ސަރުކާރުގެ
އިޤްތިސާދީ އިސްލާޙީ އެޖެންޑާގެ މަސައްކަތްތައް 2024 ވަނަ އަހަރާ ހިސާބުން
ހުއްޓިފައިވާކަމަށް އެއްބަސްވާ މޭރުމުން ރައީސް އޮފީހުން އިންފޮމޭޝަން
ކޮމިޝަނަރުގެ އޮފީހުގައި ވާހަކަ ދައްކައިފިއެވެ.

ރައީސް
އޮފީހުން އެގޮތަށް ބުނެފައިވަނީ ސަރުކާރުގެ އިޤްތިސާދީ އިސްލާޙީ އެޖެންޑާއާ
ގުޅޭގޮތުން ރާއްޖެޓީވީން އައިކޮމްއަށް ހުށަހެޅި މައްސަލައެއްގެ އަޑުއެހުމުގައި
އާދިއްތަ ދުވަހު ވާހަކަ ދައްކަވަމުންނެވެ.

މި
އަޑުއެހުމުގައި އައިކޮމްގެ ރައީސް އާހިދު ރަޝީދު ވިދާޅުވީ، ރައީސް އޮފީހުން ހިއްސާކުރި
ދެ ލިންކަށް ބަލާއިރު، 2 ސެޕްޓެމްބަރު 2024 ގައި ރިފޯމް އެޖެންޑާގައިވާ ކަންކަން
ޙާސިލު ކުރުމަށް ރައީސް ނިންމެވި ކަންކަމާ ގުޚޭ ޚަބަރެއްގެ ވާހަކަ ހިމެނޭ
ކަމަށާއި، އޭގެ ފަހުން 23 އޮކްޓޯބަރުގެ ޚަބަރެއްގައި އިޤްތިސާދީ އިސްލާޙީ އެޖެންޑާގެ
ދަށުން ރައީސް ނިންމެވި ނިންމެވުންތަކެއްގެ ވާހަކަވެސް ބަޔާންކޮށްފައިވާ ކަމަށެވެ.

އެހެންނަމަވެސް
މިއީ ހަމައެކަނި އިޤްތިސާދީ އިސްލާހީ އެޖެންޑާގައި ކުރެވިފައިވާ މަސައްކަތްކަމަށް
ބަލަންވީތޯއާއި އޭގެ ފަހުން އިޤްތިސާދީ އިސްލާޙީ އެޖެންޑާގެ ދަށުން މަސައްކަތެއް
ކުރެވިފައިނުވަނީތޯ އާހިދު ވަނީ ސުވާލު ކުރައްވާފައެވެ.

ހަމައެކަނި އެ ދެ ލިންކުގައި އެހުރީ އިޤްތިސާދީ އިސްލާޙީ އެޖެންޑާ ގައި މަސައްކަތް ގޮސްފައިވާ ހިސާބުކަމަށްވާނަމަ އެ މައުލޫމާތު ދޫކޮށްފައިވާކަމަށް ބެލެވޭނެ، ނަމަވެސް މިހިސާބުން އަޅުގަނޑުގެވެސް އެބައޮތް ސުވާލުތަކެއް
އައިކޮމްގެ ރައީސް އާހިދު ރަޝީދު

އާހިދު
ވިދާޅުވީ، ރައީސް އޮފީހުން ދެން ހިއްސާކޮށްފައި އޮތީ ކެބިނެޓުގެ ލިންކެއް
ކަމަށާއި، އެ ލިންކަށް ވަދެ ބެލުމުންވެސް އެދިފައިވާ ސުވާލާ ގުޅޭ މައުލޫމާތެއް
ސާފުނުވާކަމަށެވެ.

އެހެންނަމަ ވެސް
މި އަޑުއެހުމުގައި ރައީސް އޮފީހުން ބުނީ، އެ އޮފީހުން ޤަބޫލުކުރާ ގޮތުގައި އެދިފައިވާ
ސުވާލަށް ޖަވާބު ދެވިފައިވާ ކަމަށެވެ.

ނަމަވެސް
އެ ޖަވާބު ލިބިފައިނުވާކަމަށް އާހިދު ވިދާޅުވިއެވެ. އެގޮތުން ރައީސް އޮފީހުގެ ޖަވާބަށް
ބަލާއިރު، 2024 ގެ ފަހުން އިޤްތިސާދީ އިސްލާޙީ އެޖެންޑާގެ މަސައްކަތްތައް
ހުއްޓިފައިވާކަމަށް ބަލަންވީތޯ އާހިދު ސުވާލުކުރެއްވިއެވެ.

އާހިދު
ވިދާޅުވީ އެގޮތަށް އެކަން ޤަބޫލު ކުރުމަކީވެސް އުނދަގޫ ކަމެއްކަމަށެވެ. އެހެންކަމުން
އެކަން ސާފުކޮށްދެއްވުމަށް އާހިދު އެދިވަޑައިގެންނެވިއެވެ.