ސަރުކާރުގެ ބަޖެޓުން ހަރަދުކޮށްގެން މެންޓަލް ހޮސްޕިޓަލެއް މާލޭގައި އަޅަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ހޯމަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވިދާޅުވީ ނަފްސާނީ ބައްޔަށް ޚާއްސަ ހޮސްޕިޓަލެއް އެޅުމަކީ ވައުދެއް ކަމަށާއި، މިމަޝްރޫއަށް ބޭރުގެ ލޯނު ހަމަޖައްސުމަށް ގިނަ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ. ނަމަވެސް ލޯނުގެ ޕްރޮސީޖަރ މާބޮޑަށް ދިގުދެމިގެންދާތީ، ބަޖެޓުން ހަރަދު ކޮށްގެން މާލޭގައި މެންޓަލް ހޮސްޕިޓަލެއް އަޅަން ނިންމާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވީ މި ލޯނު ހަމަޖެހުމުން ސިއްހީ ދާއިރާގެ އެހެން ކަމަށް ބޭނުން ކުރާނެ ކަމަށާއި، މަޝްވަރާގެ ދަށުން ފަހުން ގޮތެއް ނިންމާނެ ކަމަށެވެ. އަދި މާލޭގައި މެންޓަލް ހޮސްޕިޓަލެއް އަޅަން ނިންމި ނަމަވެސް ކުރިން ޕްލޭންގައިވާ ގޮތަށް ލާމު އަތޮޅުގައި ވެސް ހޮސްޕިޓަލް އަޅާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެހެންނަމަވެސް، އަދިވެސް އެ ޕްރޮސީޖަރގައި ދިގުކަމުން މީގެއިން ލޯނެއް، ހަމަޖެހިގެން، މި ޕްރޮޖެކްޓް އަދި މިކަހަލަ އެއްވެސް ޕްރޮޖެކްޓެއް ފެށޭގޮތް ނުވެ ލަސްވަމުންދާތީ އަދި މި މައްސަލަ އިތުރަށް ވަރަށް ބޮޑަށް ރާއްޖޭގެ ބޮޑުވެ އިތުރު އެހީތެރިކަމެއް ބޭނުންވާ ހިސާބަށް ގޮސްފައިވާ ބޮޑު މައްސަލައަކަށްވާތީ، އަޅުގަނޑުމެން މިހާރު މަޝްވަރާކޮށްފައި ސަރުކާރުގެ ބަޖެޓުން ސީދާ މެންޓަލް ހެލްތު ފެސިލިޓީ ހޮސްޕިޓަލް އެޅުމަށް މިހާރު މި ނިންމީ. އެކަމަކު އޭގެ މާނައެއް ނޫން، މި ލޯނު ފެސިލިޓީ ލިބޭ ދުވަހަކުން ނޫނީ ހަމަޖެހިގެން އެކަން ނުކުރާނެ ވާހަކަ. އެހެން އަދި އަޅުގަނޑުމެން ޑިޝިޝަން ނަގާނަން. އަޅުގަނޑުމެން ބޮޑަށް ބަލާނީ އެ ލޯނު އެހެން ހެލްތް ދާއިރާގެ އެހެން ކަމަކަށް ބަދަލުކުރުމަށް. އެހެންނަމަވެސް، އެ ޑިޒިޝަން އަދި ފައިނަލްނުކޮށް ފުރަތަމަ އަޅުގަނޑުމެން މި ސަރުކާރުގެ ބަޖެޓުން، ނިއު ޕޮލިސީ އިނީޝިއޭޓިވްގެ ގޮތުގައި މި އަހަރުގެ ބަޖެޓުގައި ކަނޑައަޅާފައި އޮތް ސްޕޭސްގެ ތެރެއިން މި ޕްރޮޖެކްޓް ކުރިއަށް ގެންދިޔުމަށް. 
ރައީސް ޑރ. މުހައްމަދު މުއިއްޒު

ނަފްސާނީ ބައްޔަށް އިޝާރާތް ކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ މިއަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން 24 އޭޕްރީލްގެ ނިޔަލަށް މާލެއިން 8125 މީހުން އާސަންދައިން ނަފްސާނީ ބައްޔަށް ފަރުވާ ހޯދާފައިވާ ކަމަށެވެ. 

މާލޭގައި ނަފްސާނީ ބައްޔަށް ޚާއްސަ މެންޓަލް ހޮސްޕިޓަލެއް އަޅާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއިރު، އެމަނިކުފާނު ވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ލ. ގަމުގައި އަޅަން ނިންމި ކެންސަރު ހޮސްޕިޓަލުގެ ބަދަލުގައި މެންޓަލް ހޮސްޕިޓަލެއް އެޅުމަށް ނިންމާފަ އެވެ. ނަމަވެސް މިހާތަނަށް މި ހޮސްޕިޓަލްއާ ގުޅުންހުރި އެއްވެސް މަސައްކަތެއް ކޮށްފައިނުވެ އެވެ.