ހއ. ހޯރަފުށީގައި ކުނި ކޮށްޓަށް ބޭނުންވާ ބިން 3 ދުވަހުގެ ތެރޭގައި ހަމަޖައްސައިދިނުމުން ކައުންސިލް އިންތިހާބުގެ ކެމްޕޭނުގައި ބުނީ ކައުންސިލުން އެއްބާރުލުން ނުދޭ ކަމަށާއި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅުގެ އަމަލީ އެއްވެސް މަސައްކަތެއް މިހާތަނަށް ނުކުރާ ކަމަށް ހޯރަފުށީ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު ވިދާޅުވެއްޖެ އެވެ. 

ރާއްޖެޓީވީގެ ހާލު ކިހިނެއް ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ހޯރަފުށީ ކައުންސިލްގެ ރައީސް ވަހީދު ވިދާޅުވީ ކުނިކޮށީގެ ވާހަކަ އަކީ އިބިލީސް ކައިވެނީގެ ވާހަކައަށް ވެފައި އޮތް ވައުދެއް ކަމަށެވެ. ކުނީގެ މައްސަލަ ހައްލު ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ އިންތިހާބުގެ ވަރަށް ހާއްސަ ވައުދެއް ކަމަށެވެ. އަދި ހޯރަފުށީގައި ޒަމާނީ ކުނިކޮށްޓެއް ގާއިމްކޮށް ހިދުމަތް ފައްޓަވައި ދެއްވާނެ ކަމަށް ރައީސް ވިދާޅުވެފައިވާ ކަމަށެވެ. އަދި އެހާ ހިސާބުން ފެށިގެން ބިން ހޯދުމަށް ކަމާބެހޭ އިދާރާތަކަށް ސިޓީ ފޮނުވީ 19 މާޗް 2025 ގައި ކަމަށެވެ. އަދި ކައުންސިލުން ސިޓީ 22 މާޗް 2025 ގައި ބިން ކަނޑައަޅާ ކަމާބެހޭ ވުޒާރާތަކަށް ފޮނުވި ކަމަށެވެ. 

އަދި 3 ދުވަސް ތެރޭގައި ބިން ހަމަޖައްސައިދިން ނަމަވެސް ނިމިދިޔަ ކައުންސިލް އިންތިހާބު ދުވަސްވަރުގައި ދެއްކި ވާހަކައަކީ ހޯރަފުށީ ކައުންސިލުން ބިން ކަނޑައަޅައި ނުދީގެން މަސައްކަތް ނުފެށި އޮތް ކަމަށާއި، އެއީ ކަނޑައެޅިގެން ދެކެވޭ ދޮގު ވާހަކައެއް ކަމަށެވެ. 

އަޅުގަނޑުމެންނާއި ވެމްކޯއާއި އެކު މީޓިންގތައް ބޭއްވުނު ތަފާތު އެތައް ފަހަރަކު. ހޯރަފުށީ ކައުންސިލަށް އެތައް ފަހަރަކު ވެމްކޯގެ ޓީމްތައް އައި. އަޅުގަނޑުމެންނަށް ވެމްކޯއިން މައުލޫމާތު ދިނީ މިދިޔަ އަހަރުގެ އެޕްރީލް މަހުގެ ތެރޭގައި އަމަލީ މަސައްކަތް ފަށާނެ ކަމަށް. އެހެންނަމަވެސް މިހާ ހިސާބަށް އައި އިރުވެސް އެއްވެސް މުއާމަލާތެއް ނުކުރެވި، އަޅުގަނޑުމެން ވެމްކޯގެ އޮފީހެއް ގާއިމްކުރަން ހޯރަފުށީ ކައުންސިލުން އިމާރާތެއް ހަމަޖެއްސިން، ވެމްކޯގެ ހިދުމަތް ގާއިމްކުރުމަށްޓަކައި އެބޭފުޅުން ބޭނުންވާނެ ހުރިހާ އެހީތެރިކަމާއި އެއްބާރުލުމެއް ހޯރަފުށީ ކައުންސިލުން ދިނިން. 
 ހޯރަފުށީ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު 

ވަހީދު ވިދާޅުވީ އެފަހުން ރަސްމީ އެއްވެސް މުއާމަލާތެއް ނުކުރާ ކަމަށެވެ. އަދި ކުނިތައް ޖަމާކުރާ ސަރައްހައްދު މިހާރު އޮތް ހާލަތަކީ ކުރިން ވެސް އޮތް ހާލަތު ކަމަށާއި، ރައީސްގެ ވައުދުފުޅާ އެއްގޮތަށް އެއްކަމެއް ވެސް ނުހިނގާ ކަމަށެވެ.