ވިލިމާލޭގައި ހައުސިން ޔުނިޓްތަކެއް އެޅުމަށް ދޫކުރި ބިމުގައި އެ އަވަށުގެ ފުނަ ގަސްތައް ހުރި "ފުނަ ވާ" ހިމެނޭތީ ތިމާވެށީގެ ހިމާޔާތުގައި އެތައް ބަޔަކު ވަކާލާތު ކުރަމުން ދަނިކޮށް ހައުސިންގ ޔުނިޓްތަކުގެ ތެރެއިން އެއް ޓަވަރު އެހެން ސަރަހައްދެއްގައި އަޅަން ނިންމައިފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެ އެވެ.

މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ވިލިމާލޭގައި 300 ހައުސިން ޔުނިޓްގެ ޓަވަރުތައް އަޅަން ނިންމާފައިވާ އިރު ފުނަވާ ހިމެނޭ ސަރަހައްދުގައި ޓަވަރު އަޅާތީ ތިމާވެށީގެ ހައްގުތަކަށް ވަކާލާތު ކުރާ ފަރާތްތަކުން ދަނީ އެކި ޕްލެޓްފޯމްތަކުގައި އެކަމާއި މެދު އިހުތިޖާޖުކުރަމުންނެވެ. 

މިނިސްޓަރ މުއްތަލިބް އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މާލެގެ ސަރަޙައްދުގައި އެކަށީގެންވާ ވަރަށް ޕާކުތަކާއި ހުސްޖާގަ ނެތްކަމީ ޝައްކެއް އޮތް ކަމެއް ނޫން ކަމަށެވެ. ހަމައެހެންމެ އެތައް ހާސް އާއިލާއަކުން ދިރިއުޅެމުންދަނީ ހަމަޖެހިލައިގެން ދިރިއުޅެވޭ ވަރަށް ވުރެ ދަތި ތަންތަނުގައި ކަމީވެސް ދެބަސްނުވެވޭނެ ޙަޤީޤަތެއް ކަމަށް ވަޒީރު ވިދާޅުވި އެވެ. އެހެންކަމުން އެ އާއިލާތަކަށް އެކަށީގެންވާ ބޯހިޔާވަހިކަމެއް ފޯރުކޮށްދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. މާލެ ސަރަޙައްދުގައި ހިއްކާފައިވާ އަދި ހިއްކަމުންދާ ބިންތަކަކީ ރައްޔިތުންނަށް ގޯތި ދީފައިވާ ބިންތައް ކަމަށްވުމާއެކު ރައްޔިތުންގެ ތެރެއިން ބޯހިޔާވަހިކަމުގެ ދަތިކަމުގައި އުޅެމުންދާ އާއިލާތަކަށް ބޭނުންވާ ފުލެޓު ޢިމާރާތްކުރުމުގައި ލިބެން ހުރި ބިންތައް މަދުވުމަކީ މިކަމަށް އޮތް އެންމެ ބޮޑު ގޮންޖެހުން ކަމަށް ވެސް ވަޒީރު ވިދާޅުވި އެވެ.

މި ގޮތުން ވިލިމާލޭގައި ޢިމާރާތްކުރާ 300 ފުލެޓުގެ މަޝްރޫޢު ކުރިއަށް ގެންދިއުމުގައި ސަރުކާރުން އަބަދުވެސް ބަލާފައިވާނީ ބޮޑެތި ފުނަގަސް ނުކަނޑައި ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް ކަމަށް މިނިސްޓަރ ވިދާޅުވި އެވެ. ނަމަވެސް 3 ޓަވަރުގެ ތެރެއިން 1 ޓަވަރު އަޅަން ކަނޑައެޅި ތަނުގައި ހުރި ގަސްތައް ނަގަންޖެހޭތީ އާއި، ބައެއް ބޮޑެތި ގަސްތަކުގެ ގޮފިތައް ކަނޑަން ޖެހޭތީ އެޓަވަރު އެހެން ސަރަޙައްދަކަށް ބަދަލުކުރުމަށް މިހާރު ވަނީ ނިންމާފައި ކަމަށް ވަޒީރު ވިދާޅުވި އެވެ.

ހައުސިން މިނިސްޓްރީން ކުއްޔަކާ ނުލައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އަށް ދީފައިވާ ބިމުގައި، 300 ހައުސިންގ ޔުނިޓް އަޅަން ހަވާލުކޮށްފައިވަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ)އާއެވެ. އެ މަޝްރޫއުގެ ބިންގާ އަޅާފައި ވަނީ މިދިޔަ މަހުގެ 26ގައެވެ.