ބަނގުރާ ހުރި 130 ފުޅި އާއި 14 ހަމާއެކު ދެ ބިދޭސީއަކު މާލެއިން ހައްޔަރުކޮށްފި އެވެ. 

ފުލުހުން ބުނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވައި އަދި މަސްތުވާތަކެއްޗާއި ބަނގުރާ އާ ދެކޮޅަށް ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތްތަކުގެ ތެރެއިން ދެ މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ. 

މި ދެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ އެމްޑީ ހާރުން މިއާ، ބަންގްލަދޭޝް (47އ) އާއި ހުސްމާން ރަސިކް އަރްސިލް އަލީމް، ސްރީލަންކާ (26އ) އެވެ. މި ދެމީހުން ވެސް ހައްޔަރުކޮށްފައި ވަނީ މި އެޕްރީލް މަހުގެ 25 ވަނަ ދުވަހު އެވެ.

މި ދެމީހުންގެ ތެރެއިން އެމްޑީ ހާރުން މިއާ ހައްޔަރުކޮށްފައި ވަނީ ގަވާއިދާ ހިލާފަށް ބަނގުރާ ގެންގުޅެ، ބޭނުންކޮށް އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެންނެވެ. ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންގައި އޭނާ ހައްޔަރުކޮށް، އޭނާއާ ގުޅުންހުރިކަމަށް ބެލެވޭ މާލޭގެ ދެއެޕާޓްމަންޓް ބަލައިފާސްކުރިއިރު ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި 4 ފުޅި (5ލީޓަރު) އާއި، 126 ފުޅި (500އެމްއެލް) އަދި 14 ހަން ފެނިފައިވެ އެވެ.

މި މައްސަލައިގެ އިޖުރާއަތްތައް ފުރިހަމަކުރުމަށް ފަހު، އެމްޑީ ހާރުން މިއާ މިހާރު ވަނީ ރާއްޖެއިން ޑީޕޯޓްކުރުމަށް މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފަ އެވެ.

ހުސްމާން ރަސިކް އަރްސިލް އަލީމް ހައްޔަރުކޮށްފައި ވަނީ ކިލޯއަކަށްވުގެ ގިނަ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރި މައްސަލައަަކާއި ގުޅިގެންނެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ މޯލްޑިވްސް ކަސްޓަމް ސާވިސް އިން އޭނާ ފުލުހުންނާ ހަވާލުކުރުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

މި މައްސަލައާ ގުޅިގެން ހުސްމާން ރަސިކް އަރްސިލް އަލީމްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 7 ދުވަހަށް ބަންދުކުރުމަށްވަނީ އަމުރުކޮށްފަ އެވެ. ބަންދު އަމުރުގައިވާ ގޮތުން މީނާގެ ކުޑަކަމުދާތަކެތި މަސްތުވާތަކެތީގެ ބާވަތަކަށް ޕޮޒިޓީވް އެވެ. 

މި ދެ މައްސަލަ ވެސް ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.