ލޮލުގެ ސިއްހީ ހިދުމަތަކީ މުޅި މުޖުތަމައުއަށް ފަސޭހަކަމާއެކު ލިބިގަނެވޭނެ
ހިދުމަތަކަށް ހެދުމަށާއި، ދުޅަހެޔޮ ލޮލުގެ ސިއްހަތަށް ހޭލުންތެރިކުރުމަށް
އައިކެއަރ އިން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ކެއަރ ސޮސައިޓީގެ ބައިވެރިންނަށް
ލޮލުގެ ފެނުން ޗެކް ކޮށް ދިނުމުގެ ހާއްސަ ޕްރޮގްރާމެއް ހިންގައިފި އެވެ.
ކެއަރ ސޮސައިޓީން އަހަރީކޮށް ބާއްވާ ހެލްތު ސްކްރީނިން އިވެންޓަށް
އެއްބާރުލުން ދިނުމުގެ ގޮތުން، އެ ސޮސައިޓީގެ އިމާރާތުގައި ކުރިއަށް ގެންދިޔަ މި
ހިލޭ ސްކްރީނިން ޕްރޮގްރާމްގައި، ތަފާތު ގޮތްގޮތުން ޚާއްސަ އެހީއަށް ބޭނުންވާ
ކުދިންނާއި ބޮޑެތި މީހުން ހިމެނޭ ގޮތަށް ގާތްގަނޑަކަށް 50 ބައިވެރިން
ބައިވެރިވި އެވެ.
އައިކެއަރ އިން ބުނީ މި ޕްރޮގްރާމްގެ މަގްސަދަކީ ލޮލުގެ ފެނުމާ ގުޅޭ މައްސަލަތައް
ކުރީބައިގައި ދެނެގަނެ، ލޮލުގެ ސިއްހަތު ރަނގަޅަށް ބެހެއްޓޭނެ ގޮތްތަކާ ބެހޭ ލަފާ
ދިނުން ކަމަށެވެ. އެގޮތުން މި ޕްރޮގްރާމްގެ ތެރެއިން އައިކެއަރގެ އޮޕްޓޮމެޓްރިސްޓުންގެ ޓީމުން ބައިވެރިންގެ ލޮލުގެ ފެނުމުގެ
އަސާސީ ޓެސްޓުތައް ހަދައި، އިތުރު ފަރުވާ ބޭނުންވާ ފަރާތްތަކަށް ލަފާ
ދީފައިވާ ކަމަށް ވެސް އައިކެއަރ އިން ވަނީ ބުނެފަ އެވެ.
މުޖުތަމައުތަކަށް
ވާސިލްވެ، ލޮލުގެ ސްކްރީނިންގެ ހިދުމަތް ފަސޭހައިން ލިބޭނެ ގޮތް ހެދުމަކީ
އައިކެއަރ ގެ އިޖްތިމާއީ ޒިންމާ (ސީއެސްއާރް) ގެ މުހިންމު ބައެއް ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ. އަދި
ހުރިހާ ފަރާތްތަކަށް ވެސް ހަމަހަމަ ގޮތެއްގައި ފެންވަރު ރަނގަޅު ލޮލުގެ ފަރުވާ
ފޯރުކޮށްދިނުމާއި، ބޭނުންވާ ވަގުތު އެކަށީގެންވާ ލަފަޔާއި އިރުޝާދު ދިނުމުގައި އެ
ކުންފުނިން ދެމިތިބޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.
ލޮލުގެ ސިއްހަތަށް ހޭލުންތެރިކަން އިތުރު ކުރުމާއި، ގަވާއިދުން ލޮލުގެ ޗެކަޕް
ހެދުމުގެ މުހިންމުކަން މުޖުތަމައުތަކަށް ފޯރުކޮށްދިނުމަކީ، އައިކެއަރގެ ސީއެސްއާރް
ހަރަކާތްތަކުގެ ތެރެއިން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދާނެ
މަސައްކަތެއް ކަމަށް އެ ކުންފުނިން ވަނީ ހާމަކޮށްފަ އެވެ.