ރައީސް
އޮފީހަށް ރައްދުވާގޮތަށް ރާއްޖެޓީވީގެ ފަރާތުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް
(އައިކޮމް) އަށް ހުށަހަޅާފައިވާ މައްސަލަތަކުގައި ރައިސް އޮފީހުން އަމަލުކޮށްފައިވާ
ގޮތަށް ބަލާއިރު ފެންނަން އޮތީ ޤާނޫނުގައިވާ މުއްދަތުތަކަށް އެއްވެސް ވަރަކަށް ބޯލެނބުމެއް
ނެތި ކަންކޮށްފައިވާ މަންޒަރުކަމަށް ރާއްޖެޓީވީން ބުނެފިއެވެ.
ރާއްޖެޓީވީން
އެ ކަންބޮޑުވުން ފާޅުކޮށްފައި ވަނީ އާދިއްތަ ދުވަހު އައިކޮމްގައި ކުރިއަށްދިޔަ
އަޑުއެހުމުގައެވެ.
ރާއްޖެޓީވީން
މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން ރައީސް އޮފީހަށް
ރައްދުވާ ގޮތަށް ގިނަ މައްސަލަތަކެއް ހުށަހަޅައިފައިވެއެވެ. ނަމަވެސް އޭގެ ޖަވާބުތައް ރައީސް
އޮފީހުން ފޮނުވާފައި ވަނީ ވެސް އައިކޮމްއަށް ހުށަހެޅޭ މައްސަލަތަކުގައި ޖަވާބު ފޮނުވަން ޖެހޭ
މުއްދަތުގެ ފަހުންނެވެ.
އާދިއްތަ
ދުވަހުގެ މި އަޑުއެހުމުގައި ރާއްޖެޓީވީގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ރާއްޖެޓީވީގެ
ޑެޕިއުޓީ ސީއީއޯ ނާޒްމީ ސައީދު އަދި ޕްރޮގްރާމް ހެޑު އާމިރު ސަލީމެވެ.
މި އަޑުއެހުމުގައި
ވާހަކަ ދައްކަވަމުން އާމިރު ވިދާޅުވީ، މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ޙައްޤުގެ
ޤާނޫނުގެ ދަށުން މުއްދަތުތަކެއް ކަނޑައެޅިފައިވާ ކަމަށާއި، އެ މުއްދަތުތައް
ޤާނޫނުގައި ހުންނަނީ ވެސް ވަކި ބޭނުމަކު ކަމަށެވެ. ވީއިރު ޤާނޫނުގައިވާ މުއްދަތު
ފާއިތުވެފައިވާތީ ރާއްޖެޓީވީން އަނެއްކާ ވެސް އެ ޝަކުވާ އައިކޮމްއަށް ހުށަހެޅިތަނާ
ރައީސް އޮފީހުން ފުލުފުލުގައި ޖަވާބުތައް ފޮނުވާފައި ވަނީ އިއްތިފާޤަކުންތޯ ވެސް
އާމިރު ވަނީ ސުވާލު އުފައްދަވާފައެވެ.
ޤާނޫނުން ވަކި މުއްދަތުތަކެއް ކަނޑައަޅައިގެން މި ތިބެނީ ކަމަކު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އެއްވެސް މުއްދަތަކަށް އިހުތިރާމު ނުކޮށް އަނެއްކާވެސް ދެން (އައިކޮމްއިން) މި ފާހަގަކުރަނީ ސަމާލުކަން ދެއްވައްޗޭ، ދެން މިސާލަކަށް އަނެއްކާވެސް 10 ދުވަސް ވެގެން އަޅުގަނޑުމެން ޝަކުވާ ހުށަހަޅައިގެން ދާންވީ، ދެމަހަށްވުރެ ގިނަ ދުވަސްވެގެން އައިކޮމްއަށް އަނެއްކާވެސް މައްސަލަ ހުށަހެޅީމާ އިއްތިފާޤަކުން ހުރިހާ ޖަވާބެއް ރައީސް އޮފީހުން އެރޭ ނޫނިއްޔާ އަނެއް ދުވަހު މި ފޮނުވަނީރާއްޖެޓީވީގެ ޕްރޮގްރާމް ހެޑު އާމިރު ސަލީމް
ނާޒްމީ
ސައީދު ވެސް ވަނީ އެ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. އެގޮތުން ޝަކުވާ
ހުށަހެޅިތަނާ ރައީސް އޮފީހުން ޖަވާބުތައް ފޮނުވާފައިވާތީ އެފަދައިން ސުވާލު
އުފެއްދުމުގެ ޖާގަ ހުޅުވިގެންދާކަން ނާޒްމީވެސް ފާހަގަ ކުރެއްވިއެވެ.
