭ ގައުމީ މީޑިއާއެއްގެ ގޮތުގައި ދެމިއޮތުން ކަމަށެވެ.

އެގޮތުން ޕަބްލިކް ސަރވިސް މީޑިއާގެ ގާނޫނުގެ 5 ވަނަ މާއްދާގެ (ކ) ގައި ދައުލަތުގެ މީޑިއާގެ ސިޔާސަތުތަކުގެ ގޮތުގައި ރައްޔިތުންގެ މެދުގައި އެއްވެސް ތަފާތުކުރުމެއް ނެތި ޕަބްލިކް ސަރވިސް މީޑިއާގެ ޚިދުމަތް ފޯރުކޮށްދެމުން ދިއުމަށް މަސައްކަތް ކުރުމާ ޕަބްލިކް ސަރވިސް މީޑިއާ އިން ވަކިވަކި ފަރުދުންނާ އެކި ޖަމާއަތްތަކަށް ފުރުސަތު ދިނުމުގައި ވެސް ހަމަހަމަކަން ގާއިމް ކުރުމަށް މަސައްކަތްކުރުން ކަން ކަނޑައަޅައި ބަޔާން ކޮށްފައިވާ ކަމަށް ގަރާރުގައި ވެ އެވެ.