ފޮރިން މިނިސްޓްރީގެ އެމްބެސެޑަރ އެޓް ލާޖްގެ މަޤާމަށް މި ސަރުކާރުގެ ކުރީގެ ދެ ވަޒީރުން ކަމަށްވާ އާދަމް ޝަރީފް އުމަރު އާއި  ތޯރިގް އިބްރާހިމްގެ އިތުރުން ކުރީގެ ބަންޑާރަ ނައިބު ފާތިމަތު ދިޔާނާ ސައީދު އައްޔަން ކުރައްވައިފި އެވެ.

ސަރުކާރުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ވަނީ އެކަން ރާއްޖޭގެ ބައެއް މީޑިއާތަކަށް ކަށަވަރުކޮށްދެއްވާފަ އެވެ.

ފޮރިން މިނިސްޓްރީގެ އެމްބެސެޑަރ އެޓް ލާޖްގެ މަޤާމަށް އައްޔަން ކުރެއްވި އާދަމް އާއި ތޯރިގް އަކީ މި މަހުގެ 14 ވަނަ ދުވަހު މަޤާމުން އިސްތިއުފާދެއްވި ވަޒީރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ދެ ބޭފުޅުންނެވެ. މި ތިން ބޭފުޅުންނަށް ވެސް އެ މަޤާމް ދެއްވާފައި ވަނީ މި ހިނގާ ހަފްތާގެ ތެރޭގަ އެވެ. 

އާދަމް ޝަރީފް އާއި ތޯރިގް އިސްތިއުފާ ދެއްވީ މިދިޔަ ކައުންސިލް އިންތިޚާބުގައި ލިބުނު ބޮޑު ނާކާމިޔާބަށް ފަހު ސަރުކާރުން ރިފޯމް ބަދަލުތަކެއް ގެންނަ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ކުރެއްވި އިއުލާނާއި އެއްގޮތަށެވެ. އޭރު ވެސް އާއްމުން އައީ އިސްތިއުފާ ދިން ފަރާތްތަކަށް އިތުރު މަޤާމްތައް ދޭނެ ކަމަށް ލަފާކުރަމުންނެވެ. އާއްމުން އެފަދައިން ލަފާކުރި ސަބަބަކީ މީގެ ކުރިން މި ސަރުކާރުން ވަކި ކުރި ފަރާތްތަކަށް ވެސް ކުންފުނިތައް ނުވަތަ ރާއްޖެ އިން ބޭރުގެ ކޮންސިއުލޭޓަކުން ނުވަތަ ފޮރިން މިނިސްޓްރީ އިން މަޤާމެއް ދެއްވުމުގެ އާދަ ފެނިގެން ގޮސްފައިވުމެވެ.