އިއްތިފާޤަކުން ނަމަވެސް ރާއްޖެޓީވީން މައްސަލަ ހުށަހެޅިތަނާ ޖެހިގެން އައި ދުވަހު އެ ޖަވާބުތައް ފުލުފުލުގައި އައީމާ އެބަ އޮވޭ ހަގީގަތުގައި މިގޮތަށް ސުވާލު އުފެއްދުމުގެ ޖާގަރާއްޖެޓީވީގެ ޑެޕިއުޓީ ސީއީއޯ ނާޒްމީ ސައީދު
މީގެ އިތުރުން، އަދިވެސް ރައީސް އޮފީހުން އަމަލުކުރާ ގޮތަށް ބަލާއިރު މައުލޫމާތު ދިނުމުގެ އެއްވެސް ނިޔަތެއް އޮތްކަން ފެންނަން ނެތްކަން ރާއްޖެޓީވީން ފާހަގަކުރިއެވެ. އެގޮތުން މިއަދުވެސް ރައީސް އޮފީހުން ލިބެމުންދާ ޖަވާބަކީ ކަމާ ގުޅޭ ސެކްޝަނުން މައުލޫމާތު ސާފުކޮށްފައި ހިއްސާކުރާނެ ވާހަކަ ކަމަށާއި، އެއީ މީގެ 3 މަސްކުރިންވެސް ރައީސް އޮފީހުން ދިން ޖަވާބުކަން ނާޒްމީ ފާހަގަ ކުރެއްވިއެވެ.
އެކަމާ
ގުޅޭގޮތުން ވާހަކަ ދައްކަވަމުން އައިކޮމްގެ ރައީސް އާހިދު ރަޝީދު ވިދާޅުވީ، ރައީސް
އޮފީހުން އަމަލުކޮށްފައިވަނީ ޤާނޫނުގައި ބުނާ ގޮތަކަށް ނޫން ކަމަށާއި، ނަމަވެސް ކޮމިޝަނުން
ވީހާވެސް ބޮޑަކަށް ފުރުސަތު ފަހިކޮށްދޭން މަސައްކަތް ކުރާ ކަމަށެވެ. އަދި
ވިދާޅުވީ، މާ ގިނައިން ތަކުރާރުކޮށް ޤާނޫނާ ޚިލާފުވާނަމަ ފިޔަވަޅުވެސް އަޅުއްވާނެކަމަށެވެ. އަދި ރައީސް އޮފީހުން އަމަލުކުރަމުންދާ ގޮތާމެދު އާހިދުވެސް ކަންބޮޑުވުން ފާޅު ކުރެއްވިއެވެ.
އާހިދު ވިދާޅުވި ގޮތުގައި ރައީސް އޮފީހުން ރައީސްގެ ދަތުރުފުޅުތަކާ ގުޅޭ މައުލޫމާތެއް ފޯރުކޮށްދޭން އެތައް މަސްތަކެއް ހޭދަވެގެން ނުވާނެއެވެ.
ރާއްޖެޓީވީން
ރައީސް އޮފީހަށް ފޮނުވާފައިވާ މައްސަލަތަކުގައި ކަން ހިނގާފައި އޮތީ މުޅީންވެސް
އެގޮތަށެވެ. އެގޮތުން ރައީސް އޮފީހުން ޤާނޫނުގައިވާ މުއްދަތުގައި އެ
މައުލޫމާތުތައް ފޯރުކޮށްދީފައިނުވާއިރު، ރައީސް އޮފީހުން ޖަވާބެއް ދީފައި ވަނީ
ރާއްޖެޓީވީން އައިކޮމްއަށް ޝަކުވާ ހުށަހެޅި ހިސާބުންނެވެ.